ފެލައިނީ އަށް ފާޑުކިޔުން، މޮރީނިއޯ އޭނާގެ ދިފާއުގައި
ފެލައިނީ އަށް ފާޑުކިޔުން، މޮރީނިއޯ އޭނާގެ ދިފާއުގައި

ލިވަޕޫލް (ޑިސެމްބަރު 5) – ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުގެ މައުރޯނޭ ފެލައިނީ އަރައި ކުރި ފައުލަކާ ގުޅިގެން އެވަޓަން އަށް ލިބުނު ޕެނަލްޓީން ރޭ އެ ޓީމު މެޗު 1-1 އިން އެއްވަރުކުރި ނަމަވެސް، ފެލައިނީ އެރުވުމަކީ ހެދުނު ގޯހެއް ނޫން ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޒަލަޓާން އިބްރަހިމޮވިޗް ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފައިވަނިކޮށް އެވަޓަން އިން އެއްވަރުކުރީ 89 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލެއިޓަން ބެއިންސް ޖެހި ގޯލުންނެވެ. މިއީ 85 ވަނަ މިނެޓުގައި ހެންރިކް މިކިތާރިޔަންގެ ބަދަލުގައި އެރުވި ފެލައިނީ އެވަޓަންގެ އިޑްރިސާ ގުއެޔޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމާ ގުޅިގެން ފެލައިނީ އަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މުހިއްމު ދެ ޕޮއިންޓް ގެއްލި 21 ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތްއިރު ރޭގެ މެޗަށް ފަހު މޮރީނިއޯ ހިތްހަމަނުޖެހުނީ، ފެލައިނީ އެރުވުމުން އެކަމާ ސުވާލު އުފެއްދި ނޫސްވެރިންނާ މެދު އެވެ.

"އަހަރެން ހީކުރީ ކަލޭމެންނަށް ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ ކަމަށް. އެވަޓަން އަކީ ކުރިއާ ހިލާފަށް މިހާރު ޕާސް ދީގެން ކުޅޭ ޓީމެއް ނޫން. އެވަޓަން ކުޅެނީ ވަރަށް ޑައިރެކްޓް ފުޓްބޯޅައެއް. އެހެންވެ އަހަރެމެންގެ ބެންޗުގައި އިސްކޮޅުގައި ދެ މީޓަރު ހުރި ކުޅުންތެރިޔެއް ހުރީމާ އޭނާ ލައްވާ ޑިފެންސް ލައިނުގެ ކުރިމަތީގައި ކުޅުފައިފި ނަމަ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުވާނެ. އެހެންވެ އޭނާ އެރުވީ،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން އެއްވަރުވެފައިވާއިރު އެއް މެޗުން މޮޅުވެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑަށް ހައްގު ނަތީޖާ ނުލިބޭ ކަމަށާއި މޮޅުވުން ހައްގު މެޗުތަކުން ވެސް ލިބެނީ އެންމެ ޕޮއިންޓެއް ކަމަށެވެ.

"އިދިކޮޅު ޓީމުތަކުން ސްޓޭޑިއަމް ދޫކޮށް ދަނީ އެ މީހުންނަށް ހައްގު ނޫން ޕޮއިންޓެއް ހިފައިގެން ވަރަށް ހެވިފައި ތިބެ. އަހަރެމެން އެނބުރި ދަނީ ހައްގު ޕޮއިންޓްތަކެއް ގެއްލުމުގެ ހިތްހަމަނުޖެހުމުގައި ތިބެ،" މޮރީނިއޯ ބުންޏެވެ.

އޭނާ ވަނީ ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން މޮރީނިއޯ ބުނީ މީގެ ކުރިން އޭނާ ކޯޗުކޮށްދިން ޓީމުތަކުން ރީތި ކުޅުމެއް ނުކުޅެ ނަތީޖާ ނެރެ ތަށި ހޯދުމުން ނޫސްވެރިން އެކަމަށް ފާޑުކިޔާފައިވާ ކަމަށެވެ.

"އެކަމަކު މިހާރު ޔުނައިޓެޑުން މޮޅަށް ކުޅެ ނަތީޖާ ނުނެރެވުމުން ނޫސްވެރިން ބުނަނީ މޮޅަށް ކުޅުމުގެ ބޭނުމެއް ނެތޭ ބޭނުންވަނީ ނަތީޖާއޭ،" މޮރީނިއޯ ބުންޏެވެ.