09 އޮކްޓޯބަރ 2021 - 10:26

ވެހިކަލް މަރާމާތުކޮށްދިނުމުގައި މާލޭގައި އެންމެ މަޝްހޫރު އެއް ގަރާޖު ކަމަށްވާ "ހަސަންފުޅު ގަރާޖު" ގެ ވެރިޔާ ހަސަން ގާސިމް (ހަސަންފުޅު) ނިޔާވެއްޖެ އެވެ.

އުމުރުން 76 އަހަރުގެ ހަސަންފުޅުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ. ކަށުނަމާދު ނޯޓިސްގައިވާ ގޮތުން ހަސަންފުޅު ނިޔާވީ އިއްޔެ އެވެ. ބެލެވޭ ގޮތުން އެއީ ރޭގެ ވަގުތެއްގަ އެވެ.
ހަސަންފުޅަކީ ހެންވޭރުގެ ހަނިގޯޅިއެއްގައި ހުންނަ ވޮންޑަވޯކްޝޮޕްގެ ވެރިފަރާތެވެ. ގަރާޖުގެ ނަމަކީ "ވޮންޑަ ވޯކްޝޮޕް" ނަމަވެސް އެތަން މަޝްހޫރުވެފައި ވަނީ ވެސް ހަސަންފުޅުގެ ނަމުންނެވެ. ޒުވާން އުމުރުގައި ހަސަންފުޅު ހިންގަން ފެށި ގަރާޖަށް މިހާރު 47 އަހަރު ވެއްޖެ އެވެ.
އެތަނުގައި ހަސަންފުޅު ފުރަތަމަ މަރާމާތުކޮށް އުޅުނީ ބައިސްކަލެވެ. އެކަމަކު، ފަހުން ސައިކަލު ވެސް މަރާމާތުކޮށްދޭން ފެށި އެވެ.
ގަރާޖު ހުޅުވީއްސުރެ ހަސަން ފުޅު އެތަނުގައި މަސައްކަތް ކުރި އެވެ. އުމުރުން ދުވަސްވުމުން ބުރަ މަސައްކަތްތައް ނުކުރެވުނަސް، ގަރާޖުގައި ކުދިކުދި މަސައްކަތްތައް ކޮށް އުޅުނެވެ. އަދި އާންމުކޮށް ގަރާޖު ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން މަސައްކަތް ބަލަން އޭނާ އިނދެ އެވެ.
އެހެން ހުރިހާ ގަރާޖުތަކާ ހިލާފަށް ހަސަންފުޅުގެ ގަރާޖުން ކުދިކުދި ބައެއް ހިދުމަތްތައް ދެނީ ހިލެ އެވެ. ފުރޮޅަށް ވައި ޖެހުމުގެ ހިދުމަތް ވެސް ހިލޭ ދޭން އެންމެ ފުރަތަމަ ފެށި މީހުންގެ ތެރޭ އޭނާ ހިމެނެ އެވެ.
ހަސަންފުޅު ނިޔާވި އިރު، އޭނާގެ ތިން ދަރިން އެބަ ތިއްބެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ދަރިންގެ ހަރަދުތައް ބެލެހެއްޓީ ވެސް ގަރާޖުން ލިބުނު ފައިސާއިންނެވެ.