09 އޮކްޓޯބަރ 2021 - 09:38

ސްރީ ލަންކާގެ ރެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ދެކުނުން، ރާއްޖޭ ސަރަހައްދުން އިއްޔެ އަތުލައި ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ފުލުހުންގެ ފަރާތުން އަދި ބަހެއް ނުލިބެ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނީ ލަންކާގެ ތަމަޅައިންގެ 85 މީހަކު އަތުލައިގަތީ އެމެރިކާގެ ކަނޑުގެ ސިފައިން ކަމަށެވެ. އަތުލައިގަތް މީހުންގެ ތެރޭގައި 59 ރެފިއުޖީއަކު ހިމެނޭ ކަމަށާއި މިއީ މަދުރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން ދިޔަ ބަޔަކު ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާއާ ކައިވެރިވެފައި ވަނިކޮށް، އެކަމަކު ރާއްޖޭ ސަރަހައްދުން އަތުލައިގަތް މި މީހުންނަކީ ގަވައިދާ ހިލާފަށް ދަތުރުކުރާ ފެރީއަކުން، އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާ އަށް ގޮސް ކެނެޑާ އަށް އެތެރެވެ ހިމާޔަތް ހޯދަން މަސައްކަތްކުރި ބައެއް ކަމަށް ޓެމިލް ނާޑޫ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
މި މީހުން އަތުލައިގަތީ މޫސުން ގޯސްވެ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް ކަމަށްވެ އެވެ.
އަތުލައިގަތް މީހުންގެ ތެރޭގައި، ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް މީހުން ވެސް ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ 108 ކޭމްޕެއްގައި ލަންކާގެ 65،000 ރެފިއުޖީން އުޅޭ ކަމަށް އިންޑިއާގެ ފުލުހުން ބުނެ އެވެ. މީގެ ތެރެއިން 59 މީހަކު މިދިޔަ މަހު ކުރީކޮޅު ވަނީ ގެއްލިފަ އެވެ. އެ މީހުން ފިލައިގެން ގޮސް ކެރެލާ އިން ބޯޓެއް ގަނެ ގޭންގެއްގެ ބަޔަކާ ގުޅިގެން ކެނަޑާ އަށް ދާން ރާވާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން މީގެ ކުރިން ހާމަވެފައިވެ އެވެ.