އިގްތިސާދު ރިކަވާ ވާނީ 2023ގައި: ވޯލްޑް ބޭންކް
އިގްތިސާދު ރިކަވާ ވާނީ 2023ގައި: ވޯލްޑް ބޭންކް

މި އަހަރު ރާއްޖޭގެ އިގްތިސާދު 22 ޕަސެންޓަށް ކުރިއަރާނެ ކަމަށާއި މިހާރު އިގްތިސާދު ކުރިއަރަމުން އަންނަ ސްޕީޑުން ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަ ވާނީ 2023 ވަނަ އަހަރުގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އާންމުކުރި އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ރިކަވާ ވަމުން އަންނަ ކަމަށެވެ. މި އަހަރު ރާއްޖޭގެ އިގްތިސާދު މިވަރުގައި ކުރިއަރާނީ އެންމެ މަދުވެގެން 1.1 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ ނަމަ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 11 ޕަސެންޓަށް ކުރި އަރާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ރާއްޖޭގެ ފަގީރުންގެ ނިސްބަތް މިއަހަރު 9.1 ޕަސެންޓުގައި ހުރި ދިޔަ ނަމަވެސް އަންނަ އަހަރު އެ ނިސްބަތް 4.3 ޕަސެންޓަށް ދައްކުރެވޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ

ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ބޮޑެތި ކާރިސާތަކުން އަރައިގަތުމަށް ކުރިއަށް ވުރެ ރަނގަޅަށް ޕްލޭންތައް އެކުވަލައިލުން މުހިއްމު ކަމަށެވެ.

"މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިސާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.