09 އޮކްޓޯބަރ 2021 - 14:41

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗުން ވިއްކުމަށް ހަމަޖެހިފައިވާ 5،000 ޓިކެޓް ހުސްވެ ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުން މައްސަލަ ހޫނުވެފައި ވަނިކޮށް އިތުރު 1،000 ޓިކެޓް ވިއްކަން އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކަން ނިންމި 1،000 ޓިކެޓް ކަމަށާއި މި ޓިކެޓްތައް ވިއްކަން ފަށާނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރުން ކަމަށެވެ. މީހަކަށް ވިއްކާނީ އެންމެ ޓިކެޓެކެވެ.
އެފްއޭއެމުން ބުނީ އިތުރު 1،000 ޓިކެޓް ވިއްކަން ނިންމީ ރާއްޖެ މެޗު ބަލަން ދަނޑަށް ވަންނަން ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ހެނދުނުން ފެށިގެން ގަލޮޅު ދަނޑު ކައިރީ ގިނަ ބަޔަކު ކިއޫގައި ތިބި ނަމަވެސް ޓިކެޓު ހުސްވުމުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ޓިކެޓް ވިކި ހުސްވީ ކަމަށް ބުނެ ކައުންޓަރު ބަންދުކުރި ނަމަވެސް އެތަނަށް އެއްވި މީހުން އެކަން ގަބޫލު ނުކޮށް ދެކޮޅުވެރިކަމުގެ ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖު ވެސް ވަނީ ކޮށްފަ އެވެ.
ބައެއް މީހުން ގަދަކަމުން ދަނޑަށް ވަދެ ޓިކެޓް ކައުންޓަރުން ޓިކެޓު ވިއްކި ގޮތުގެ ވިކުރާ ރެކޯޑުތައް ވެސް ބެލި އެވެ.
ޓިކެޓް ގަންނަން ދަނޑު ކައިރިއަށް އެއްވެސް، ޓިކެޓަށް ވީގޮތެއް ނުބުނަނީސް ނުދާނެ ކަމަށް ބުނެ ތިބި މީހުން ފަހުން ވަނީ މިރޭ ޓިކެޓް ވިއްކާ ވާހަކަ ބުނުމުން އެތަނުން ގޮސްފަ އެވެ.
މާދަމާގެ މެޗަށް ވެސް ވިއްކަން ހަމަޖެހިފައި ވަނީ 5،000 ޓިކެޓެވެ. ޓިކެޓު ލިބެނީ ގޮނޑިބަރިން 100ރ. އަަށް އަދި ސިޑިބަރިން 75ރ. އަށެވެ. އެކަމަކު، ގިނަ އަދަދަކަށް ޓިކެޓު ހޯދައި ބައެއް މީހުން ވަނީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޓިކެޓު ވިއްކައިފަ އެވެ.