ސަލްމާނާއި ޖޯންގެ ކުރިމަތިލުން އަންނަ މަހު
ސަލްމާނާއި ޖޯންގެ ކުރިމަތިލުން އަންނަ މަހު

ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ތާރީހު ކަމަށްވާ އަންނަ މަހުގެ 26 ގައި ސަލްމާން ޚާންގެ "އަންތިމް" ވެސް ރިލީޒް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ކުރިން ބުނި ގޮތުގައި މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ސަލްމާންގެ ފިލްމު ރިލީޒް ކުރަން ޕްލޭންކުރި އެވެ. އެކަމަކު އޭނާ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި "ޓައިގާ 3" ގެ ޝޫޓިން އަށް އިންޑިއާ އިން ބޭރުގައި އުޅެން ޖެހުމުން "އަންތިމް" ގެ ޝޫޓިންގެ ތެރެއިން ފުރިހަމަ ނުކުރެވި ހުރި ބައެއް ޕެޗްވޯކްތައް ޝޫޓްނުކުރެވި ލަސްވުމާ ގުޅިގެން އަންނަ މަހަށް ފިލްމު ފަސްކުރީ އެވެ.

އެގޮތުން އަންނަ މަހުގެ 26 ގައި ފިލްމު ރިލީޒްކުރަން މިހާރު އަމާޒު ހިފާފައިވާ ކަމަށް ބުންޏެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. މަހޭޝް މަންޖްރޭކަރް ޑައިރެކްޓް ކޮށްފައިވާ "އަންތިމް: ދަ ފައިނަލް ޓުރުތު" ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް ބުނެ އޭގެ ޕޯސްޓަރާއި ލަވައެއް ވެސް މިދިޔަ މަހުގެ ތެރޭގައި ދައްކާލި އެވެ.

ސަލްމާނާ އެކު ޅިޔަނު އާޔޫޝް ޝަރުމާ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

ޖޯންގެ "ސަތިއަމޭވް ޖަޔަތޭ 2" އަކީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ތާރީހު ބަދަލު ކުރަމުން އައި ފިލްމެކެވެ. އަންނަ މަހުގެ 26 ގައި އެ ފިލްމު ރިލީޒް ކުރާނެ ކަން އިއުލާންކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މި ފިލްމު މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 13 ގައި ސަލްމާންގެ "ރާދޭ" އާ އެކު ގެނެސްދޭން ވެސް ކުރިން ނިންމި އެވެ. އެކަމަކު އެ ތާރީހުގައި ސަލްމާންގެ ފިލްމު ރިލީޒްކުރި އިރު، "ސަތިއަމޭވް ޖަޔަތޭ 2" ރިލީޒްކުރުން ފަސްކުރީ އެވެ. މި ފިލްމަކީ ޖޯންއާ އެކު ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ގެނެސްދިން "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.

ސަލްމާނާއި ޖޯން އަލުން ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިއުމަކީ ދެ ފިލްމުގެ ވާދަވެރިކަން ބޮޑުވާނެ ކަމެކެވެ. އެކަމަކު އަދި މަޑުކުރަންވީ "އަންތިމް" އަންނަ މަހުގެ 26 ގައި ގެނެސްދޭނެކަން ސަލްމާން ކަށަވަރުކޮށް ދޭނެ އިރަކަށެވެ.