ސްކްރީން އެވޯޑުގައި އަމީތާބާއި އާލިއާ ވިދާލައިފި
ސްކްރީން އެވޯޑުގައި އަމީތާބާއި އާލިއާ ވިދާލައިފި

ސްޓާ ސްކްރީން އެވޯޑްސްގެ އެންމެ މުހިންމު ދެ އެވޯޑް އަމީތާބު ބަައްޗަން އާއި އާލިއާ ބަޓް ހޯދައިފި އެވެ.

އިއްޔެ ރޭ އޮތް އެވޯޑް ހަފުލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަމީތާބު ގެންދިޔައީ "ޕިންކް"ގައި އޭނާ އަދާކުރި މޮޅު ރޯލުންނެވެ.

މިހާރު ބޮލީވުޑްގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ "އުޅްތާ ޕަންޖާބު"ންނެވެ.

ޝާހްރުކް ޚާނާއި ސަލްމާން ޚާން ހުށަހަޅައިދިން ހަފުލާގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމު "ނީރްޖާ" ޑައިރެކްޓްކޮށްގެން ރާމް މަދްވާނީ އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ރޭކާ އަށް ވަނީ ލައިފްޓައިފް އެޗީވްމަންޓް އެވޯޑް ލިބިފަ އެވެ.

ކުރީގެ ދެ ތަރިން ކަމަށްވާ ޝަބާނާ އަޒުމީ އާއި ރިޝީ ކަޕޫރު ވެސް ވަނީ ހާއްސަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އެ ގޮތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރެސްގެ އެވޯޑް "ނީރްޖާ" އިން ޝަބާނާ އަށް ލިބުނު އިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ރިޝީ ހޯދީ "ކަޕޫރު އެންޑް ސަންސް" އިންނެވެ.

އަލަށް ނުކުތް އަަންހެން ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަތަލާއަކަށް ދޭ އެވޯޑް، "އެމް.އެސް ދޯނީ" ކުޅެގެން ދިޝާ ޕަޓާނީ ވަނީ ހާސިލްކޮށްފަ އެވެ. މި ބައިން ފިރިހެނުންގެ އެވޯޑު ގެންދިޔައީ "ނީރުޖާ" އިން ޖިމް ސަރްބް އާއި "މިރްޒިޔާ" ކުޅެގެން ހަރްޝްވަރްދަން ކަޕޫރެވެ.

"އޭ ދިލް ހެ މުޝްކިލް"ގެ މިއުޒިކް ތައްޔާރުކޮށްދިން ޕްރީތަމް އަށް ވަނީ އެންމެ މޮޅު މިޔުޒިކްގެ އެވޯޑް ލިބިފަ އެވެ.

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކީ "އޭ ދިލް ހެ މުޝްކިލް"ގެ 'ބުލެޔާ' ލަވަ ކިޔައިދިން އަމިތު މިޝްރާ އެވެ. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔަކަށް ހޮވުނީ "އެމް.އެސް ދޯނީ"ގެ "ކޯން ތުޖޭ" ލަވަ އިން ޕާލަކް މުއްޗަލް އެވެ.