ޗައިނާގެ ކުރިމަތީ ތައިވާން ބޮލެއް ނުލަނބާނެ
ޗައިނާގެ ކުރިމަތީ ތައިވާން ބޮލެއް ނުލަނބާނެ

ޗައިނާގެ ފިއްތުންތަކުގެ ކުރިމަތީގައި ތައިވާން ބޯ ނުލަނބާނެ ކަމަށް، ތައިވާންގެ ރައީސް ޓިސާއީ އިންގް-ވެން މިއަދު ވިދާޅުވެއްޖެ އެވެ.

ތައިވާންގެ ރައީސް މިމޭރުމުން ޗައިނާ އަށް ރައްދު ދެއްވީ، މިހާރު ވަކި ވެރިކަމެއް ކުރަމުން އަންނަ ތައިވާން، ސުލްހަވެރި ގޮތުގައި ޗައިނާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ޗައިނާ އިން ކުރާ މަސައްކަތް ހަގީގަތަކަށް ހައްދަވާނެ ކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ތައިވާންގެ ރައީސް ވިދާޅުވި ގޮތުގައި ޗައިނާގެ ފިއްތުންތަކަށް ބެލުމެއް ނެތި، ތައިވާންގެ ދިފާއީ ނިޒާމުތައް ވަރުގަދަކުރުމުގައި ތައިވާން ހުއްޓުމެއް ނެތި ކުރިއަށް ދާނެ އެވެ. އެއީ، ތައިވާންގައި އޮތް ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ގަބޫލުކުރާ ރައްޔިތުންގެ ދިފާއުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައިވާނާއި ޗައިނާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން މިފެށީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެ ޖެއްސުންކުރުމުގެ އަމަލުތަކެއް ހިންގާފައިވަނިކޮށެވެ. ތައިވާނުން ބުނާ ގޮތުގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި، ޗައިނާގެ 150 އަށް ވުރެ ގިނަ، އަސްކަރީ މަތިންދާބޯޓު ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެފައިވެ އެވެ.

އޭގެ ތެރޭގައި ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް ހާއްސަކޮށް އުފައްދާފައިވާ މަތިންދާބޯޓުތައް ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ފައިޓަރު ބޯޓުތައް ވެސް ހިމެނޭ ކަމަށް ތައިވާނުން ބުނެ އެވެ.

ތައިވާންގެ ގައުމީ ދުވަސް ފާހަގަކުރުމަށް ވެރިރަށް ޓައިޕޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޓިސާއީ ވިދާޅުވީ ޗައިނާ އިން ހިންގާ ޖެއްސުންކުރުމުގެ އަމަލުތަކަށް، ތައިވާނުން އަވަސް އަރުވާލައިގެން ރައްދެއް ނުދޭނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ، ޗައިނާގެ ފިއްތުންތަކަށް ތައިވާނުން ބޯލެނބުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާއިން ދައްކާ މަގުން ދަތުރުކުރުމަށް، އެއްވެސް ބަޔަކަށް ތައިވާނަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.

"އޭގެ ސަބަބަކީ، ޗައިނާ އިން ކަނޑައަޅާފައިވާ މަގަކީ، ތައިވާންގެ ރައްޔިތުންނަށް މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި ދިރިއުޅެވޭ ފަދަ މަގެއް ނޫން. އަދި ތައިވާންގެ 23 މިލިއަން މީހުންގެ ސިޔާދަތު ކަށަވަރުކޮށްދޭ މަގެއް ވެސް ނޫން."

ތައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް، ތައިވާނުން ދެކޭ އިރު، ޗައިނާ އިން ބުނާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. ޗައިނާގައި އޭރު އޮތް ސަރުކާރާއި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ލަޝްކަރުތަކާ ދެމެދު 1927-1949 ގައި ހިނގި ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ކޮމިޔުނިސްޓް ޕާޓީން ކުރި ހޯދުމާ ގުޅިގެން، ވެރިކަން ކުރަމުން އައި ޗިއަންގް ކައި-ޝެކް އާއި އޭނާއަށް ވަފާތެރި ހަނގުރާމަވެރިންނާއި ތާއީދުކުރާ މީހުން، ތައިވާނަށް ހިޖްރަކުރި އެވެ.

އެއަށް ފަހު ޗައިނާގެ މައި ބިމުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް ޕާޓީގެ ފަރާތުންނެވެ. ވަކިން ޖަޒީރާއެއްގެ ގޮތުގައި އޮންނަ ތައިވާނުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް އުސޫލުތަކާ އިދިކޮޅު މީހުންނެވެ.