05 ޑިސެމްބަރ 2016 - 10:07

ނިއު ޔޯކް (ޑިސެމްބަރު 5) - ޗައިނާގެ މާލީ ސިޔާސަތަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ އޮޕަރޭޝަނަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.
ޓައިވާނުގެ ރައީސްއާ މިދިޔަ ހަފުތާގައި ޓްރަމްޕް ފޯނުން ވާހަކަ ދެއްކެވި މައްސަލާގައި ޗައިނާ އިން ހިތްހަމަ ނުޖެހިފައި ވަނިކޮށް ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ޗައިނާ ފައިސާގެ އަގު ދަށް ކުރުމާއި އަސްކަރީ ކޮމްޕްލެކެސްއެއް ހެދީ އެމެރިކާގެ ރުހުން ލިބިގެންތޯ ސުވާލު ކުރައްވައިފަ އެވެ.
ޓައިވާނުގެ ރައީސް އަށް ކުރެއްވި ކޯލާ ގުޅިގެން ޗައިނާ އިން ވަނީ ރަސްމީކޮށް އެމެރިކާ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. މިއީ 1979 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ރައީސަކު ނުވަތަ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ މީހަކު ޓައިވާނުގެ ރައީސްއާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ ޓްރަމްޕުގެ ފޯން ކޯލުގެ ސަބަބުން އެ ގައުމުން ގެންގުޅޭ "އެއް ޗައިނާ" ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޗައިނާ އިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގަ އެވެ. އަދި ޓައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ އަސްކަރީ ހަމަލާ ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އެކަމަކު ޓައިވާނުން ގަބޫލް ކުރަނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ.
ޗައިނާ ފައިސާގެ އަގު ދަށްކުރުމުން އެމެރިކާ އިން ކުރިން ވަނީ ފާޑު ކިޔައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ޗައިނާ އިން އެޅި ފިޔަވަޅުގެ ސަބަބުން އެ ގައުމުގެ އެކްސްޕޯޓަރުންނަށް ފަހިވެ އެމެރިކާގެ ކުންފުނިތަކަށް ވާދަކުރަން އުނދަގޫވެފައިވާ ކަމަށެވެ.