09 އޮކްޓޯބަރ 2021 - 15:46

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗަށް އާންމުންނަށް އިތުރު 1،000 ޓިކެޓް މިރޭ ވިއްކާނެކަން އެފްއޭއެމުން އިއުލާނުކުރުމާ އެކު ޓިކެޓް ގަންނަން ކިއު ހަދައިފި އެވެ.

މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ހެނދުނުން ފެށިގެން ގަލޮޅު ދަނޑު ކައިރީ ގިނަ ބަޔަކު ކިއޫގައި ތިބި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވުމުން މިއަދު ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑު ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެކަމާ ހެދި އާންމުނަށް އިތުރު 1،000 ޓިކެޓު މިރޭ 8:00 އިން ފެށިގެން ސޯޝަލް ސެންޓަރުގައި ވިއްކަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ.
އިތުރު ޓިކެޓް ވިއްކަން ނިންމައި އެކަން އިއުލާނުކުރީ މެންދުރު ފަހު ތިނެއް ޖަހަން އުޅެނިކޮށެވެ. ހަމަ އެ ވަގުތުން ސޯޝަލް ސެންޓަރު ކައިރީ ކިއޫ ހަދަން ފެށި އެވެ. ބައެއް މީހުން ތަންތަނުން ގޮނޑި ގެނެސް އޭގައި ތިބި އިރު އެތައް ބަޔަކު ކޮޅަށް ވެސް އެބަ ތިއްބެވެ.
ޓިކެޓް ނުލިބިގެން ގަލޮޅު ދަނޑު ކައިރީގައި މުޒާހަރާ ކުރަން ތިބި މީހުން ވެސް، ޓިކެޓު ވިއްކާނެކަން އިއުލާނު ކުރުމުން އެތަން ދޫކޮށް ގޮސް ދަނޑު ކައިރި ވަނީ ހުސްވެފަ އެވެ.
އެފްއޭއެމުން މިއަދު ބުނީ އިތުރަށް ވިއްކާ 1،000 ޓިކެޓަކީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި ޓިކެޓް ކަމަށެވެ. އެ ޓިކެޓްތައް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މާދަމާގެ މެޗަށް ވެސް ވިއްކަން ހަމަޖެހިފައި ވަނީ 5،000 ޓިކެޓެވެ. ޓިކެޓު ލިބެނީ ގޮނޑިބަރިން 100ރ. އަަށް އަދި ސިޑިބަރިން 75ރ. އަށެވެ.
މީގެ ކުރިން ކުޅުނު މެޗުތަކުގެ ޓިކެޓުތައް ގިނަ އަދަދަކަށް ޓިކެޓު ހޯދައި ބައެއް މީހުން ވަނީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޓިކެޓު ވިއްކައިފަ އެވެ. މީހަކަށް ވިއްކަނީ ފަސް ޓިކެޓެވެ. އެކަމަކު، އެފްއޭމްއިން ބުނީ މިރޭ ވިއްކާނީ މީހަކަށް ޓިކެޓެއް ކަމަށެވެ.