10 އޮކްޓޯބަރ 2021 - 13:35

ފަނޑިޔާރުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި މައްސަލައިގެ ހަސްމުން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ ބަދަލުގައި އިސްތިއުނާފް ކުރުމުގެ ހައްގުގެ ބޭނުންކުރަން ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަނޑިޔާރުން ނިންމާ ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ތަންތަނުގައި ދައްކައި، ފަނޑިޔާރުންގެ މަސައްކަތާ މެދު ސުވާލު އުފައްދައި، ބިރު ދެއްކުމުން އަދުލު އިންސާފުގެ ދާއިރާއާ މެދު ސުވާލު އުފެދި ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ހުރަސް އެޅޭނެ ކަމަށެވެ.
އޭގެ އިތުރުން، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރައި، ވަކި ފަރާތަކުން ދައްކަފާނެ ވާހަކައަކަށް ޖެހިލުން ނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް އެ ކަންކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަމިއްޔާ އިން ގޮވާލާފައި ވަނީ ފަނޑިޔާރަކު ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ނިންމުމެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް ލިބޭ ހައްގުގެ ބޭނުން ހިފުމަށެވެ.
އިސްތިއުނާފުގެ މަގު އިހްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރާ ކަމެއްކަމުގައި ނޫނީ ނުބެލެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެއީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލުމަށް ހުޅުވައިދޭ ފުރުސަތެއް ކަމަށް ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ، ފަނޑިޔާރުން މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށާއި، ފަނޑިޔާރުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށާއި، ފަނޑިޔާރުން ގާނޫނާ ހިލާފުވެއްޖެ ނަމަ އަމަލު ކުރަން ގާނޫނުގައި އޮންނަ ގޮތަށް އަމަލުކުރަން އެ ޖަމިއްޔާއިން ގޮވާލި އެވެ.
ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، ވަކި ފަރާތަކަށް ނުޖެހި ހިންގާ ތަންތަނަށް ހެދުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން އެހީވާން ޖެހޭނެ ކަމަށާއި، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަކަން ވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ހަމައެކަނި ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދީ 2010 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން ބުނާ ގޮތުގައި މިހާރު ރާއްޖޭގައި މަސައްކަތް ކުރާ 90 ޕަސެންޓަށް ވުރެ ގިނަ ފަނޑިޔާރުންނަކީ އެ ޖަމިއްޔާގެ މެމްބަރުންނެވެ.