ޓެޓޫ ޖެހުމުން ކެންސަރަށް މަގުފަހިވޭ: ދިރާސާ
ޓެޓޫ ޖެހުމުން ކެންސަރަށް މަގުފަހިވޭ: ދިރާސާ

ޓެޓޫ ޖެހުމަކީ ބޭރު ޒުވާނުންގެ ފަރާތުން މިހާރުގެ ފެންނަ ޒަމާނީ އާދައެކެ އެވެ. ކުޅިވަރު ކުޅުންތެރިންނާއި ދުނިޔެ އަށް މަޝްހޫރު އެތައް ބައެއްގެ ހަށިގަނޑުން ތަފާތު ވައްތަރުގެ ޓެޓޫ ފެނި، އެއީ ފެޝަނަކަށް ވަނީ ބަދަލުވެފަ އެވެ. މި އާދަ އޭޝިއާ މީހުންގެ މެދުގައި ވެސް އަންނަނީ ގިނަވަމުންނެވެ.

އެކަމަކު ޓެޓޫ ޖެހުމުގައި ސިއްހީ ގެއްލުމެއް ސައިންސްވެރިންނަށް މިހާރު ވަނީ ފެނިފަ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޓެޓޫ ޖެހުމުގެ ސަބަބުން ކެންސަރަށް މަގުފަހިވެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ޓެޓޫ ޖަހަން ބޭނުންކުރާ ދެއްޔަކީ ވިހައެކެވެ.

ޔޫރަޕިއަން ކެމިކަލް އެޖެންސީން ކުރި ދިރާސާތަކަކަށް ފަހު ނެރުނު ރިޕޯޓެއް ބުނާ ގޮތުން ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގެ ނުރައްކާތެރިކަން ހުރި މިންވަރު މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ.

އެ އެޖެންސީން ބުނާ ގޮތުގައި އެ ދެލިން އާއްމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ބަޔާންކޮށްފައިވާ ވަރަށް ގިނަ ރިޕޯޓުތައް ވަނީ ނެރެފަ އެވެ.

ޓެޓޫ ޖެހުމުގައި އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ޓެޓޫ ޖަހަން ބޭނުންކުރާ ދެލީގައި ހުންނަ ބައެއް މާއްދާތައް އިންސާނުންނާ ނުގުޅި، އެލާޖިކް ވުމެވެ. ދެލީގެ ސަބަބުން ކެންސަރު ޖެހުމާއި އޭގައި ހުންނަ އެނޫން ވެސް ވިހަ މާއްދާތަކުގެ ސަބަބުން ދިމާވާ ސިއްހީ ބޮޑެތި މައްސަލަތައް މިހާރު ފާހަގަވެ އެވެ.

ޓެޓޫ ޖަހާ ދެލި ބަލާ ޓެސްޓްކުރުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިހާތަނަށް ކުރަމުން އަންނަ ކަމެއް ނޫނެވެ. ނަމަވެސް އެއްވެސް ބާވަތެއްގެ ކެމިކަލްއަކުން ގެއްލުންވާ ކަމަށް ފެނިއްޖެ ނަމަ އެ ކެމިކަލެއް މަނާކުރެ އެވެ. އެހެންކަމުން ޓެޓޫ ޖަހާ ދެލި ބޭނުންކުރުމުގެ އުސޫލުތައް ހަރުކަށިކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޓެޓޫ ޖަހާ ރަތް ދެއްޔަކީ ޑާމަޓައިޓީސް ކިޔާ ހަމުގެ ބައްޔެއް ޖެހެން މެދުވެރިވާ އެއްޗެކެވެ. މި ބަލި ޖެހުމުން ހަންގަނޑު ދުޅަވެ ފާރު ވެސް ވެއެވެ. ސަބަބަކީ ރަތް ދެލީގައި މާކަރީ ސަލްފައިޑް އެކުލެވޭތީ އެވެ.
ރަތް، ނޫ، ފެނި އަދި ދަނބުކުލައިގެ ދެލިން ވެސް ހަންގަނޑުގައި ބޮޑެތި ބިހިތައް ނަގާ ހަންގަނޑު ހަލާކުވާން މެދުވެރިވެ އެވެ.

ކަޅު ނުވަތަ "ނިއުޓްރަލް" ހީނާފަތަކީ ވެސް އެހާމެ ގެއްލުން ހުރި އެއްޗެކެވެ. އޮރެންޖު ކުލަ އަރާ އެއްވެސް އެއްޗެއް އެއްނުކޮށް ހުންނަ އަސްލު ހީނާފަތާ ޚިލާފަށް ހީނާފަތުގެ ނަމުގައި ވިއްކާ ކަޅު ކުލައިގެ ބާވަތުގައި ކެމިކަލް ޑައި އެކުލެވެ އެވެ. މިއީ ވަރަށް ބާރުގަދަ އަދި ވިހަ އެއްޗަކަށް ވާތީ ހަންގަނޑުގައި އުނގުޅުން މުޅިން މަނާ އެއްޗެކެވެ.

ކަޅު ކުލައިގެ ހީނާފަތަކީ ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށް ބުނެ ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ އިންޒާރު ދެމުންނެވެ. އެ ބޭނުންކޮށްގެން ދިމާވާ އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލަކާ މުޅި އުމުރަށް ކުރިމަތިލާން ޖެހިދާނެ އެވެ.