ސްޕޭން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގު ހޯދައިފި
ސްޕޭން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގު ހޯދައިފި

މިލާން (އޮކްޓޯބަރު 11) - މެޗު ނިމެން ދިހަ މިނިޓަށްވެފައި ވަނިކޮށް ކިލިއަން އެމްބާޕޭ ޖެހި ގޯލު ވީއޭއާރުގެ އެހީގައި ބަލައިގަނެ، ފަހަތުން އަރައި ސްޕެއިން ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޔޫއެފާ ނޭޝަންސް ލީގު ރޭ ކާމިޔާބު ކޮށްފި އެވެ.

ސްޕޭން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގު ހޯދައިފި
ސްޕޭން ބަލިކޮށް ފްރާންސުން ނޭޝަންސް ލީގު ހޯދައިފި

މިއީ ނޭޝަންސް ލީގު ފައިނަލަށް މި ދެ ޓީމު ވެސް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފުރަތަމަ ހާފުގައި ސްޕެއިނުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ. މި ހާފުގައި އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ ޕަބްލޯ ސަރާބިއާ ފޮނުވާލުމުން ދިފާއުކުރީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އެވެ. އަދި މި ހާފު ނިމުމުގެ ކުރިން ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން އަށް އަނިޔާވެ، އޭނާގެ ބަދަލުގައި ޑަޔުޓް އުޕަމެކާނޯ ވަނީ ކުޅެން އަރުވައިފަ އެވެ.

ސްޕެއިނުން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 64 ވަނަ މިނިޓުގައި މިކެލް އޮޔާޒަބަލް އެވެ. އޭނާ މި ލަނޑު ޖެހީ ސާޖިއޯ ބުސްކެޓްސް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ތިރިތިރިން ފޮނުވާލައިގެންނެވެ.

ނަމަވެސް ސްޕެއިނަށް ލީޑު ހިފަހައްޓާލެވުނީ ދެ މިނިޓަށެވެ. މެޗުގެ 66 ވަނަ މިނިޓުގައި ފްރާންސަށް އެއްވަރު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އެމްބާޕޭ ދިން ބޯޅައެއް އޭރިއާ ކަނުގައި ހުރެ ބެންޒެމާ ފޮނުވާލުމުން ގޯލުގެ މަތީ ކަނަށް ވަނީ ސްޕެއިންގެ ކީޕަރު އުނައި ސިމޮންގެ އަތުގައި ޖެހިފަ އެވެ.

ފްރާންސް މޮޅުވީ 80 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. ތިއޯ ހެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލުމުން، ބޯޅަ ލިބުނުއިރު އެމްބާޕޭ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ސްޕެއިންގެ ޑިފެންޑަރުން ވަނީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހު ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީ އެންތޮނީ ޓޭލާ ނިންމީ އޮފްސައިޑް ނުވާ ކަމަށެވެ.

މިއީ ކުޅުންތެރިއެއްގ ގޮތުގައި ވެސް ފްރާންސް އާއެކު ވޯލްޑް ކަޕާއި ޔޫރޯ މުބާރާތް ކާމިޔާބުކުރި ޑިޑިއޭ ޑެޝޯމްޕްސްގެ ކޯޗުކަމުގައި ފްރާންސް އިން ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. ފްރާންސުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ.

ނޭޝަންސް ލީގު ތިންވަނަ ހޮވި މެޗުގައި ރޭ އިޓަލީން ވަނީ 2-1 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ނިކޯލޯ ބަރޭލާ އިޓަލީއަށް ލީޑު ނަގައިދިންއިރު ދެވަނަ ލަނޑު 65 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޑޮމެނީކޯ ބެރާޑީ އެވެ. ބެލްޖިއަމްގެ ހަމައެކަނި ލަނޑު 86 ވަނަ މިނިޓުގައި ޖަހައިދިނީ ޒުވާން ފޯވަޑް ޗާލްސް ޑި ކެޓެލަޔާ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްރާންސްގެ ކަރިމް ބެންޒެމާ އެވެ. އަދި ނޭޝަންސް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ ކެޕްޓަން ސާގިއޯ ބުސްކެޓްސް އެވެ. މުބާރާތުގައި ދެ ގޯލު ޖަހައިގެން ރަން ބޫޓަށް ވާދަކުރާ ލިސްޓުގައި ތިން ކުޅުންތެރިން ހިމެނުމުން އެވޯޑް ދިނުމުގައި ބެލީ އެންމެ ގިނަ ގޯލު ޖަހަން އެހީތެރިވި ކުޅުންތެރިއަށެވެ. އެމްބާޕޭ އާއި ބެންޒެމާގެ އިތުރުން ސްޕެއިންގެ ފެރަން ޓޯރޭޒް ހިމެނުނު ލިސްޓުން އެވޯޑް ލިބުނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން އެމްބާޕޭ އަށެވެ.