04 ޑިސެމްބަރ 2016 - 20:05

ގިނަ އަދަދެއްގެ ޝަކުވާ ލިބުމާ ގުޅިގެން ފަސްކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބާއްވަން އުޅުނު އިންތިހާބު ހޯމް މިނިސްޓްރީން ފަސްކުރީ އެ އިންތިހާބާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކަކުން ޝަކުވާ ހުށަހަޅަމުންދާތީ އާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާތަކެއް ހުށަހަޅާފައި ވުމާއެކު، ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް ވިދާޅުވީ މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަ ކުރުމަށް ވެސް އަދި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރަން ވެސް އަލުން ހުޅުވައިނުލާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ މަންދޫބުން ބަދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވި ގޮތުގައި އިންތިހާބާ ގުޅޭ ގޮތުން ޝަކުވާތަކެއް ހުށަހަޅާފައި ހުރި ކަމުގައި ވިޔަސް، އެ ޝަކުވާތައް މިހާރު ވަނީ ބަލައިފަ އެވެ. އަދި ޝަކުވާތައް ބެލި އިރު، އިންތިހާބާއިގެން ކުރިއަށް ދެވޭނެ ކަމަށް ފެންނާތީ އަންނަ ހަފުތާގައި އިންތިހާބު ބާއްވަން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ އޮފިލަޝަކު މިރޭ ވިދާޅުވީ މީޑިއާ ކައުންސިލްގެ އިންތިހާބު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 4:15 އިން 5:15 އަށް ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެ އިންތިހާބު ބާއްވާނީ އެ މިނިސްޓްރީގައި ކަމަށް ވެސް ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު އިންތިހާބު ފަސްކުރި އިރު، އެ އިންތިހާބަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން، ގާނޫނުގައި ކަނޑއަަޅާފައިވާ އަދަދަށް ވުރެ މަދުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ނަން ހުށަހެޅުއްވި މައްސަލައެއް ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އިންތިހާބު ފަސްކުރުމަށް އޭސީސީން ސީދާ ހޯމް މިނިސްޓްރީ އަށް ނާންގާ ކަމަށް އެނގިފައިވެ އެވެ. އޭސީސީން ނިންމާފައި ވަނީ، ކޮމިޝަނަށް މަގުފަހިވާ ފަދަ ކަމެއް، އިންތިހާބު ބޭއްވުމާ ގުޅޭ ކަންކަމުގައި ނެތް ކަމަށެވެ. އެކަމަކު އެމްއެމްސީގެ ގާނޫނާ ފުށުނާރާ ގޮތަށް ކަންކަން ކުރިއަށް ގެންދަން އޭސީސީން އެދުނު ކަމަށް ވެ އެވެ.
އެމްއެމްސީގައި ހިމެނެނީ މީޑިއާތަކުން ހޮވާ އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިިން ނަގާ ހަތް މެމްބަރުންނާ އެކު ޖުމްލަ 15 މެމްބަރުންނެވެ. އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން 14 މީހެއްގެ ނަން އިންތިހާބަށް ފޮނުއްވަން ޖެހިވަޑައިގަންނަވަނީ އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން ހޯމް މިނިސްޓަރަށެވެ. އެކަމަކު، މިފަހަރުގެ އިންތިހާބަށް އާންމުންގެ ތެރެއިން ހޯމް މިނިސްޓްރީން ފޮނުވީ 12 މީހެއްގެ ނަމެވެ. އިންތިހާބަށް އާންމުންގެ ތެރެއިން 16 މީހަކު ކުރިމަތިލި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ތޮލާލް ވިދާޅުވީ އާންމުންގެ ތެރެއިން 12 ނަން އިއުލާންކުރީ އެމްއެމްސީގައި މިހާރު އިންނަވާ އާއްމު އެއް މެމްބަރެއްގެ މުއްދަތު ހަމަނުވާތީ، އިންތިހާބުގައި އާންމުންގެ ތެރެއިން އިންތިހާބުކުރަން ޖެހެނީ ހަ މީހުން ކަމަށް ވާތީ ކަމަށެވެ.