ނަފްސާނީ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ހިފަހައްޓަން ފަޒްނާ އެދިވަޑައިގެންފި
ނަފްސާނީ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ހިފަހައްޓަން ފަޒްނާ އެދިވަޑައިގެންފި

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ ފެންވަރު ހިފަހައްޓައި، ސުލޫކީ މިންގަނޑެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފި އެވެ.

އެކަމަނާ މިހެން ވިދާޅުވީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހުކޮށްދެއްވުމަށް މިއަދު ހަވީރު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މެންޓަލް ހެލްތު ދުވަހާ ގުޅުވައިގެން ބޭއްވި އެ ރަސްމިއްޔާތުގައި ފަޒްނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުންދާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އިހުސާންތެރިވުމުގެ ސިފަ އަށަގަންނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން މުޅި މުޖުތަމައަށް ފައިދާ ވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ނަފްސާނީ ހިދުމަތް ދޭ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި އެ ހިދުމަތުގެ ފެންވަރު ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދޭ ކަމަށެވެ.

ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭންގައިވާ ގޮތުގެ މަތިން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މީހުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމް ކުރެއްވުމަށް ވެސް ފަޒްނާ ގޮވާލެއްވި އެވެ. އަދި ކޯޑް އޮފް އެތިކްސް އަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުވާލެއްވި އެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަގްސަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމައުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.