ގުރުއާން ހިތުދަސްކޮށްގެން ތިނަދޫގެ ތިން ކުއްޖަކަށް ރައީސްގެ ހާއްސަ މެޑަލް
ގުރުއާން ހިތުދަސްކޮށްގެން ތިނަދޫގެ ތިން ކުއްޖަކަށް ރައީސްގެ ހާއްސަ މެޑަލް

ކީރިތި ގުރުއާން ހިތުދަސްކޮށްގެން ރައީސްގެ ހާއްސަ މެޑަލް، ގދ. ތިނަދޫގެ ތިން ކުއްޖަކަށް ރޭ ލިބިއްޖެ އެވެ.

ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވެގެން، މި އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި 11 މީހަކަށް ރައީސްގެ ހާއްސަ މެޑަލް ދެއްވި އެވެ.

އެ ހުރިހާ ހާފިޒުންނަށް މެޑަލް ދެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސްގެ ހާއްސަ އިނާމު ލިބުނު ތިނަދޫގެ ތިން ކުދިންނަކީ އެ ރަށު މަލާޒް، އާހިލް މުހައްމަދު ޒާހިރާއި ހެވަންލީޑް، މުހައްމަދު މިތްޔާހު ސަލްމާން އަދި ތިމާވެހި، އައިޝަތު ޝުބާ ޝާހެވެ.

ތިނަދޫގައި ދިރިއުޅޭ އާހިލް ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދި، އެ މަސައްކަތް ފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އުމުރުން 13 އަހަރުގައި އެކަން ހާސިލްކުރީ ކޮންމެ ދުވަހަކު މަދުވެގެން ދެ ފޮތް މުރާޖައާކުރަމުން ގޮހެވެ.

ސްކޫލާއި ގައުމީ ފެންވަރުގައި ބޭއްވި ގުރުއާންގެ އެކި މުބާރާތްތަކުން އާހިލް ވަނީ ރަންވަނަތައް ހޯދައިފަ އެވެ. އޭނާއަކީ، އާބާދީ ބޮޑު ތިނަދޫގައި މި ވަގުތު އެންމެ ރީތިކޮށް ގުރުއާން ކިޔަވާ އެއް ކުއްޖާ އެވެ.

އާއިލާގެ ހަތަރު މީހުންނަށް ގުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތް މިތްޔާހުގެ ބައްޕަ ފެށުމާއެކު، އޭނާގެ ހިތުގައި ވެސް އެކަމަށް ހާއްސަ ލޯތްބެއް ޖެހުނެވެ.

އެ ހިތްވަރާއެކު މިތްޔާހު ގުރުއާން ހިތުދަސްކޮށް ނިންމައިލީ އެއް އަހަރާއި އަށް މަހުގެ ތެރޭގަ އެވެ.

ޝުބާ ގުރުއާން ހިތުދަސްކުރަން ފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އޭނާ އެންމެ ފުރަތަމަ ބައިވެރިވީ ތިނަދޫ ކައުންސިލުން ހިންގި ގުރުއާން ކްލާހުގަ އެވެ. އެ ކްލާހުގައި 10 ފޮތް ހިތުދަސްކުރުމަށް ފަހު ހުޅުމާލެ އަށް ބަދަލުވެ ގުރުއާނާ ބެހޭ މަރުކަޒަށް ގުޅުނެވެ.

ހިފްޒު ކްލާހުގައި ބައިވެރިވެ ޝުބާ ގުރުއާން ހިތުދަސްކޮށް ނިމުނީ 2019 ވަނަ އަހަރެވެ.

ތިނަދޫ ކައުންސިލުން ބުނިގޮތުގައި ގުރުއާން ހިތުދަސްކޮށްގެން އެއް ބުރެއްގައި ތިން ކުދިންނަށް ހާއްސަ މެޑަލް ލިބުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެކަން ރަށު ފެންވަރުގައި ފާހަގަކުރާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ހާފިޒުން އުފެއްދުމަށް ތިނަދޫގައި މިހާރު ވެސް ގުރުއާން ކްލާސްތައް ހިންގަ އެވެ. އެ ކްލާސްތަކުން މީގެ ކުރިން ވެސް ބައެއް މީހުން ގުރުއާން ހިތުދަސްކޮށްފައިވެ އެވެ.