10 އޮކްޓޯބަރ 2021 - 20:59

ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރައިގެ ގޮތުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވާ އަދަދުތައް ތަންފިޒު ކުރަން ފެށުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން އެޑްވައިޒަރީ ބޯޑުން ފަސް ލަފައެއް އަރުވާފައިވާ ކަމަށެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވާ ގޮތުން އެންމެ ކުޑަ އުޖޫރައެއް ލިބޭ އަމިއްލަ ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. ކަމަށާއި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000ރ. ކަމަށް އެ ބޯޑުން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 8900ރ. ދޭން ޖެހޭނެ ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
ބިދޭސީ މަސައްކަތްތެރިން އެންމެ ކުޑަ މިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދު އިތުރަށް ދިރާސާ ކުރުމަށް ފަހު ފަހުން ލަފާ ދިނުމަށާއި އެ ފަރާތްތަކަށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައަށް އަމަލު ކުރަން ފެށުމަށް ގާނޫނުގައި ބަޔާން ކުރާ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދިނުމަށް ވެސް މިނިމަން ވޭޖް އެޑްވައިޒަރީ ބޯޑުން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ލަފާތައް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ދިރާސާ ކުރުމަށް ފަހު މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ މިނުން ދޭން ޖެހޭ އުޖޫރަ ކަނޑައަޅައި އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިނިމަމް ވޭޖް ބޯޑުން ފާސްކުރި މި ގޮތަކީ ސަރުކާރުގެ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފަޔަށް އަމަލުކުރަން ނިންމަވައި އެކަން އާންމުކުރެއްވުމުންނެވެ.