09 އޮކްޓޯބަރ 2021 - 16:12

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްގެ މަގާމުން މުހައްމަދު ހަމްދޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަމްދޫން "މިހާރު" އަށް ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ ވަޒީފާ އާއި އާންމު ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން އެކަށީގެންވާ ވަގުތު ދެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ހަމްދޫން ނޫސްވެރިންގެ ވޯޓުން އެމްޖޭއޭގެ ރައީސްކަމަށް އިންތިހާބުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮންލައިންކޮށް ބޭއްވި ޖަމިއްޔާގެ އާންމު ޖަލްސާގަ އެވެ.
މީގެ 11 އަހަރު ކުރިން އުފެއްދި އެމްޖޭއޭގެ އާންމު ޖަލްސާ އޭރު ބޭއްވީ ޖަމިއްޔާ ހުއްޓިފައި އޮންނަތާ ހަ އަހަރު ފަހުންނެވެ.
"އަދަދު" ނޫހުގެ މެނޭޖިން އެޑިޓަރުކަމުގައި ހުންނެވި ހަމްދޫން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޖޭއޭ އިން ބުނީ، އޭނާ އެ ޖަމިއްޔާގެ ރައީސްކަމުގައި ވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަމިއްޔާގެ ހިންގުން ހަރުދަނާކޮށް، އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާ އެކު، ނޫސްވެރިކަން ކުރިއެރުވުމަށް އެމްޖޭއޭއިން ކުރިން ހިންގާފައިނުވާ ވަރުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.
އެމްޖޭއޭގެ އެސްޖީ އަހުމަދު ނާއިފް "މިހާރު" އަށް ވިދާޅުވީ، މިހާރު ޖަމިއްޔާގެ ހިންގުމާ ހަވާލު ހުންނެވީ ނައިބު ރައީސް އަލީ ރިފްޝާން ކަމަށެވެ. ހަމްދޫން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދު އެކްސްކޯގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ރައީސަކު އިންތިހާބުކުރަން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވާނެ ތާރީހަކާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނެ ގޮތްތައް ނިންމާނެ ކަމަށް ވެސް ނާއިފް ވިދާޅުވި އެވެ.
ނައިބު ރައީސް ރިފްޝާނާއި އެސްޖީ ނާއިފްގެ އިތުރުން އެމްޖޭއޭގެ އެކްސްކޯގައި ދެން ތިއްބަވަނީ ބަޖެޓް ސެކްރެޓްރީ ނާޒިމް ހަސަން އަދި އާންމު ދެ މެންބަރުން ކަމަށްވާ މުހައްމަދު ޖުނައިދު އަދި ފާތިމަތު ސާޔާ އެވެ.