08 އޮކްޓޯބަރ 2021 - 15:19

ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު އައްޑޫން މަރުވެއްޖެ އެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވީ 92 އަހަރުގެ ފިރިހިނެއް ކަމަށާއި އޭނާ އަކީ ފުވައްމުލަކުން އައްޑު އަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަ މީހެއް ކަަމަށެވެ. މިދިޔަ މަހުގެ 26 ގައި އައްޑު އަށް ގެންގޮސް އެ މީހާ އަށް ފަރުވާ ދެމުން ގެންދިޔައީ އޭއީއެޗްގެ ކޮވިޑް ފެސިލިޓީގަ އެވެ.
މިއީ އައްޑޫގައި ކޮވިޑްގައި މަރުވި ހަތަރު ވަނަ މީހާ އެވެ. ރާއްޖޭން މިހާތަނަށް ކޮވިޑްގައި 233 މީހަކު މަރުވެފައިވެ އެވެ.
ކޮވިޑާ ހެދި އައްޑޫ މޮނިޓަރިންގައި އޮންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއްވެފައިވާ އިރު، އެކްޓިވް ކޭސްތަކުގެ އަދަދު 240 އަށް ވުރެ ގިނަ އެވެ.