ގެމެނަފުށީގައި ކޮވިޑްގެ ކޭސްތައް 100 އިން މަތީގައި
ގެމެނަފުށީގައި ކޮވިޑްގެ ކޭސްތައް 100 އިން މަތީގައި

ގއ. ގެމަނަފުށީގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށިތާ މަހެއް ވާން ކައިރިވެފައި ވާއިރު، އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ދެ ހަފުތާ ވެއްޖެ އެވެ.

ގެމެނަފުށީގައި ކޮވިޑްގެ ކޭސްތައް 100 އިން މަތީގައި
ގެމެނަފުށީގައި ކޮވިޑްގެ ކޭސްތައް 100 އިން މަތީގައި

އިއްޔެގެ ނިޔަލަށް އެ ރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 101 ގަ އެވެ. މި އަދަދު 130 އިން މައްޗަށް ވެސް ގޮސްފައިވެ އެވެ.

ގެމަނަފުށީގައި ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ ކޭސްތައް ގިނަ ވިޔަސް، ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި އަދި ރަށުގެ އާންމު ހާލަތު ވެސް ގޯސް ނޫން ކަމަށެވެ. އެ ރަށުގައި އެންމެ ގިނައިން ބަލި ޖެހުނީ ޒުވާނުންނަށެވެ.

މިހާތަނަށް އެ ރަށުގައި ބަލީގައި ހާލު ބޮޑުވީ އެންމެ މީހެކެވެ. އުމުރުން ދުވަސްވީ އެ މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް، ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފަ އެވެ.

ގެމަނަފުއްޓަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެ ރަށުގެ އެމްބިއުލެންސް ހަލާކުވެފައި އޮތުމެވެ. އެހެންވެ، ބަލި މީހުން އުފުލަނީ އާންމުންގެ ވެހިކަލްތަކުގަ އެވެ.

"އެމްބިއުލެންސް އޮތީ ގްރައުންޑްވެފައި. އެ ރިޕެއާކުރަން ބޭނުންވާ ސާމާނު އަދި ނުލިބޭ،" އިބްރާހިމް ވިދާޅުވި އެވެ.

ދެ ވަނަ ފަހަރަށް ގެމަނަފުށީގައި ކޮވިޑް ފެތުރެން ފެށީ މަސް ދޯންޏެއްގެ ބަޔަކު ޕޮޒިޓިވް ވެގެންނެވެ. މިހާރު ވެސް ދޯންޏެއްގެ ފަޅުވެރިން ތެރޭ ބަލި ފެތުރި އެ ދޯނި އޮތީ ކަރަންޓީނުކޮށްފަ އެވެ.

މިިހާރު ކޮވިޑް ކޭސްތައް އެންމެ ގިނައީ ރަށްރަށުގަ އެވެ. މާލޭގެ ކޭސްތައް އާންމުކޮށް ދުވާލަކު 30 ދަށުގައި އުޅޭއިރު، މިދިޔަ ހުކުރު ދުވަހު ހަތަކަށް ވެސް ވެއްޓިފައިވެ އެވެ.

ކޮވިޑް ކޭސްތައް މަދުވިއިރު، މި ދުވަސްވަރު އަރިދަފުސް ރޯގާއި ވައިރަލް ހުން ވަރަށް ބޮޑަށް ފެތުރެމުން ދާތީ އެކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.