08 އޮކްޓޯބަރ 2021 - 14:10

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ޓޫރިސްޓުންނަށް ބަންދުކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އަންނަ ހުކުރު ދުވަހު އެ ގައުމު ހުޅުވާލަން ނިންމައިފި އެވެ.
ދިވެހިން ވެސް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމުގައި ހަރުކަށި ލޮކްޑައުނެއް އިއުލާންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޗާޓަރު ފްލައިޓްތަކުގައި އެ ގައުމަށް ޒިޔާރާތްކުރަން ބޭނުންވާ މީހުންނަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިސާ ހެއްދޭނެ ކަމަށެވެ. ކޮމާޝަލް ފްލައިޓްތަކުގައި ދާ ޓޫރިސްޓުންނަށް ވިސާ ދޫކުރާނީ އަންނަ މަހުގެ 15 ގެ ފަހުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ އިގްތިސާދުގައި ވެސް ޓޫރިޒަމް މުހިއްމު ދައުރެއް އަދާކުރާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި އެ ގައުމަށް 10.9 މިލިއަން ޓޫރިސްޓުން އެތެރެވި ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކޮވިޑާ އެކު މުޅި އިންޑިއާ ލޮކްޑައުންކުރި ނަމަވެސް އިގްތިސޯދީ އެކި ހަރަކާތްތައް މަޑުމަޑުން ފެށުމުން އިންޑިއާ އިން އައީ ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިންނަށް ފޮރިން ވިސާ ދޫކުރަމުންނެވެ. އެކަމަކު އެމީހުންނަށް ލުއިތައް ދިން ނަމަވެސް ޓޫރިސްޓުންނަށް އެޅި ފިޔަވަޅުތަކަށް ބަދަލެއް ނުގެނެ އެވެ.
އާބާދީގައި 1.3 ބިލިއަން މީހުން އުޅޭ އިންޑިއާއަށް މި އަހަރު ކޮވިޑްގެ ނުރައްކާތެރިކަން އެންމެ ބޮޑުވީ މޭ ހިސާބުގަ އެވެ. އެ މަހު އެކަނި ވެސް ދުވާލެއްގެ މައްޗަށް ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އުޅުނީ 4،000 ގަ އެވެ. ކޮވިޑް ޖެހޭ ނަމްބަރުތައް އިތުރުވިއިރު ހޮސްޕިޓަލުތައް ފުރި ފަރުވާ ނުދެވުމުގެ ޝަކުވާތައް ވެސް އިތުރުވެގެންދިޔަ އެވެ.
ކޮވިޑްގެ ކޭސްތައް އެހާ ބޮޑަށް އިތުރުވެގެންދިޔައީ އާ ވޭރިއެންޓެއް ފެތުރެން ފެށުމުންނާއި ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދިނުމުންނެވެ. އޭރު އެގައުމުން ވަނީ ކުޅިވަރު ހަރަކާތްތަކާއި އެކި ދީންތަކުގެ މީހުން ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފަ އެވެ.
ފާއިތުވި ހަފުތާތަކަށް ބަލާއިރު އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެއީ ބަލި ޖެހޭ މީހުންގެ އަދަދު 20،000 ގައި އުޅޭއިރު މަރުވާ މީހުންގެ އަދަދު ވެސް ވަނީ 200-300 އާ ދެމެދަށް ދަށްވެފަ އެވެ.
އިންޑިއާ، ޓޫރިސްޓުންނަށް ހުޅުވާލި ނަމަވެސް އެ ގައުމުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އިންޑިއާގެ ބޮޑު އާބާދީއެއް މިވަގުތު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ތިބިއިރު އެގައުމުން ބަލިން ދިފާއުވުމަށް އަންނަނީ ކޮވިޝީލްޑާއި ކޮވެކްސިން ޖަހައިދެމުންނެވެ.
މި މަހުގެ ކުރީކޮޅު އިންޑިއާ އިން ވަނީ ވެކްސިން ފުރިހަމަކޮށްގެން އެ ގައުމަށްދާ އިނގިރޭސިވިލާތުގެ ރައްޔިތުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފަ އެވެ. އެއާ އެކު އިނގިރޭސިވިލާތުން ވެސް ވަނީ އިންޑިއާގެ ރައްޔިތުންނާ މެދު ވެސް އެގޮތަށް އަމަލުކުރަން ނިންމައިފަ އެވެ.
އިނގިރޭސިވިލާތުން އިންޑިއާގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން ބަލައެއް ނުގަނެ އެވެ. އެކަމަކު އެ ވެކްސިނަކީ އިންޑިއާ އިން އުފެއްދި ނަމަވެސް ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި ދިރާސާއެއް މައްޗަށް ތައްޔާރުކުރަމުން އަންނަ ވެކްސިނެކެވެ.
އޭޝިއާގެ ގައުމުތަކަށް ބަލާއިރު އިންޑޮނޭޝިއާ އިން އެ ގައުމުގެ ބާލީ އަންނަ ހަފުތާގައި ދަތުރުވެރިންނަށް ހުޅުވާލާނެ އެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރަން މިހާރު ބުކް ކުރެވޭނެ އެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިދިޔަ މަހު ސްރީލަންކާ ވެސް ހުޅުވާލާފައިވާއިރު މިދިޔަ އަހަރުގެ ޖުލައި އިން ފެށިގެން ރާއްޖެ އޮތީ ހުޅުވާލައިފަ އެވެ. ކޮވިޑާ އެކު ބަންދުކުރި ފަހުން ޗައިނާ އާއި ޖަޕާނު ބޭރުގެ ފަތުރުވެރިންނަށް އަދި ހުޅުވައެއް ނުލަ އެވެ.