09 އޮކްޓޯބަރ 2021 - 07:42

ކުއްޔަށް ދޭ ތަންތަނުގެ އަގު އުފުލި ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދަން ކުރިމަތިވަމުންދާ މައްސަލަތަކާ ހެދި، އުމުރުން 35 އަހަރުގެ ދަށުގެ މީހުންނަށް ސަރުކާރުން މަހަކު 250 ޔޫރޯ (290 ޑޮލަރު) ގެ ބޯނަހެއް ދޭން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުށަހަޅުއްވައިފި އެވެ.

ބޯހިވަހިކަމަށް ކުއްޔަށް ދޭ ތަންތަނަށް ހާއްސަކޮށްގެން އެކުލަވާފައި ބިލުގައި ވަނީ ހާއްސަކޮށް ބޮޑެތި ތަންތަނުން ކުއްޔަށް ދޫކުރާ ތަންތަނުގެ އަގު ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ވެސް ހިމަނަން ނިންމައިފި އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ސްޕެއިންގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، ދަރިން މައިންބަފައިންނާ އެކީގައި އެއްތާކު އުޅެން ޖެހުމަކީ އެތައް މަައްސަލަތަކެއް ނުކުންނަ ކަމެކެވެ. އެހެންވެ، އަމިއްލަ އަށް ބޯހިޔާވަހިކަން ހޯދަން އެހީއެއްގެ ގޮތުގައި ދޭން ހުށަހަޅާ 290 ޑޮލަރަކީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް ދެ އަހަރު ވަންދެން ދޭ ހުށަހަޅާ އެއްޗެކެވެ.
އެ ބޯނަސް ދިނުމުގައި ބަލާނެ މައިގަނޑު އެއް ޝަރުތަކީ އެ މީހަކީ އަހަރަކު 23,725 ޔޫރޯ (27,436 ޑޮލަރު) އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހަކަށްވޭތޯ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދަން މަގުފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ބޯނަހެއް ދިނުމަކީ ސްޕެއިނަށް މި ވަގުތު މި ދާއިރާ އިން ދިމާވެފައިވާ މައްސަލަ އަށް ހޯދޭނެ ކޮންމެވެސް ވަރެއްގެ ހައްލަކަށް ވާނެ އެވެ.
"މި ކަމަކީ ހަގީގަތުގައި މިހާރު ގައުމުގައި އެންމެ ބޮޑު މައްސަލަ." ސަންޗޭޒް ވިދާޅުވި އެވެ.
މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެތައް ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ މީހުންނަށް ކުރިން ލިބެމުން ދިޔަ އާމްދަނީ އަށް ހަތް ޕަސަންޓްގެ ދަށްވުމެއް އައިސްފައިވެ އެވެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ބޯހިޔާވަހިކަން ހޯދުން ފަދަ އަސާސީ ކަންކަމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ސްޕެއިނުގައި ކުލީގެ އަގުތައް އުފުލި ކުއްޔަށް ތަންތަން ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ވަކިން ހާއްސަކޮށް މި މައްސަލަ ވެރިރަށް މެޑްރިޑްގެ އިތުރުން ބާސެލޯނާ ފަދަ ބޮޑެތި ސިޓީތަކުގައި ބޮޑެވެ.