ރަސްފަރީ ފަރަށް ލިބުނު ގެއްލުމަށް ހިސާބު ހަދައި ޖަވާބުދާރީވާން ފުރުސަތު ދީފި
ރަސްފަރީ ފަރަށް ލިބުނު ގެއްލުމަށް ހިސާބު ހަދައި ޖަވާބުދާރީވާން ފުރުސަތު ދީފި

ކ. ރަސްފަރީ ފަރަށް އާގުބޯޓެއް އަރައިގެން ލިބުނު ގެއްލުމުގެ ހިސާބު ހަދައި ޖަވާބުދާރީވާން ބޯޓުގެ ވެރިފަރާތަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުރުސަތު ދީފި އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ދަތުރު ކުރަމުން ދިޔަ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" އާގު ބޯޓު ރަސްފަރިއަށް އެރުމުން ލިބުނު ގެއްލުން ބަލަން އީޕީއޭއިން ވަނީ ސާވޭއެއް ހަދައިފަ އެވެ.

އެ ސާވޭ އިން އެނގުނު ގޮތުގައި، އެ ފަރުގެ ހެކްޓަރެއްހާ ސަރަހައްދަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އީޕީއޭއިން ސާވޭ ނިންމައި ހޯދި ހޯދުންތަކުގެ މައްޗަށް ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލު ވަނީ ހިސާބުކޮށްފަ އެވެ. އެކަމަކު އެ އަދަދެއް އޭނާ ވިދާޅެއް ނުވި އެވެ.

ނައީމް ވިދާޅުވީ، އީޕީއޭއިން ހެދި ސާވޭގެ ހޯދުންތައް މިހާރު ބޯޓުގެ ވެރިފަރާތަށް ފޮނުވައި އެއަށް ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ޖޫރިމަނާގެ އަދަދު މިހާރު ހިސާބުކޮށްފައި އޮތަސް، ވަކި އަދަދަކުން ޖޫރިމަނާ ކުރަން ނިންމާނީ ބޯޓުގެ ފަރާތްތަކުގެ ބަހެއް ލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯޓުގެ ވެރިފަރާތުން ވެސް ވަނީ ފަރަށް ލިބުނު ގެއްލުން ބަލަން އަމިއްލައަށް ސާވޭއެއް ހަދައިފަ އެވެ.

އެހެންކަމުން، އެ ފަރާތުން ބުނާ އެއްޗެއްގެ މައްޗަށް ޖޫރިމަނާގެ އަދަދު ކުޑަވެދާނެތޯ ސުވާލު ކުރުމުން ނައީމް ވިދާޅުވީ، އީޕީއޭއިން ކަނޑައެޅި އަދަދަށް ވުރެ ޖޫރިމަނާ ކުޑަވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެ މީހުން ޖަވާބުދާރީވާ އިރަށް (ޖުރިމަނާގެ) އަދަދު އަންގާނެ." ނައީމް ވިދާޅުވި އެވެ.

ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބިޔަ އާގު ބޯޓު ރަސްފަރީ ފަރަށް އެރީ އޮގަސްޓް 19 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ 10 ދުވަސް ފަހުންނެވެ.

ބޯޓު އަދިވެސް ރާއްޖޭގައި އޮތް އިރު، ރާއްޖެ ދޫކޮށް ދެވޭނީ 100 މިލިއަން ޑޮލަރުގެ ޑިޕޮޒިޓެއް ބަހައްޓާފައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ އެ ބޯޓަށް އަންގައިފަ އެވެ.