ކަރަންޓީންވާން ނުޖެހޭ ގޮތަށް 11 ގައުމަކަށް ސިންގަޕޫރު ހުޅުވާލަނީ
ކަރަންޓީންވާން ނުޖެހޭ ގޮތަށް 11 ގައުމަކަށް ސިންގަޕޫރު ހުޅުވާލަނީ

ސިންގަޕޫރު (އޮކްޓޯބަރު 10) - ވެކްސިން ފުރިހަމަކޮށްފައިވާ 11 ގައުމެއްގެ މީހުންނަށް ކަރަންޓީނުވުމެއް ނެތި ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބޮޑުވަޒީރު ލީ ސިއެން ލޫން ވިދާޅުވީ މިދިޔަ މަހު ޖަރުމަނާއި ބްރޫނީ އަށް ތައާރަފްކުރި ވެކްސިނޭޓެޑް ޓްރޭވަލް ލޭންސް (ވީޓީއެލް) ކާމިޔާބު ކަމަށެވެ. އަދި އިތުރު ނުވަ ގައުމަކަށް ވީޓީއެލް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ވެކްސިން ޖަހާފައިވާ ކެނެޑާ، ޑެންމާކް، ފްރާންސް، އިޓަލީ، ނެދަލޭންޑްސް، ސްޕޭން، އެމެރިކާ އަދި އިނގިރޭސި ވިލާތު މީހުންނަށް މި މަހު 19 އިން ފެށިގެން ސިންގަޕޫރު ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ސައުތު ކޮރެއާ މީހުންނަށް ހުޅުވާލާނީ ނޮވެމްބަރުން ފެށިގެންނެވެ.

ބޮޑުވަޒީރު ލީ ވިދާޅުވީ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުން އެނގިގެން ދިޔަ ކަމަކީ މިއީ ފިލައިގެންދާނެ ބައްޔެއް ނޫން ކަމަށާއި ދެން އޮތް ގޮތަކީ ނިއު ނޯމަލްގައި ކޮވިޑާ އެކު ކުޅެން ދަސްކުރުން ކަމަށެވެ. ބޮޑުވަޒީރު ލަފާކުރައްވަނީ ތިން މަހާއި ހަ މަހާ ދެމެދު ނިއު ނޯމަލަކަށް ދެވޭނެ ކަމަށެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް ހުޅުވާލި ނަމަވެސް ސިންގަޕޫރަށް އެތެރެވުމުގެ ކުރިން ކޮވިޑް ޓެސްޓް ހަދައި ބަލި ނެތްކަން ޔަގީންކުރަން ޖެހެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސިންގަޕޫރުގައި މިހާރު ވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ޓްރޭޑް މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނަށް މޯލްތަކާއި ކެފޭތަކާއި ފުޑް ސެންޓަރުތަކަށް ނުވަދެވޭނެ ކަމަށެވެ. ވެކްސިން ޖަހާފައިވީ ނަމަވެސް ވަދެވޭނީ ފަހަރަކު ދެ މީހުންނަށެވެ. ކެފޭތަކުގައި މޭޒެއްގައި ތިބެވޭނީ ވެސް ދެ މީހުންނަށެވެ.

އެހެން ގައުމުތަކުގައި ކޮވިޑް ޕީކަށް އަރައިގެން ދިޔައިރު ސިންގަޕޫރުން ވަނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އާބާދީގެ 80 ޕަސެންޓަށް ވެކްސިން ޖެހުމާ އެކު ދިން ލުއިތަކާ އެކު އަނެއްކާވެސް ކޭސްތައް ވަނީ އޮގަސްޓް މަހު ފަހު ކޮޅުން ފެށިގެން އިތުރުވާން ފަށައިފަ އެވެ. އޮކްޓޯބަރު 7 އާ ހަމައަށް ވަނީ އާބާދީގެ 83 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހައިފަ އެވެ. ފަހަކަށް އައިސް ސިންގަޕޫރުގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 3،500 އަށް އަރައިފަ އެވެ.

ސިންގަޕޫރުން މިހާތަނަށް ވަނީ 120,454 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 142 މީހުން މަރުވެފަ އެވެ.