ޑޮލަރުގެ ރޭޓް 15.42ރ. ގައި ހިފަހައްޓަން އުސޫލުތައް ހަރުކަށިކުރަންޖެހޭ: އައިއެމްއެފް
ޑޮލަރުގެ ރޭޓް 15.42ރ. ގައި ހިފަހައްޓަން އުސޫލުތައް ހަރުކަށިކުރަންޖެހޭ: އައިއެމްއެފް

ރާއްޖޭގައި ޑޮލަރުގެ ރޭޓް 15.42ރ. ގައި ޕެގް ކޮށްފައި ބަހައްޓަން ބޭނުން ނަމަ މިހާރު ގެންގުޅޭ މަނިޓަރީ ޕޮލިސީ ހަރުކަށިކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އައިއެމްއެޕް އިން ނެރުނު ބަޔާނުގައި ބުނީ، މަނިޓަރީ އުސޫލު ޒަމާނީ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށް އުސޫލުތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ބުންޏެވެ.

އައިއެމްއެފުން ބުނީ ކޮވިޑްގެ ސަބަބުން އިގްތިސާދު ހަމައަކަށް އަޅުވަން ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނީގެ ހާލަތު ހަމައަށް އަޅުވަން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އައިއެމްއެފުން ވަނީ ގޮވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓެޖީ" ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ދަރަނި މިވަގުތު ހުރީ 78 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 108 ޕަސެންޓެވެ.

ދައުލަތުން ކުރާ ހަރަދާއި ލިބޭ އާމްދަނީ އާއި ނުބައްދަލު އިރު އެކަން ހަމައަކަށް އަޅުވަން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ޑައިވާސިފައި ކުރަން ޖެހޭ ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ. އެތަނުން ބުނީ ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕް ކުރުމާއި އެ ނޫން ގޮތް ގޮތަށް މަރުކަޒީ ބޭންކް މެދުވެރިކޮށް ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރަން ފައިސާ ހޯދާތީ ކަންބޮޑުވާ ކަމަށެވެ. އޭގެ ބަދަލުގައި ދަރަނި މެނޭޖްކުރަން އާ ސިޔާސަތުތަކެއް އެކުލަވައިލުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން ކުރިމަތިވާ ކުއްލި ހާލަތްތަކުން ސަލާމަތްވުމަށް މިހާރަށް ވުރެ ހަރުދަނާ "ކޮންޓިންޖެންސީ ޕްލޭން" އެއް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ހިންގާ ބޭންކްތައް މިހާރަށް ވުރެ ރަގަޅަށް ބަލަހައްޓައި މާލީ ގޮތުން ދެ ފުށް ފެންނަ ނިޒާމެއް އެކުލަވައިލަން ޖެހޭ ކަމަށެވެ.