07 ޑިސެމްބަރ 2016 - 06:23

އުމުރުން 19 އަހަރު ނުފުރެނީސް ބްރޮކް ބްރައުންގެ އިސްކޮޅުގައި ހަތް ފޫޓު އަށް އިންޗި ހުއްޓެވެ. އެހެންކަމުން އޭނާ ވީ ދުނިޔޭގައި ހުރި އެ އުމުރުގެ އެންމެ ދިގު ޒުވާނާ އަށެވެ.

އެމެރިކާގެ މިޝިގަންގައި ދިރިއުޅޭ ބްރޮކްގެ މަންމަ ބުނާ ގޮތުގައި ދަރިފުޅު ދިގުވުން ދުވަހަކު ވެސް ނުހުއްޓިދާނެ އެވެ.
އާދަޔާ ޚިލާފަށް ބްރޮކް ދިގުވަމުން ދަނީ އޭނާގެ ހަށިގަނޑުގައި ސޯޓޯސް ސިންޑްރޯމް ހުރެގެންނެވެ. މިއީ ޖެނެޓިކް ޑިސްއޯޑާއެކެވެ. ވަރަށް މަދުން ނޫނީ ނުޖެހޭ މި ބަލި ބްރޮކްގެ ހުރިކަން އެނގުނީ އުމުރުން އެންމެ ފަސް އަހަރުގަ އެވެ.
ދުނިޔޭގެ އެންމެ ދިގު މީހާ އަށް ބްރޮކް ވާން ދެން މާ ގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އޭނާގެ އިސްކޮޅު އަހަރަކު އެވްރެޖްކޮށް ހަ އިންޗި އަށް ދިގުވާތީ އެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގައިވާ ގޮތުން މިހާރު ދުނިޔޭގެ އެންމެ ދިގު މީހާ އަކީ އަށް ފޫޓު ދެ އިންޗި ހުރި ތުރުކީގެ ދަނޑުވެރިއެއް ކަމަށްވާ ސުލްތާން ކޯސެން އެވެ.
ޕްރީ ސްކޫލްގައި އުޅުނުއިރު ވެސް ބްރޮކްގެ އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗި ހުއްޓެވެ. މިޑްލް ސްކޫލަށް ވަން އިރު ހަ ފޫޓު އަދި ހައި ސްކޫލަށް ދާން ފެށިއިރު ހަތް ފޫޓު ހުއްޓެވެ.
ދިގުވާ ބަލީގެ ސަބަބުން ބްރޮކް އަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އޭނާއަށް އެއްޗެހި ދަސްކުރާކަށް ފަސޭހައެއް ނޫނެވެ. ވާހަކަ ދެއްކެނީ ވެސް ވަރަށް އުނދަގުލުންނެވެ. ހިތުގައި ވެސް މައްސަލަތަކެއް އެބަ ހުއްޓެވެ. މައިބަދަ ގުދުވުމާއި ސްޕައިނަލް ކޯޑު ހިމަވުމުގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފަ އެވެ. ބުރަކަށީގައި ރިއްސާވަރުން ބައެއް ފަހަރަށް އިހުސާސްކުރެވެނީ އެއްޗަކުން އޭނާގެ ގައިގައި މީހަކު ތަޅާހެންނެވެ. ގައިގެ އެކި ތަންތަނުގައި ރިއްސާތީ ނުތެދުވެ އޮންނަން ޖެހޭ ދުވަސްތައް ގިނަ އެވެ.
ބްރޮކް ބުނާ ގޮތުގައި އޭނާގެ ވޭން ކަނޑުވާލެވޭ ކަހަލަ ބޭހެއް ޑޮކްޓަރުންނަށް ދެވޭނެ ނަމައޭ އަބަދުވެސް ހިތަށްއަރަ އެވެ.
ބްރޮކްއަށް އަންނައުނާއި ބޫޓު ފަދަ ތަކެތި ހޯދުމަކީ ވެސް އެ އާއިލާއަށް ފަސޭހަ ކަމެއް ނޫނެވެ. ހެޔޮވަރު އެއްޗެތި ނުލިބޭތީ ޖެހެނީ އޯޑަރުކޮށްގެން ތައްޔާރުކުރާށެވެ. އެހެންވެ އާއްމު އަގަށް ވުރެ ބޮޑު އެއްޗެއް އާއިލާއިން ހޭދަކުރަން ޖެހެ އެވެ.
މިހާރު ބްރޮކް ދިގުވާ ނިސްބަތުން އަންނައުނު ފަދަ އެއްޗެއް ވެސް ލެވެނީ ހައެއްކަ މަސް ދުވަހު އެވެ. ދެން ޖެހެނީ އަނެއްކާ އަލުން އެ ހުރިހާ އެއްޗެއް ހޯދާށެވެ.
ބްރޮކްގެ އާއިލާއަކީ އެހާ ތަނަވަސް ބަޔަކަށް ނުވާތީ އަވަށްޓެރިން ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ޑޮކްޓަރުން ބުނަނީ ބްރޮކަށް ޖެހިފައިވާ ބަލިން ފުރާނައަށް ނުރައްކާނުވާނެތީ އާދައިގެ އިންސާނެއްގެ އުމުރަށް ދިރިހުރެދާނެ ކަމަށެވެ.
ބްރޮކްގެ އާއިލާއިން ވެސް ބޭނުންވަނީ އޭނާ އަށް ދިގު އުމުރެކެވެ. އަދި މިހާރު ތަހައްމަލްކުރަން ޖެހޭ އުނދަގޫތަކަށް ލުޔެއް ލިބި އުފާވެރި ދިރިއުޅުމެއް ލިބުމަކީ ވެސް އެ މީހުންގެ ވަރަށް ބޮޑު އުއްމީދެކެވެ.