ޕާކިސްތާނުގެ ބަތަލާ މާހިރާގެ ބޮޑު ބައެއް "ރައީސް" އިން އުނިކޮށްފި
ޕާކިސްތާނުގެ ބަތަލާ މާހިރާގެ ބޮޑު ބައެއް "ރައީސް" އިން އުނިކޮށްފި

ޝާހްރުކް ޚާންގެ "ރައީސް"ގައި ޕާކިސްތާނު ބަތަލާ މާހިރާ ޚާން ބައިވެރިވާތީ ވަރަށް ގިނަ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އެހެންކަމުން މާހިރާގެ ރޯލު ވަރަށް ކުރުކޮށްލަން މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން މާހިރާ ކުޅެން ހަމަޖެހިފައިވާ ލަވައަކާއި ޝާހްރުކްއާ އެކު ކުޅެން އޮތް ރޮމެންޓކް މަންޒަރުތަކެއް ވެސް އުނިކޮށްފި އެވެ.

ފިލްމުން މާހިރާގެ ބައި މުޅިން ކަނޑާ ނުލިޔަސް އޭނާ ފެންނާނީ ވަރަށް މަދު މަންޒަރަކުންނެވެ. ފިލްމުގައި މިހާތަނަށް އޭނާ ކުޅުނު މަންޒަރުތައް ފިޔަވައި އިތުރު މަންޒަރެއް ނުކުޅުވަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވުމުން ޕާކިސްތާނުގެ އެކްޓަރުން ހިންދީ ފިލްމުތަކުގައި ބައިވެރިކުރުން މިހާރު ވަނީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ނުރައްކަލަކަށް ވެފަ އެވެ.

ޕާކިސްތާނު އެކްޓަރު ފަވާދު ޚާނަށް ވެސް އެ މައްސަލަ ކުރިމަތިވި އެވެ. "އޭ ދިލް ހެ މުޝްކިލް" ގައި އޭނާ ކުޅުނު ރޯލުން ބޮޑު ބައެއް އުނިކުރުމުން ފިލްމުގެ ބައެއް ހިސާބުތައް ހަމަވެސް ނުޖެހެ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުންނަށް އެނޫން ގޮތެއް އޭރު ނެތުނީ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "ރައީސް"އިން ފެންނާނީ މާހިރާގެ އެންމެ ލަވައަކާއި ބައެއް މަންޒަރުތަކެވެ. އެއީ މިދިޔަ ފެބްރުއަރީމަހު އިންޑިޔާގެ ބައެއް ރަށްތަކުގައި ޝާހްރުކް ޚާނާ އެކު އޭނާ ޝޫޓްކޮށްފައިވާ މަންޒަރުތަކެވެ.

މާހިރާ އަކީ ޕާކިސްތާނުގެ ބަތަލާއިންގެ ތެރެއިން އެންމެ މަޝްހޫރު އެއް އެކްޓަރެވެ. އަދި "ރައީސް" އަކީ މާހިރާ ބޮލީވުޑަށް ވަނުމުގެ ފުރަތަމަ ފުރުސަތެވެ. ނަމަވެސް މިހާރު މަސްރަހު އޮތް ގޮތުން ޕާކިސްތާނު އެއްވެސް އެކްޓަރަކަށް ބޮލީވުޑުން ޖާގައެއް ނުލިބޭނެ އެވެ.

ގޭންގްސްޓާއެއްގެ ރޯލު ޝާހުރުކް ކުޅޭ "ރައީސް" ގައި މާހިރާގެ އިތުރުން މުހިއްމު ބައެއް އަދާކުރަނީ ނަވާޒުއްދީން ސިއްދީގީ އެވެ. އޭނާ ކުޅެނީ އޭސީޕީ ޣުލާމް ޕަޓޭލް ނަމަކަށް ކިޔާ ފުލުސް އޮފިސަރެއްގެ ބަ އެވެ.

"ރައީސް" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.