ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފްސުން ގުރުބާނީތަކެއް ވެގެން: އިމްރާން
ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފްސުން ގުރުބާނީތަކެއް ވެގެން: އިމްރާން

ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފްސުން ގުރުބާން ވެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަސް ފާހަގަކުރަން. ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއަދުގެ ހާލަތާ މެދު ވިސްނައި ފިކުރުކޮށް، ގައުމައިގެން ކުރިއަށް ދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތަށް ދަރިން ތަރުބިއްޔަތުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި އެތައް ދަރިންތަކެއް އެބަތިބި ކަމަށާއި އެކަމަކު އެ ދަރިން، ދަރިންނަށް ހަދަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދާފައިވާ މީހުންގެ ދިރިއުޅުމުގެ ވާހަކަތަކަށް ބަލާއިރު، އެންމެން ވެސް އެއްބަސްވާ ބޮޑު ހަގީގަތަކީ ބޮޑު ކާމިޔާބީއެއް ހޯދޭނީ އަމިއްލަ ނަފްސުން ގުރުބާން ކޮށްގެންނެވެ.

"...ވަޑައިގެން ބައްލަވާ ބޮޑުތަކުރުފާނުގެ މުޅި ސްޓޯރީ އަށް. މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމަށްޓަކައި އެ ވަޑައިގެންނެވި މަތިވެރި ގުރުބާނީ އަށް ތައްޔާރުވުމަށްޓަކައި އިންސާނަކަށް ވެވަޑައިގެންނެވޭނީ އެހާވަރެއްގެ ގުރުބާނީއެއް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމެއް، ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ގައުމަށްޓައި ކާބަފައިން ވެފައިވާ ބޮޑެތި ގުރުބާނީތަކަށް ފަހުރުވެރިވާ ބަޔަކު ދެމިތިބެ، ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި ސިފަތައް ބަލައިގަނެ ދަމަހައްޓައިގެން ކަމަށެވެ.

އެއާއެކު، ކާބަފައިންގެ ފުށުން ވާރުތަ ކޮށްފައިވާ ހިތްވަރާއި އަޒުމާއި ރީތި އަހުލާގީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް، ތަރުބިއްޔަތު ކުރުމަކީ ވެސް މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިވެހިންނަކީ ބޮޑުތަކުރުފާނުގެ ކިބައިން ހިތްވަރު ލިބިގަނެ މި ގައުމު މިނިވަންކަން މަތީ ބޭއްވުމަށް ޖިހާދު ކުރުމުގެ ހިތްވަރާއި އަޒުމު އާކުރާނެ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.