09 އޮކްޓޯބަރ 2021 - 12:15

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމުން ޓިކެޓު ގަންނަން ދިޔަ ބައެއް މީހުން ރުޅިގަދަވެ ގަލޮޅު ދަނޑަށް ވަދެގެންފި އެވެ.

މާދަމާ ހަވީރު 4:00 ގައި އޮންނަ މެޗުގެ ޓިކެޓު މިއަދު ވިއްކަން ފެށުމާ އެކު ހެނދުނު ގޮސް ގިނަ ބަޔަކު ކިއުގައި މަޑު ކުރި އެވެ. ގަލޮޅު ދަނޑުގެ މައި ގޭޓާ ހިސާބުން ބަނަފްސާ މަގުގެ ކޮޅާ ޖެހެންދެން ކިއޫ ދަމާލާފައި އޮތެވެ.

އެކަމަކު، ޓިކެޓު ހުސްވެ، ޓިކެޓު ކައުންޓަރު ބަންދުކުރުމުން، ޓިކެޓު ގަންނަން ގޮސް ތިބި ދިވެހީން ވަނީ ނުރުހުން ފާޅުކޮށް ޓިކެޓު ކައުންޓަރު ކައިރިއަށް އެއްވެފަ އެވެ. އެތަނުން ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ސިޑިބަރިތަކަށް އަރައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. ޓިކެޓް ވިއްކާ ތަނުގައި ފުލުހުން ތިބި ނަމަވެސް މީހުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ.
ޓިކެޓް ނުލިބިގެން ހިތްހަމަނުޖެހުނު މީހުން ދަނޑު ކައިރީ މަގުމަތީ އިށީނދެ ތިބެގެން ވެސް ނުރުހުން ފާޅުކުރަމުން ދިޔަ އެވެ.
އެނގިފައިވާ ގޮތުގައި ޓިކެޓު ގަންނަން ދިޔަ މީހުން ހޫނުވީ، ޓިކެޓު ކައުންޓަރު ބަންދު ކުރުމުންނެވެ. އެތަނުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކިއުގައި ތިބި މީހުންގެ ތެރެއިން ޓިކެޓު ލިބުނީ ވަރަށް މަދު ބަޔަކަށެވެ.
ނަމަވެސް، ޓިކެޓު ހުސްވި ކަމެއް ނުވަތަ ނުވާ ކަމެއް ރަސްމީކޮށް އެފްއޭއެމްގެ ފަރާތުން އަދި ކަށަވަރެއް ނުވެ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ ކުޅުނު މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކި ޓިކެޓުތައް ހުސްވުމުން ވެސް މީގެ ކުރިން މައްސަލަ ހޫނުވެފައިވެ އެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކީ އަވޭ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އާންމު އުސޫލުގެ ދަށުން 200 ޓިކެޓެވެ.