08 އޮކްޓޯބަރ 2021 - 15:44

ޓޫރިޒަމް މިނިސްޓްރީން ރިސޯޓެއް ހަދަން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނި، ޕާލް ސޭންޑްސް އޮފް މޯލްޑިވްސްއަށް ހއ. ވެލިފިނޮޅު ދިނީ ހަތް ލައްކަ ޑޮލަރު (11 މިލިއަން ރުފިޔާ) އަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒިޒަމް މިނިސްޓްރީން ބުނީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހަ ލައްކަ ޑޮލަރުގެ އިތުރަށް މުވައްޒަފުން ތަމްރީނުކުރުމަށް އިތުރު ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ.
ވެލިފިނޮޅު އޮންނަނީ ހއ. ހޯރަފުއްޓާ އެއް ފަޅެއްގަ އެވެ.
ރިސޯޓް ތަރައްގީކުރަން މިދިޔަ އެޕްރީލް މަހު ހުޅުވާލީ ރާއްޖޭގެ ރިސޯޓުތައް މަދު ސަރަހައްދުތަކަށް އިސްކަންދީގެންނެވެ. ރާއްޖޭގެ ރިސޯޓް ތަރައްގީ ކުރަން އެންމެ އަގު ބޮޑުކޮށް ރަށްތައް ދޫކުރަނީ މާލެ އާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުންނެވެ. އުތުރާއި ދެކުނުގެ ރަށްތަކުގެ އަގުތަކުގެ އަގު ކުޑަވާނެ އެވެ.
މިމަހުގެ ފަހުކޮޅު ރިސޯޓުތައް ތަރައްގީ ކުރަން އަނެއްކާވެސް އިތުރު ރަށްތައް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާނެ އެވެ.
މި އަހަރުގެ ކުރީކޮޅު ރިސޯޓް ތަރައްގީކުރަން 16 ރަށަކަށް ހުޅުވާލުމުން ބީލަން ހުށަހެޅީ ހަތް ރަށަކަށެވެ. އެ ރަށްތައް ހޯދަން އެދި 13 ފަރާތަކުން ކުރިމަތިލިޔަސް ޝަރުތުހަމަވާ ކަމަށް ކަނޑައެޅީ ޕާލް ސޭންޑްސް އެކަންޏެވެ. ދެން ހުރި ބީލަންތައް ޑިސްކޮލިފައިކުރީ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޑިސްކޮލިފައި ކުރި ގިނަ ބިޑްތަކުގެ އަގުގެ މައްސަލައަށް ވުރެން ބޮޑުވީ ޑޮކިއުމަންޓްތައް ފުރިހަމަ ނުވުމުގެ މައްސަލަ އެވެ.
ކޮވިޑާ ގުޅިގެން އައި އިގްތިސާދީ ހީނަރުކަމާ އެކުގައި މި ރަށްތައް ތަރައްގީކުރަން ހުޅުވާލީ އާއްމުކޮށް ރަށްތައް ދޭ އަގަށް ވުރެ ކުޑަ ރޭޓުތަކެއްގަ އެވެ. އެއީ، އެކުއިޒިޝަން ކޮސްޓުން 30 ޕަސެންޓް ޑިސްކައުންޓަކާ އެކު އެވެ.
ރިސޯޓް ތަރައްގީ ކޮށްގެން ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 130 މިލިއަން ރުފިޔާ ހޯދަން ވަނީ ހިމަނައިފަ އެވެ.