ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!
ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!

މި ވަގުތު ރާއްޖެ އަށް ބޭނުންވާ މައުނަވީ ލާމަރުކަޒު ކުރުމަކީ ވަޒީފާތަކާއި ދައުލަތުގެ އިދާރާތައް އަތޮޅުތަކަށް ބަދަލުކުރަން ކެރުމެވެ. މިކަމަކީ ލާމަރުކަޒު ކުރުމުގެ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަކުން ކުރެވޭނޭ ކަމެއް ނޫނެވެ.

ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!
ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!

އެންމެ ފަހުން ރާއްޖޭގައި ބޯހިމެނި އަހަރު ކަމުގައިވާ 2014 ގެ ނަތީޖާ އާ ވިދިގެން، ގައުމީ ސްޓެޓިސްޓިކްސް ބިޔުރޯ އާއި ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯ ޕޮޕިޔުލޭޝަންސް އެކްޓިވިޓީސް، (ޔޫއެންއެފްޕީއޭ) އާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅެ، ހިޖްރަ ކުރަމުން ދާ ގޮތުގެ މައްޗަށް ބިނާކޮށް 40 އަހަރު ފަހުން، 2054ގައި، ރާއްޖޭގެ ރަށްތަކުގައި މީހުން ދިރިއުޅޭނެ އަދަދަތުކާ ބެހޭ އަންދާޒާއެއް ނެރުނެވެ.

ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!
ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!

މި އަންދާޒާ ދައްކާގޮތުގައި 2014-2054 އަށް ރާއްޖޭގެ އާބާދީ، 190 ހާހުން އިތުރެވެ، ޖުމްލަ 328 ހާހުން 518 ހާހަށް ބަދަލުވާނެ އެވެ. ސާޅީސް އަހަރުގެ ތެރޭގައި 190 ހާސް އިތުރުވުމަކީ ހައިރާން ކުރުވަނިވި ކަމަކަށް ނުވިނަމަވެސް، މި އަންދާޒާ ދައްކާގޮތުން މާލޭގެ އާބާދީ މި މުއްދަތުގައި 225 ހާހުން އިތުރުވެ، އަތޮޅުތަކުގައި ދިރިއުޅޭ އާބާދީ 32 ހާހުން މަދުވާނެ އެވެ.

ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!
ލާމަރުކަޒީގެ ހަގީގީ ފެށުމަކީ ދައުލަތުގެ ވަޒީފާތަކާއި އޮފީސްތައް ރަށްރަށަށް ބަދަލުކުރުން!

މި އަންދާޒާގެ ބައެއް އަދަދުތަކަށް ބަލާލަމާތޯ އެވެ؟

ޔޫއެންއެފްޕީއޭގެ މި އަންދާޒާއަކީ 2014 އާ ހަމައަށް ރާއްޖޭގެ އާބާދީ މާލެއަށް ހިޖްރަ ކުރަމުންދިޔަ ގޮތުގެ މައްޗަށް ކޮށްފައިވާ އަންދާޒާއެކެވެ. އެ ހިސާބުޖެހިއިރު، 7،000 ހިޔާ ފްލެޓާއި، އަނެއްކާ އަނެއް 5،000 އަށް ވުރެ މަދުނޫން ފްލެޓުތަކުގެ ވާހަކައެއް އަދި ނުދެކެވެއެވެ.

ވިޔާފާރިތަކާއި ސިޔާސީ ބާރުވެރިކަން މޫ ލާނީ މީހުން ޖަމާވާ ސަރަހައްދެއްގަ އެވެ. ފަސް ހާސް މީހުންނަށް މަޖިލިސް މެންބަރެއްގެ ނިސްބަތުން (ހަމައެކަނި ދިރު އުޅޭނޭ ސަރަހައްދަށް ބަލާނަމަ) 2054 މާލޭގައި 71 މެންބަރުން ތިއްބަވާނެ އެވެ. އަތޮޅުތައް ތަމްސީލު ކުރައްވަން ތިއްބަވާނީ ނުލާހިކު އާދައިގެ 32 މެންބަރުންނެވެ.

ގައުމެއް އާރާސްތު ވެގެންދާއިރު، ގިނަ މީހުން ދިރިއުޅޭ، ސަރަހައްދަކަށް އެހެން މީހުން ޖަމާ ވާން ފަށަ އެވެ. ދަގަތްފާނަށް ދަގަނޑު ދަމާ ބީދައިން މިއީ ގުދްރަތީ ނިޒާމެކެވެ. ގިނައިން މީހުން ދިރިއުޅެން ފެށުމުން، ކުދި ވިޔަފާރިތަކާއި، ވަޒީފާގެ ފުރުސަތުތައް އުފެދި އިގްތިސާދީ މަސައްކަތް އާލާވެ, ކުދި ކުންފުނި ބޮޑެތިވުމަށް މަގުފަހިވެއެވެ. އެދުރެގެތައް އުފެދި ބޮޑެތިވެ، މަދްރަސާތައް ސްކޫލްތަކަށް ބަދަލުވެދެއެވެ. ހެލްތް ސެންޓަރުތައް ފުޅާވެ، ޓާޝަރީ ހޮސްޕިޓަލުތަކުގެ ގޮތުގައި ނަންބޯޑު ބަދަލުވާނެ އެވެ.

މާލެއަށް މީހުން ބަދަލުވާން ފެށީ އަސާސީ ބޭނުންތަކުގަ އެވެ. ޑަކްޓަރަށް ދައްކާ، ދަރިންނަށް ކިޔަވައިދީ، ވަޒީފާގެ ފުރުސަތު ހޯދާށެވެ. ތިރީސް އަހަރު ފަހުން، މިއަދު، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ހޮސްޕިޓަލުތަކާއި ސްކޫލާއި ޔުނިވާސިޓީ ހުރީ މާލޭގަ އެވެ. ކޭއެފްސީ އާއި، ޕިއްޒާހަޓާއި ބިގްމޭން ވެސް ހުރީ މާލޭގަ އެވެ. އެންމެ ރަނގަޅު ކޮފީ މޭޒުތަކާއި އަރަބި، މޮރޮކޯ، ޗައިނީސް، އިންޑިއަން ކެއުންތައް ލިބެން ހުރީ މާލޭގަ އެވެ.

ރާއްޖެއަރަން ނިންމާދުވަހު، މެކްޑޮނަލްޑް ވެސް ހުޅުވޭނީ ހަމަ މާލޭގައެވެ. ސަޅި ސެލޫނާއި މޮޅު ޖިމް، އަދި ހިތްފަސޭހަ ސްޕާތައް ހުރީ މާލޭގައެވެ. އޮސްޓްރޭލިޔަން ބީފާއި ފްރެންޗް ޔޯގަޓާއި ހާގެންޑާސް އައިސްކްރީމް ލިބެން ހުރީވެސް މާލޭގައެވެ. ދައުލަތުގެ އޮފީސްތަކާއި ކޯޓްތައް ހިނގައި، ސިޔާސީ މަޝްވަރާތައް ކޮށް ހަދަނީ މާލޭގައެވެ. ރައްޓެހިންނާ ތިމާގެ މީހުން، އަނބިންނާ، ދެން އިންނަން ހުރި ކަލޭގެޔާ، ވަރިކުރި ފުޅާއި، ކުދިންނާއި ދޮންދަރިން ތިބީ މާލޭގައެވެ.

އަމިއްލަ ޒާތުގައި ހިނގަން ދޫކޮށްލައިފި ނަމަ ދަގަތްފާނަށް ދަމާ މިންވަރު ދާނީ ގަދަވަމުންނެވެ. ޔޫއެންއެފްޕީއޭގެ ދިރާސާގައި ޖަހާފައިވަނީ އެ ހިސާބެވެ. ސާޅީސް އަހަރުގެ ތެރޭގައި މާލޭގެ އާބާދީ 225 ހާހުން އިތުރުވެ، މުޅި ވ. އަތޮޅުގެ އާބާދީ އެންމެ 543 އަށް ދަށްވެ، ހުވަދޫގެ އާބާދީ 13،886 އިން މަދުވެ، ޖުމްލަކޮށް އަތޮޅުތަކުގައި ދިރިއުޅޭ އާބާދީ 32،000 އިން މަދުވާނެ ކަމަށް އެ ބުނަނީ އެހެންވެގެންނެވެ. މިއީ އަޅުގަނޑުމެން ދެކެން ބޭނުން ދުވަހެއް ބާވައެވެ؟

ހަގީގީ، މައުނަވީ، ޑީ ސެންޓްރަލައިޒޭޝަންއަކީ މެނިފެސްޓޯ ވައުދަކުން، ނުވަތަ ކިޔާ ފަރިއްސަކުން ކުރެވޭނޭ ކަމެއް ނޫނެވެ. ޑީސެންޓްރަލައިޒް ކުރެވޭނީ މުޅި ސަރުކާރު އެކަމަށް ކެރުނު ދުވަހަކުންނެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ 'ލެވެލިން' ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން 2020 ގެ މާޗްގައި، އިނގިރޭސި ޗާންސެލަ އޭނާގެ ބަޖެޓުގައި 22،000 ސިވިލް ސާވިސް ވަޒީފާ 2030 ގެ ކުރިން ލަންޑަނުން ބޭރަށް ގެންދާނެ ކަމަށް އިއުލާނު ކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސާތާ އެއްގޮތްވާގޮތުގެ މަތިން ވަކިވަކި ޑިޕާޓްމަންޓްތަކުގެ ޕްލޭންތައް ހަދައި އިމްޕްލިމެންޓް ކުރުމަށް އިނގިރޭސި ކެބިނެޓުން ނިންމައި، އިިނގިރޭސި ސިވިލް ސާވިސްގެ ހެޑްކުއާޓަރެއް ސްކްޓްލޭންޑްގެ ގްލާސްގޯގައި ގާއިމުކުރުމަށާއި، އިނގިރޭސި ޓްރެޒަރީ ޑާލިންޓަނަށް ބަދަލުކުރުމަށް އިއްލާނުކޮށް، އެހެން ވުޒާރާތަކުން އެ މީހުންގެ ވަކިވަކި މަގުޗާޓުތައް އިއުލާނު ކުރަން ފެށިއެވެ. ދެހާސް އަށާވީހުގެ ކުރިން 400 ވަޒީފާ ލަންޑަނުން ބޭރުކޮށް، ޖުމްލަ 977 މިލިއަން ޕައުންޑްގެ ރީ އޯރގަނައިޒޭޝަނެއްގައި، 60 ޕަސެންޓް ޓީވީ ޕްރޮގްރާމްތައް ލަންޑަނުން ބޭރުގައި އުފެއްދުމަށް ބީބީސީން މާޗް މަހު އިއުލާނު ކުރިއެވެ.

މިއިން އެއްވެސް ކަމެއް ހިންގާކަށް ފަސޭހައެއް ނުވާނެ އެވެ. ލަންޑަނުގެ އިއްޒަތުގައި، ވަޒީފާ އަދާ ކުރަމުންގެންދާ ފަރާތްތަކަށް މިއީކީ ފަސޭހައިން އެއްބަސްވެވޭނޭ ކަމަކަށް ވެސް ނުވާނެ އެވެ. މިހާރު ވެސް، އެކި ނަމުގައި އެކި ޖަމްއިއްޔާތަކުން ދަނީ މިކަމަށް ފާޑުކިޔައި، އަދަދުތަކާ މެދު އަރާރުން ވަމުންނެވެ.

އަޅުގަނޑުމެންގެ ވެށީގައި ވެސް ލާމަރުކަޒު ކުރުމުގެ ލަވައިގެ އަންބާގައި ބައިވެރިވާނަމޭ ބުނެ ބަސް އިއްވާ ފަރާތްތައް ގިނަ ނަމަވެސް، ފަހު ވަގުތު ފަހަތު ފަޔަށް ބުރަ ނުވާނޭ ކަމަކަށް ހީކުރާކަށް ނުވާނެ އެވެ.
ކޮވިޑް ލޮކްޑައުންގައި ގޭގައި ތިބެގެން ދައުލަތް ހިންގި މީހުންނަށް، އަތޮޅުތަކަށް ވަޒީފާތައް ބަދަލުކޮށް ހިދުމަތް ދެވޭނޭ ކަމާމެދު ޝައްކު އުފެދެނެކީ ނޫނެވެ. އެކަމަކު ބޮޑެތި މީހުންނާ، ބޮޑެތި ވާން ބޭނުން ފަރާތްތަކާއި، އެ ފަރާތްތަކުގެ އިންވެސްޓްމަންޓާއި، ޝީޝާ ލިބެން ހުރި ކޮފީ މޭޒުތައް މާލޭގައި ހުރުމުގެ ސަބަބުން ފޫ ހޭކެނީ އެވެ. އެއީ ހައިރާން ވާންވީ ކަމެއް ނޫނެވެ.

މައުނަވީ ގޮތުގައި ލާމަރުކަޒް ކުރެވޭނީ ސަރުކާރަށް ކެރުނު ދުވަހަކުންނެވެ.

އެޑިޓަރުގެ ނޯޓް: މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ކޯ ފައުންޑަރ އަދި ކޯ އެޑިޓަރު އާތިފަކީ ދިވެހި އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތްކަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެފައިވާ ބޭފުޅެކެވެ.