އަދީބު ޖޫރިމަނާ ދެއްކެވި ކަމެއް ކޯޓުގެ ރެކޯޑުގައި ނެތް، ދައުވާއެއް ނުކުރޭ
އަދީބު ޖޫރިމަނާ ދެއްކެވި ކަމެއް ކޯޓުގެ ރެކޯޑުގައި ނެތް، ދައުވާއެއް ނުކުރޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ހުކުމްތަކުގައި ދައްކަން އެންގި ޖުމްލަ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އޭނާ ދެއްކެވި ކަން ކްރިމިނަލް ކޯޓުގެ ރެކޯޑުގައި ނެތް ކަމަށް އެ ކޯޓުން ބުނެފި އެވެ.

އަދީބުގެ މައްޗަށް ކުރިން ކުރި 30 އަށް ވުރެ ގިނަ ދައުވާ އަނބުރާ ގެންގޮސް، އޭނާއާ އެކު އެއްބަސްވުމެއް ހަދައި، ދައުލަތުން ކުރި ހަތް ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ކުރީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް މީގެ އަހަރެއް ކުރިން ކުރި ހުކުމުގައި އަންގާފައިވެ އެވެ.

އަދީބަށް ކުރި ޖޫރިމަނާ ދައްކާފައިވޭތޯ ސުވާލު ކުރުމުން އެކަމުގެ ޖަވާބެއް މީރާއިން ނުދެ އެވެ. މީރާގެ ސްޕޯކްސްޕާސަން އަހުމަދު ޝަރީފު ވިދާޅުވީ، އާންމު ފަރުދުންގެ އެފަދަ މައުލޫމާތުތައް އެ އޮތޯރިޓީން އާންމު ނުކުރާ ކަމަށެވެ.

އެކަމަކު، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ، އަދީބު ޖޫރިމަނާގެ ފައިސާ ދެއްކެވިކަން އެ ކޯޓުގެ ރެކޯޑުގައި ނެތް ކަމަށެވެ. ޖޫރިމަނާތައް ދެއްކިކަން ކޯޓަށް އަންގަން އެއްވެސް ގަވައިދެއްގައި ނެތް ނަމަވެސް، ހުކުމްތަކުގައި ކުރާ ޖޫރިމަނާތައް ދެއްކިކަން އާންމު އުސޫލެއްގެ ގޮތުން ކޯޓަށް އަންގާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އަދީބު ޖޫރިމަނާ ފައިސާ ނުދައްކަވާ ނަމަވެސް، އެ ފައިސާ ހޯދަން ދައުވާ ނުކުރަނީ ކީއްވެތޯ "މިހާރު"ން ސުވާލު ކުރުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ފާހަގަކުރެއްވީ، އަދީބާއި ޕީޖީ އޮފީހާ ދެމެދު އޮތީ އެއްބާރުލުމުގެ އެއްބަސްވުމެއް ހަދައިފައި ކަމެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެއްވެސް ފަރާތަކުން ހަދާ އެއްބަސްވުމަކަށް އިހްތިރާމު ނުކުރާ ނަމަ ދައުލަތަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ދިވެހި ދައުލަތުގެ ނަމުގައި އެއްބަސްވުމެއް އެއްވެސް ފަރާތަކާ އެކު ވާ ނަމަ އެއަށް ޖެހޭނެ އިހްތިރާމު ކުރަން. އެގޮތަށް އަޅުގަނޑުމެން ދައުލަތުގެ ފަރާތަކުން އެހެން ފަރާތަކާ މެދު ވެވޭ އެއްބަސްވުމަކަށް އިހުތިރާމު ނުކުރެވޭ ކަމަށް ވަންޏާ ދައުލަތުގެ މައްޗަށް އެއްވެސް ފަރާތަކުން އިތުބާރެއް ނުކުރާނެ،" ރިފްއަތު ވިދާޅުވި އެވެ.

އެހެންނަމަވެސް، 20 އަހަރުގެ ޖަލު ހުކުމާއި ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއަކީ ވެސް އަދީބު އެއްބަސްވެގެން ދިން އަދަބެވެ. އިއުތިރާފު އެއްބަސްވުން ނުހެދި ނަަމަ އަދީބު ކުރިމަތިލާން ޖެހިފައި އޮތީ 100 އަށް ވުރެ ގިނަ އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެވެ. އޭނާ ދައުލަތާ އެކު އިއުތިރާފުވެ، ހިޔާނާތުގެ މައްސަލައާ ގުޅޭ ކަންކަން ކިޔައިދީ ހެކި ފޯރުކޮށްދޭން އެއްބަސްވީ ވެސް ކުޑަ އަދަބަކަށް ބޭނުންވެގެންނެވެ.

ދައުލަތާ އެކު އެއްބާރުލުމުގެ އެއްބަސްވުމެއް އަދީބު ހަދާފައިވާއިރު، އޭނާގެ ހެކިބަސް ދައުލަތުން ގެންދަނީ މުހިންމު މައްސަލަތަކުގައި ބޭނުން ކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކުގައި އަދި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ދައުލަތުން ތުހުމަތު ކުރާ އެހެން މީހުންގެ މައްސަލަތަކުގައި ވެސް އޭނާގެ ހެކިބަސް ބޭނުން ކުރެ އެވެ.

އަދީބު ޖަލަށް ލާން ހުކުމް ކޮށްފައި ހުއްޓަސް އޭނާ މި ވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އޭނާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ހުންނަ އަމިން އެވެނިއު ފްލެޓެއްގަ އެވެ. ކަރެކްޝަންސް އިން ބުނާ ގޮތުގައި އޭނާ ގެއަށް ބަދަލު ކުރީ ސިއްހީ ހާލަތާ ހެދި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގައި އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

އެހެން ނަމަވެސް، ޔާމީންގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދުމުން އެ ކޯޓުން ވަނީ އެމަނިކުފާނުގެ ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެދީފަ އެވެ. އޭގެ ނަތީޖާއަކަށް ވާނީ، ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމާ މެދު ގޮތެއް ނިންމަންދެން ޖޫރިމަނާ ފައިސާ ހޯދަން އޭޖީ އޮފީހުން ދައުވާ ކުރި މައްސަލަ ކުރިއަށް ނުގެންދެވުމެވެ.