10 އޮކްޓޯބަރ 2021 - 13:20

އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ރެފިއުޖީ ކޭމްޕަަކުން ފިލައިގެން، ސައުތުއެފްރިކާ އަށް ދަތުރުކުރަނިކޮށް ފޯޅަވަހި ކައިރިން ހިފެހެއްޓި ރެފިއުޖީން ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް އެކަމާ ބެހޭ މައުލޫމާތެއް ރާއްޖެއަށް ދީފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި 59 ރެފިއުޖީން ހިމެނޭ ގޮތުން 85 މީހުން ދަތުރުކުރި ބޯޓެއް ފޯޅަވަހި ކައިރިން އެމެރިކާ ސިފައިން ހިފެހެއްޓީ މޫސުން ގޯސްވެ ހާލުގައި ޖެހިފައި ތިއްބަ އެވެ. އެެމެރިކާ ސިފައިން އެމީހުން ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ޚަބަރު ޖެހި ނޫސްތަކުން ބުންޏެވެ.
ފޮރިން މިނިސްޓްރީން "މިހާރު" އަށް ބުނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
"އެކަހަލަ ކަމެއް ހިނގިކަން އަޅުގަނޑުމެނަށް އެނގިފައެއް ނެތް،" ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިސް އޮފިސަރަކު ވެސް "މިހާރު" އަށް މިއަދު ވިދާޅުވީ ރާއްޖެއާ އެ މީހުން ހަވާލުކޮށްފައި ނުވާކަމަށާއިި ރާއްޖެއަށް އެ މީހުން ނުވެސް ގެންނަ ކަމަށެވެ.
"އެ މީހުން [އިންޑިއާ އިން ފިލައިގެން ދިޔަކަމަށް ބުނާ ރެފިއުޖީން] ރާއްޖޭގެ ސަރަހައްދަކަށް ނުވެސް ވަދޭ. ރާއްޖޭގައި އެމީހުން ނެތްކަމުގެ 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން ދެން،"" އޮފިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދާއި މީހުން ހިފެހެއްޓުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް އެ މީހުންނާ ބެހޭ ގޮތުން (އެމެރިކާ ސިފައިން) ރާއްޖެއާ މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ.
އެމެރިކާ ސިފައިން ހިފެހެއްޓި ރެފިއުޖީން ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާގެ "ދަ ޓައިމްސް އޮފް އިންޑިއާ" ނޫހުން ބުނި ނަމަވެސް އެ މައުލޫމާތު ލިބުނު ގޮތެއް، އެ ނޫހުގައި ބުނެފައެއް ނެތެވެ. އެމްއެންޑީއެފްގެ އޮފިސަރު ވިދާޅުވީ ނޫސްތަކުން ކޮންމެ ގޮތަކަށް ރިޕޯޓްކޮށްފައި އޮތަސް، އެމީހުންނާ ބެހޭ ގޮތުން ރާއްޖެއާ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާ ކަމަށެވެ.