ޕާކިސްތާނަށް އައި ބިންހެލުމުގައި 20 މީހުން މަރު
ޕާކިސްތާނަށް އައި ބިންހެލުމުގައި 20 މީހުން މަރު

ބަލޮޗިސްތާން (އޮކްޓޯބަރު 7) - ޕާކިސްތާނުގެ ދެކުނުގެ ބަލޮޗިސްތާނުގެ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެއްޖެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށެވެ. އިމާރާތްތައް ވެއްޓުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާނެ ކަމަށް ލަފާކުރެވެ އެވެ. ބިންހެލުމުގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ރިކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައި ވަނީ ބިމުއަޑިން ނުވަ ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ އޮޕަރޭޝަން މިހާރު ވަނީ ފަށައިފަ އެވެ. ލޯކަލް ބައެއް އޮފިޝަލުން ބުނެފައި ވަނީ ބިންހެލުމުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ބައެއް މީހުންނަށް ދަނީ ސްޓްރެޗަރުގައި ވެސް ފަރުވާ ދެމުންނެވެ.

ބަލޮޗިސްތާނުގެ އިންޓީރިއާ މިނިސްޓަރު މީރް ޒިއާއުއްލާ ލަންގޫ ވިދާޅުވީ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އިމަޖެންސީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.