50 އަހަރު ފަހުން ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުފަށަނީ
50 އަހަރު ފަހުން ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުފަށަނީ

ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން 50 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ތައްޔާރުވެ، ފުރަތަމަ ފްލައިޓު ރާއްޖެ އަށް ޝެޑިއުލް ކޮށްފި އެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހހު އެވެ. އެ އެއާޕޯޓުން ދަތުރު ކުރާނީ ދެކުނު އޭޝިއާގެ ގައުމުތަކަށް އެކަންޏެވެ.

ލަންކާއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއާލައިނުތަކުން ވެސް ވަނީ ރަޓްމަލާނާ އެއާޕޯޓަށް ދަތުރު ފަށަން އެއްބަސްވެފަ އެވެ. މި ދަތުރުތައް ފެށުމާއެކު ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ އާއި އެއާޕޯޓް ސާވިސް ޓެކްސް ވެސް ނެގުން އެއް އަހަރު ދުވަހަށް މެދުކަނޑާލާނެ ކަމަށް ވެސް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރާއްޖޭން މިހާރު ދަތުރު ކުރަނީ ލަންކާގެ ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ދިވެހން ދިރިއުޅޭ ސަރަހައްދާ ދުރު އެއާޕޯޓެކެވެ. ނަމަވެސް ރަޓްމަލާނާ އެއާޕޯޓަކީ ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދު ކަމަށްވާ ދެހިވަލާއާ އެންމެ ކައިރި އެއާޕޯޓެވެ. އަދި ރާއްޖެއާ ވެސް ކައިރި އެއާޕޯޓެވެ.

މި އެއާޕޯޓަށް ދަތުރުތައް ފެށުމުން ރާއްޖޭން ލަންކާ އަށް ދާން ނަގާ ވަގުތު ވެސް ކުޑަ ވާނެ އެވެ.