ޑޯލީ ކީ ޑޯލީގައި ސޯނަމް އުޅުނު ގޮތަށް ފިރިމީހާ ފޭރިގެންފި!
ޑޯލީ ކީ ޑޯލީގައި ސޯނަމް އުޅުނު ގޮތަށް ފިރިމީހާ ފޭރިގެންފި!

ފިލްމު "ޑޯލީ ކީ ޑޯލީ" ގައި ކައިވެނިކުރުމަށް ފަހު ފިރިމީހާ ފޭރިގެންފައި ސޯނަމް ކަޕޫރު ފިލަ އެވެ. އެ ފިލްމުގައި ސޯނަމް ކަންކުރި ގޮތަށް، އިންޑިއާގެ އަލަތު އަންބަކު ވަނީ ފިރިމީހާގެ ފައިސާތައް ހިފައިގެން ފިލައިފަ އެވެ.

ކައިވެނީގެ ފުރަތަމަ ރޭ ޕަންކަޖަށް ލިބުނީ އަނބިމީހާގެ ލޯތްބެއް ނޫނެވެ. އޭނާ އަށް ކުރިމަތިލާން ޖެހުނީ މަކަރުވެރިކަމާ އެވެ.

މޯދީނަގަރްގައި ހުންނަ ޕަންކަޖްގެ ގެއަށް އަނބިމީހާ ގެންދިޔައީ ކައިވެނީގެ ރަސްމިއްޔާތަށް ފަހު އެވެ. އަނބިމީހާގެ އަތުން ފުރަތަމަ ފަހަރަށް ފެން ތައްޓެއް ބޯލަން ލިބުމުގެ އުފަލުގައި އޭނާ އިނެވެ. އެކަމަކު އަންހެނުން ސިއްރުން ކުރަމުން ދިޔައީ އެހެން ކަމެކެވެ؛ ފެން ތައްޓަށް އެޅީ ނިދާ ބޭހެވެ.

އެ ފެން ތަށި ބޯލުމާ އެކު ޕަންކަޖް އެނދުމައްޗަށް ދެމުނީ އެވެ. އެ ހިސާބުން ކޮޓަރީގެ އެތަން މިތަން ހާވައިގެން ފެނުނު 77،000 ރުޕީސް އާއި 175 ގްރާމް ރަން ގަހަނާ ހިފައިގެން، އަނބިމީހާ ފިލާ ރައްކާވީ އެވެ.

ނިދާ ބޭސް ދިން މިންވަރު މަތިކަމުން ޕަންކަޖަށް އަނެއް ދުވަހު ހެނދުނު ވެސް ހެއެއް ނުލެވުނެވެ. އޭނާ ހޭލައްވާލީ އާއިލާގެ މީހުން ކޮޓަރިއަށް ވަދެ ފެން އަޅާ ހަދައިގެންނެވެ.

މިވަރުގެ ލަނޑެއް އަނބިމީހާ ދިނީ ކީއްވެގެން ކަމެއް ޕަންކަޖަށް ވެސް އަދި އޭނާގެ އާއިލާއަކަށް ވެސް ނޭނގެ އެވެ. އަދި އަންހެންމީހާ ފިލައިގެން ދިޔަ ތަނެއް ވެސް ނޭނގެ އެވެ.

ޕަންކަޖްގެ އާއިލާ އިން މިހާރު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް އެބަ ގެންދެ އެވެ.