12 އޮކްޓޯބަރ 2021 - 10:44

މީގެ ހަތަރު އަހަރު ކުރިން 2017 ގައި މިނިވަން ޗެމްޕިއަންޝިޕްގައި ބ. އޭދަފުށި އަތޮޅުބުރުގައި ކުޅުނު ފުރަތަމަ މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައި ޓީމު މޮޅުކޮށްދިން ލަނޑު ޖެހިއިރު ހައިޝަމް ހަސަން (ބިޑި) އަކީ ގްރޭޑް 12 ގައި ކިޔަވަމުން ދިޔަ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭނާގެ ފުރަތަމަ މެޗަށް ފަހު ވެސް އޭރު އޭދަފުށީ ޓީމު ގޮވައިގެން ނުކުތް ކޯޗު، އެ ރަށުގެ ފުޓުބޯޅަ ލެޖެންޑް މުހައްމަދު ޒާހިދު (ބައްޓޭ) ޒުވާން ހައިޝަމްގެ ކުޅުމަށް ތައުރީފު އޮއްސައިލި އެވެ.

"ވަރަށް ޓެލެންޓެޑް، ސްޕީޑީ، ހައިޓް ހުރި ކުޅުންތެރިއެއް ހައިޝަމްއަކީ. އަނެއްކާ އޭނާއަކީ ފިޒިކަލީ ވެސް ޓަފް ކުޅުންތެރިއެއް. ލެފްޓް ވިންގަށް ކުޅޭ މަދު ކުޅުންތެރިންގެ ތެރެއިން އެކެއް އެއީ. މި ފެންވަރުގައި އޭނާ ދެ އަހަރެއްހާ ދުވަހު ކުޅެފިއްޔާ ފުރަތަމަ ޑިވިޝަންގައި ކުޅޭނެ މާ ރަނގަޅަށް ވެސް،" އޭދަފުށި ވޮއިސް އޮންލައިނަށް އޭރު ދިން އިންޓަވިއުއެއްގައި ބައްޓޭ ބުނެފައިވެ އެވެ.

"އަހަރެން ބުނާނީ ހަމަ ގައުމީ ޓީމުގެ ތަރިއަކަށް ވެދާނެއޭ ހައިޝަމް."
ބައްޓޭގެ އެ ވާހަކަތަކަށް ބާރު ލިބެނީ މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ އުރީދޫ ސާފްޗެމްޕިއަންޝިޕް މުބާރާތުންނެވެ. ހައިޝަމް ވަނީ އެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗަށް ވެސް އަރައި ފާހަގަކުރެވޭ ކުޅުމެއް ދައްކައިފަ އެވެ. އެތައް ބައެއްގެ ލޮލުގައި އޭނާގެ ހުނަރު އަޅައިގަތެވެ.
ފުރަތަމަ މެޗުގައި ނޭޕާލުން ގޯލް ޖެހީ ހައިޝަމާއި އެހެން ދެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލާފައި ކަމަށް ވިޔަސް އޭގެ ފަހުން ރާއްޖޭގެ ޓީމުގެ ޑިފެންސް ފޫއަޅުވައިލާ ކޮންމެ ފަހަރަކު ދިފާއުގައި ހުރީ ހައިޝަމެވެ. ބަންގްލަދޭޝް އާއި ލަންކާގެ ފިޒިކަލް ފުޓުބޯޅައާ ދެކޮޅަށް ހައިޝަމް ފެނުނީ ވަރަށް ހަމަޖެހިލައިގެން ކުޅޭ "ކޫލް" ކުޅުންތެރިއެއް ގޮތުގަ އެވެ. އެންމެ ފަހުން ޕްރެޝަރުގައި ކުޅެ ރާއްޖެ އިން ލަންކާ ބަލިކުރި މެޗުގައި އަލީ އަޝްފާގަށް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ހައިޝަމެވެ.
ހައިޝަމަކީ މި ފަހަރުގެ ގައުމީ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އުމުރުން 22 އަހަރުގެ އެ ކުޅުންތެރިޔާގެ ޒުވާންކަމާ އެއް ވަރަކަށް ކުޅުމުގެ ތެރެއިން އޭނާގެ މޮޅުކަން ދަނޑުމަތީގައި އަންނަނީ ދައްކަމުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ޒުވާން ގައުމީ ޓީމުން ހައިޝަމަށް ޖާގަ ލިބުނީ އޭދަފުށި ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) ގެ އެހީތެރިކަމާއެކުގަ އެވެ. ފާއްޓެގެ ސެލެކްޝަން އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އަށް ކަމުދިޔައީ އެވެ.
ތަޖިކިސްތާނުގައި 2017 ގައި އޮތް 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ހައިޝަމް ވަނީ ހުރިހާ މެޗެއްގައި ވެސް ކުޅެފަ އެވެ. އެ އަށް ފަހު، ކްލަބް އީގަލްސްގެ ޒުވާން ޓީމާއެކު އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ވެސް ހަައިޝަމް އެ އަހަރު ހޯދި އެވެ.
ފުރަތަމަ ޑިވިޝަންގެ ކްލަބް އީގަލްސް އިން ޖެހިގެން އައި 2018 ވަނަ އަހަރު ހައިޝަމްގެ ސޮއި ހޯދީ، އެ ޓީމުގެ ފަހަތަށް ކުޅުނު ކުޅުނު މުޖުތާޒް މުހައްމަދު (މުޖޭ) ޓީމު ދޫކޮށް އެ އަހަރު މާޒިޔާ އަށް ބަދަލުވުމުން މުޖޭ ނެތްތަން ފޫބެއްދުމަށެވެ. އީގަލްސް އިން ހައިޝަމްއާ މެދު ކުރި އުންމީދު އޭނާ ވަނީ ވަރަށް ރަނގަޅަށް ހާސިލް ކޮށްދީފަ އެވެ. އެ އަހަރުގެ މާލޭ ލީގު ދެވަނަ އާއި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދިއިރު ހައިޝަމް ވަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއީ ލީގުގައި އެ އަހަރާ ހަމައަށް އީގަލްސް އިން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
ހައިޝަމްގެ ބުރަ މަސައްކަތާއި ގުރުބާނީތަކުގެ ނަތީޖާ ފެންނަން ފެށީ 2019 ގައި މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުން ޖާގަ ލިބުނު ހިސާބުންނެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް ގޭމްސްގައި އޭނާ ކުޅުނީ އެންމެ ފަހު މެޗުގައި މަޔޯޓްއާ ދެކޮޅަށެވެ.
އޭރު ކޯޗަކަށް ހުރި ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ވަނީ ފީފާ ވޯލްޑްކަޕް ކޮލިފައިން އަށް އެކުލަވައިލި ސީނިއާ ގައުމީ ޓީމުގެ ސްކޮޑުން ވެސް ހައިޝަމަށް ފުރުސަތު ދީފަ އެވެ. ގިނަ ބަޔަކު އުންމީދުކުރި ގޮތާ ހިލާފަށް ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ހައިޝަމް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން މޮޅަށް ކުޅެފަ އެވެ.
ގުއާމް އަށް ފަހު ގަލޮޅު ދަނޑުގައި ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހައިޝަމް ހިމެނުމުން ވެސް ރާއްޖޭގެ ބައެއް ފުޓުބޯޅަ އެނަލިސްޓުން ވަނީ ކޯޗުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ނުބަލައި ކޮލިފައިންގެ ފުރަތަމަ މެޗުން ފެށިގެން ކޯޗު ޕީޓާ ސެގާޓް ދިޔައީ އުމުރުން 20 އަހަރުގެ ހައިޝަމަށް އިތުބާރު ކުރަމުންނެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުން ފެށިގެން މިހާތަނަށް ގައުމީ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ވެސް ހައިޝަމް އަންނަނީ ފުރަތަމަ 11 ގައި ކުޅެމުންނެވެ. އޭނާ އަށް ހަމައެކަނި ގެއްލުނީ ކޮލިފައިންގައި މި އަހަރު ސީރިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. ދެ ކާޑު ހަމަވެގެން އެ މެޗުގައި އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ސެގާޓަށް ފަހު ގައުމީ ޓީމާ ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ޖެހިގެން އައި މެޗުގައި ވެސް ހައިޝަމް ވަނީ އަލުން ފުރަތަމަ 11 ގައި ނުކުމެފަ އެވެ.
އެކި ކޯޗުން މިހާތަނަށް ހައިޝަމަށް ކުރި އިތުބާރާއި އުންމީދުގެ ސަބަބުން އޭނާ އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެ ކުޅުންތެރިޔާގެ މުހިންމުކަން ގައުމީ ޓީމަށް ބޮޑުކަން އޭނާ ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަނީ ދައްކައިފަ އެވެ. އެތައް ބައެއްގެ ލޯތްބާއި ސަޕޯޓް ހައިޝަމަށް އަންނަނީ ލިބެމުންނެވެ.
ދަނޑުގަ އާއި ސޯޝަލް މީޑިއާގައި ވެސް ހައިޝަމްގެ ކުޅުމަށް ގިނަ ބަޔަކު ތާއީދު ކުރެ އެވެ. އެއް ބަޔަކު ސިފަކުރާ ގޮތުން ހައިޝަމަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލެފްޓް ބެކް އަހުމަދު ސައީދު (އަންމަޓީ) ފަދަ ކުޅުންތެރިއެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ހައިޝަމަކީ ޖޯޑީ އަލްބާ، ސާޖިއޯ ރޮބާޓޯ އަދި މާސެލޯ ފަދަ ކުޅުންތެރިއެކެވެ. އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސަޕޯޓަރުންގެ މޮޅު ކުޅުންތެރިޔަކަށް ވެސް ވެފައިވަނީ ހައިޝަމެވެ.
ގައުމީ ފެންވަރުގައި ހައިޝަމް ދަނޑަށް ނެރެދިން ކޯޗު މީގެ ހަތަރު އަހަރު ކުރިން ބުނި ބަސް މިއަދު ހަގީގަތަކަށް ވެއްޖެ ކަމުގެ އިހުސާސް ކުރެވޭކަމަށް "މިހާރު" އާ ވާހަކަ ދައްކަމުން އޭދަފުށީ ޓީމުގެ ކުރީގެ ކޯޗު ބައްޓޭ ވަނީ ބުނެފަ އެވެ.
"ހައިޝަމް އަކީ ގައުމީ ޓީމުގެ ސުޕަ ސްޓާރަކަށް ވެއްޖެ ކަމުގެ އިހުސާސް މިހާރު ކުރެވިއްޖެ. ގައުމީ ޓީމުގެ 11 ގައި ހިމެނިގެން ގަވާއިދުން ކުޅެމުން އައި ނަމަވެސް މިއަދު ސަޕޯޓަރުންގެ މެދުގައި އަދި ރާއްޖޭގެ ފުޓުބޯޅައިގައި ވެސް ހައިޝަމްގެ ވިދުން ވަރަށް ގަދަވެއްޖެ،" ހައިޝަމްގެ ކުޅުމާ މެދު ހިތްހަމަޖެހިފައި ހުރި ބައްޓޭ ބުންޏެވެ.
"ހައިޝަމް އަކީ އަހުލާގު ވަރަށް ރަނގަޅު ޕްލޭޔަރެއް. އަބަދުވެސް ކަމަށް ކަމޭހިތައިގެން ވަރަށް ފަރުވާ ބަހައްޓައިގެން ކުޅޭ ގައުމީ ޖޯޝް ހުރި ކުޅުންތެރިއެއް އޭނާއަކީ."
އުމުރުން ހަގު ނަމަވެސް ކޮންމެ ކޯޗަކު ހުއްޓަސް އޭނާގެ މަގާމު ނުގެއްލި އޮތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ހައިޝަމްގެ މަސައްކަތުގެ ރޭޓް ރަނގަޅުވުމެވެ. ކްލަބް ލެވެކްގައި އޭނާ އަށް ކޯޗުކޮށްދިން މުހައްމަދު ސިޔާޒް (މޯހަން) އާއި މުހައްމަދު ޝާޒްލީ (ޝާޒް) ވެސް މީގެ ކުރިން ވަނީ ޕްރެކްޓިސްގަ އާއި ދަނޑުމަތީގައި ވެސް ހައިޝަމް ކުރާ މަސައްކަތް ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ.
މިހާރު ކުރިއަށް ގެންދާ ފޯރިގަދަ މުބާރާތުގައި ހައިޝަމްގެ ފަރާތުން ޔަގީނުން ވެސް އަހަރެމެންނަށް ފެންނަނީ ކޯޗުން އެ ބުނާ ފަދަ ހުނަރެވެ. ފަހަތަށް ބެލުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ އެވެ.