08 އޮކްޓޯބަރ 2021 - 01:50

ބަންގްލަދޭޝްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި ގެނައި ބަދަލުތަކުން ޓީމަށް ކުރިއެރުން އައި ކަމަށާއި ނަމަވެސް މެޗުގައި ތަފާތަކަށްވީ ކުޅުންތެރިންގެ މޯޓިވޭޝަން ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްއާ ދެކޮޅަށް ނުކުތް ފުރަތަމަ 11 އަށް ސުޒޭން ގެނެސްފައިވާ ބަދަލަކީ އައިސަމް އިބްރާހިމް (ޓޯނީ) ގެ ބަދަލުގައި ހުސައން ނިހާން (ނިހާޓް) ކުޅެން އެރުވުމެވެ. މިހާތަނަށް މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ބަންގްލަދޭޝްގެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ރާއްޖެއަށް ނުރައްކާކޮށްފަ އެވެ. އެ ވަގުތުގެ ތެރޭގައި ބަންގްލަދޭޝްގެ ގޯލަށް އެންމެ ހަމަލާ އެއްވެސް ރާއްޖެ އަށް ފޮނުވައެއް ނުލެވެ އެވެ.

ފުރަތަމަ ހާފުގައި އަސްހަދު އަލީ (އަޑޭ) އަށް އަނިޔާ ވެގެން އަށިގަނޑުގައި ދަނޑުން ބޭލުމުން އޭނާ އަށް ކުޅެވޭވަރު ނުވުމުން އަޑޭގެ ބަދަލުގައި ޓޯނީ ކުޅެން އެރުވި އެވެ. އެ ބަދަލާ އެކު ބަންގްލަދޭޝް ކޮޅަށް ގިނަ އެޓޭތަކެއް ކުރަން ރާއްޖެ އަށް މަގުފަހިވި އެވެ. މިޑްފީލްޑް ލައިނުން ރަނގަޅު ބޯޅަތަކެއް ފޯވަޑުންނަށް ފޯރުކޮށް ދިނެވެ.

ސުޒޭން ބުނީ ނިހާޓް ލައިގެން ކުޅުވުމަށް ޕްރެކްޓިހުގައި މަސައްކަތްކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެޓޭކުގައި އޭނާ ބައިވެރިވުން އޮންނާނެ ގޮތަކަށް ޕްރެކްޓިހުގައި މަސައްކަތް ކުރި ކަމަށް ވެސް ސުޒޭން ބުންޏެވެ.

"މި މެޗުގައި ބަދަލުތަކަކުން ނޫން ތަފާތު ފެނުނީކީ،" ސުޒޭން ބުންޏެވެ. "ތަފާތު ފެނުނީ ދިވެހި ކޮންމެ ކުޅުންތެރިޔަކު އެ ކުޅުންތެރިޔެއްގެ މޯޓިވޭޝަންއާ އެ މީހުންގެ މަސައްކަތް. ބަދަލު ކުރީ އިންޖަރީވެގެން އެއްވެސް ގޮތަކަށް އަނެއްހެން ބަދަލެއް ކުރާކަށް ނޫން. ހަމަ މަޖުބޫރު ވެގެން ކުރި ބަދަލުތަކެއް."

އޭނާ ބުނީ ފުރަތަމަ ހާފުގައި އަޑޭ ބަދަލު ނުކޮށް ކުޅުނު އިރު ވެސް ބޭނުންވި ކުޅުން ރާއްޖެއިން ދެއްކި ކަމަށެވެ.

"އެކަމަކު ކޮންމެ ބަދަލަކާއެއްކޮށް ހަމަގައިމުވެސް ފްރެޝް ކުޅުންތެރިޔާ މޯޓިވޭޝަން ރަނގަޅުކޮށް ހިތްވަރުލީމަ، 20 ނުވަތަ 30 މިނެޓް ކުޅެލާފައި ހުންނަ ކުޅުންތެރިޔަކަށް ވުރެ ރަނގަޅުކޮށް ފެންނާނީ. އެ ތަފާތު ކަމަށް ގަބޫލު ކުރެވެނީ އެ ފެނުނީ،" ސުޒޭން ބުންޏެވެ.

ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނުކަން ފާހަގަކޮށް ކުރީގެ ކޯޗު މާޓިން ކޫޕްމަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒޭން ބުނީ ކޫޕްމަން ހުރި އިރު ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި ވެސް އެ ޕްލޭނަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

"ދިވެހި ޓީމު ލައްވައި ޖޫން މަހު އަޅުގަނޑުމެން ފަށައިގެން އުޅުނު މަސައްކަތެއް ބޯޅަ ނުޖަހައި ގިނައިރު ހިފަހައްޓައިގެން ޕާސްކޮށްގެން ނަތީޖާ ނެރެން. ނޭޕާލް މެޗުން މޮޅު ނުވިކަމުގައި ވިއަސް އެކަމުގައި [ޕާސްކޮށްގެން ކުޅުން] ކޮންމެވެސް ވަރެއްގެ ކާމިޔާބުތަކެއް ހޯދުނު،" ސުޒޭން ބުންޏެވެ.
"ގާތްގަނޑަކަށް 410 ޕާސް ދިވެހި ޓީމުން އެންމެ ފަހުން ޖަހި މެޗެއް މީގެ ކުރިން ހޯދަން އުނދަގޫވާނެ. އެހެންވީމަ އެ ޓާގެޓާ ހަމައަށް ވާސިލު ވެއްޖެ."
ސުޒޭން ބުނީ މިއަދު ހަވީރު ލަންކާ އިން އިންޑިއާ މޮޅުވިޔަ ނުދީ ހިފަހައްޓާލުމަކީ މެޗަށް އައިރު އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. މުބާރާތުގައި މިރޭގެ މެޗާ ހަމައަށް އައިރު ޓީމުތަކުން ނެރެފައިވާ ނަތީޖާތަކުން ޕޮއިންޓް ތާވަލު ފެންނަން އޮތް ގޮތުން ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތް ކަމަށް އޭނާ ބުންޏެވެ.
"މީހުން ނުބަލާނެ ރާއްޖެ ކުޅުނީ އެއް މެޗުކަމެއް. އަބަދު ވެސް ބަލާނީ ޕޮއިންޓް ތާވަލުގައި އޮތް ހިސާބަށް. އެއަށްބަލާއިރު ކުޅުންތެރިންނަށް އެނގޭނެ ކުޅުންތެރިންގެ ވިސްނުން ހުރި ގޮތް."
މެޗަށް ދިޔައިރު މީޑިއާގެ ފާޑުކިޔުން އަމާޒުވެފައިވާ ސުޒޭން މިރޭ ވެސް ވަނީ ނުސީދާކޮށް ބަހުގެ ހަމަލާތައް މީޑިއާ އަށް ރައްދުކޮށްފަ އެވެ. ރާއްޖެއަށް ދެން އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.