އޭނާ ގަބޫލުކުރީ އޭނާ ހުރީ މަރުވެފައި ކަމަށް، އެކަމަކު އެއީ އަސްލު ބައްޔެއް
އޭނާ ގަބޫލުކުރީ އޭނާ ހުރީ މަރުވެފައި ކަމަށް، އެކަމަކު އެއީ އަސްލު ބައްޔެއް

ސައިކަލް އެކްސިޑެންޓެއްގައި ވޮރެން މެކްކިންލޭ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި، ހަނދާނަށް ބަދަލުތައް އަ އެވެ. އެކަންކަމުން ސަލާމަތްވީ އިރު ދެން ޖެހުނީ މުޅިން އެހެން ކަހަލަ ސިކުނޑީގެ ބައްޔެކެވެ: ދުނިޔޭގައި ހުރެމެ، މަރުވެއްޖެ ކަމަށް ގަބޫލުކޮށް، އެހެން މީހުންނާ އެކަހެރިވެވުނީ އެވެ.

އޭނާ ގަބޫލުކުރީ އޭނާ ހުރީ މަރުވެފައި ކަމަށް، އެކަމަކު އެއީ އަސްލު ބައްޔެއް
އޭނާ ގަބޫލުކުރީ އޭނާ ހުރީ މަރުވެފައި ކަމަށް، އެކަމަކު އެއީ އަސްލު ބައްޔެއް

ވޮރެންގެ މިޒާޖަށް އެ ބަދަލުތައް އައި ދުވަސްވަރު އެއީ "ހިނގާ އުޅޭ މައްޔިތެކެ"ވެ. އޭނާ އަށް ވަށައިގެން ފެންނަ ކަންކަމަކީ ހަގީގަތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާ އަށް ވިސްނެނީ އޭނާ އަކީ "ރޫހެއް" ކަމަށެވެ. އެއްވެސް އެއްޗެއް ނުކަޔެވެ. މީހާ ހާންތިވާ އިރު ވެސް ކާކަށް އެއްބަހެއް ނުވެ އެވެ. ދިރިހުރި މީހެއް ކަމަށް އޭނާ އަށް ގަބޫލުނުކުރެވޭތީ ކައިބޮއި އުޅުން ވެސް މުހިންމު ނުވަނީ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ވޮރެން ތަހައްމަލްކުރި ކޯޓާޑްސް ސިންޑްރޯމްއާ ކުރިމަތިލާން ޖެހެނީ އެއް ބިލިއަން މީހުންގެ ތެރެއިން އެކަކަށެވެ. ސިކުނޑީގެ އެ މައްސަލަ އިންސާނުންގެ ތެރޭގައި އެހާ ވެސް މަދެވެ.

މި ބަލީގެ ވޭނުގައި އުޅޭ މީހުންނަށް ގަބޫލުކުރެވެނީ ހަށިގަނޑުގެ ބައިތަކަކީ މި ދުނިޔޭގައި ނެތް އެއްޗެއް ކަމަށެވެ. އެ ބަލީގައި ބައެއް މީހުން މަރުވަނީ ނުކައި ބަނޑަށް ތިބެ ހާންތިވެގެން ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.

ވޮރެންގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެންނަން ފެށީ ބުރަކައްޓާއި ޅިނދު ކަށިގަނޑު ބިނދުމުގެ އިތުރުން ދެ ފުއްޕާމޭ ފަޅައިގެން ދިޔަ ސައިކަލް އެކްސިޑެންޓަށް ފަހު އެވެ.

އޭނާ އަށް ފަރުވާ ދޭން ގެންދިޔައީ އަފްޣާނިސްތާނުގެ ހަނގުރާމައިގައި ޒަޚަމްވި ސިފައިންނަށް ވެސް ތަފާތު ފަރުވާ ފޯރުކޮށްދިން ރިހެބިލިޓޭޝަން ސެންޓަރަކަށެވެ. ހަނގުރާމައިގައި ހަތަރެސްފައި ނެތިފައިވާ އެތައް ބަޔަކު އެތަނުގައި އޭރު ތިއްބެވެ.

"އަހަރެންގެ ވަށައިގެން އިވެނީ މަރުވި ކޮންމެވެސް މީހެއްގެ ވާހަކަ. އަހަރެން ވެސް އޭރު އުޅުނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި،" ވޮރެން ކިޔައިދިނެވެ.

"އަހަރެން އެއްވެސް އެއްޗެއް ކާން އިންކާރުކުރިން. އޭގެ ސަބަބަކީ އަހަރެން ހުރީ މަރުވެފައޭ ގަބޫލުކުރެވުން. މަރުވީމަ ކާން ނުޖެހޭނެ ކަމަށް އަހަންނަށް ވިސްނުނީ."

ވޮރެން ބުނި ގޮތުގައި އެދުވަސްވަރު އޭނާ އަށް އިހުސާސްކުރެވުނީ މަރުވެފައި ހުރެމެ، ހިނގާބިނގާވެ އުޅޭ ކަމެވެ. އޭނާ އަކީ، އަމިއްލަ ސިކުނޑި އަށް ވިސްނުނު ގޮތުގައި، ރޫހެކެވެ.

އުމުރުން 35 އަހަރުގެ ވޮރެން ބުނީ ކައިރީގައި ހުރެ ބައްޕަ އޭނާ އަށް ގޮވާ އަޑު ވެސް އިވެ އެވެ. ނަމަވެސް ބައްޕައަކީ ދިރިހުރި މީހަކަށް ވެފައި އޭނާ އަކީ "މަރުވެފައި" ހުރި މީހެއް ކަމަށް ގަބޫލުކުރެވޭތީ އިހުސާސްކުރެވުނީ ބައްޕަ ހުރީ އެތައް ހާސް މޭލެއްގެ ދުރުގައި ކަމެވެ.

ވޮރެންގެ ދެ ކުދިން ތިބެ އެވެ. ނަމަވެސް ހަގު ދަރިފުޅު ރޯ އަޑު އިވުމުން އޭނާގެ ބޮލަށް ވެރިވެގަންނަނީ ވަރުގަދަ ތަދެކެވެ. ދެން އޭނާ އަށް އަވަހަށް ނުކުމެވެނީ ގެއިން ބޭރަށެވެ.

ވޮރެން އަށް އައި ބޮޑު ބަދަލަކީ ސިއްހީ ނުރައްކާތެރި މައްސަލައެއް ކަމެއް އާއިލާގެ މީހުންނަކަށް ފުރަތަމަކޮޅު ނޭނގުނެވެ. ވެގެން އުޅޭ ގޮތުގެ ހަގީގަތް ޑޮކްޓަރަށް އެނގުނީ އޭނާ އަށް ވާ ގޮތް ކިޔައިދިނުމުންނެވެ. އެއީ ކޮން ކަހަލަ ބައްޔެއްކަން ވޮރެން ގާތު އެ ޑޮކްޓަރު ބުންޏެވެ. އެކަމަކު އޭނާގެ ކިބާގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ގަބޫލުކުރަން އޭނާ އަށް ވަރަށް ދަތިވި އެވެ.

ބިނދުނު ފައި ފަސޭހަވެ، ހާއްސަ ފަރުވާ ހޯދަން އޭނާ ދިޔަ ރިހެބަކީ އޭނާގެ ނަސީބެވެ. ކޯޓާޑްސް ސިންޑްރޯމްގެ އުނދަގޫތަކުގައި އުޅުނު އެހެން މީހަކާ އެތަނުން ބައްދަލުވެ ރަހުމަތްތެރިކަން އުފެދުނެވެ. ވޮރެން އަށް އެ ބަލިން ސަލާމަތްވެވުނީ އެމީހާގެ ސަބަބުންނެވެ. އަދި އެމީހާ އަށް ވެސް ހަގީގީ ދުނިޔޭގެ ކަންކަން ގަބޫލުކުރެވުނީ ވޮރެންގެ އެހީތެރިކަން ލިބުމުންނެވެ.

މިހާރު ވެސް މާ އަޑުގަދަވެއްޖެ ނަމަ ވޮރެން އަށް އުނދަގޫވެ އެވެ. ނަމަވެސް މަޑުމަޑުން އެކަން އަންނަނީ ހައްލުވަމުންނެވެ. އިނގިރޭސި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވޮރެން ބުނީ މަރުވެފައިވާ މީހެއް ކަމުގެ އިހްސާސެއް މިހާރު އޭނާއަށް ނުކުރެވޭ ކަމަށެވެ.