07 އޮކްޓޯބަރ 2021 - 13:08

ވިއްކުމުގެ ބޭނުމުގައި ޑްރަގް ގެންގުޅުނު ކަމަށް އިއުތިރާފުވި މީހަކު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތުން ތ. ވޭމަންޑޫ، ރެދިންގެ، މުރުތަޟާ އަލީ އާއި ދަފްތަރު 7026، އިބްރާހީމް ހުސެއިންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާކުރީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މުރުތަޟާ ހުރި ކޮޓަރިއެއް ބަލައި ފާސްކުރި އިރު 450 ގްރާމްގެ ޑައިމޯފިން އަޅާފައި ހުރި ފަސް ޖޫސްޕެޓީ ކޮތަޅާއި ޑިޖިޓަލް ކައްޓާއެއް ފެނުމުންނެވެ.
ދެ މީހުންގެ މައްސަލަ ވެސް ކުރިއަށް ގެންދިޔައީ އެކުއެކީގަ އެވެ. އެކަމަކު މުރުތަޟާ ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްސަލަ އަވަސް ނިޔާއިން ނިންމައި އިބްރާހިމްގެ ބައި ވަކިން ގެންދަން ނިންމީ އެވެ. އިބްރާހިމް ވަނީ އޭނާއަށް ކުރި ދައުވާއަށް އިންކާރުކޮށްފަ އެވެ.
ކޮޓަރި ތެރެއިން ޑްރަގް ފެނުމުން މުރުތަޟާ ފުލުހުން ގާތުގައި އެންމެ ފުރަތަމަ ބުނީ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އިބްރާހިމްގެ އެއްޗެއް ކަމަށް ވެސް އެތަނުގައި ތިބި ފުލުހުން ގާތުގައި ބުނިކަން ތަހުގީގު ބަޔާނުން އެނގެ އެވެ.
ފުލުހުން ގެ ބަލައި ފާސްކުރި އިރު، އެތަނުން އެއްވެސް ވަރަކަށް ޑްރަގް ފެނިއްޖެ ނަމަ އެންމެން ހައްޔަރުކުރާނެ ކަމަށް ބުނުމުން، ގޭގައި ގާނޫނާ ހިލާފު އެއްޗެއް ހުރެއްޖެ ނަމަ އެއީ އޭނާގެ އެއްޗެއް ކަމަށް އިބްރާހިމް ބުނެފައިވާ ކަމަށް މުރުތަޟާގެ ތަހުގީގު ބަޔާނުގައި އޮވެ އެވެ. އެކަމަކު، އިބްރާހިމް އެހެން ބުނީ އެ ގޭގައި އެ ވަގުތު އޭނާގެ ކޮއްކޮއެއް ވެސް ހުރުމުން ކޮއްކޮ ހައްޔަރުވިޔަ ނުދޭން ކަމަށް ވެސް އެ ބަޔާނުގައި އޮވެ އެވެ.
އެކަމަކު، ފަހުން މުރުތަޟާ ވަނީ ފެނުނު ޑްރަގަށް ޒިންމާ ނަގައި އިބްރާހިމްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
މުރުތަޟާ ކޯޓުގައި އިއުތިރާފުވަމުން ބުނެފައި ވަނީ، ގެއަށް ޑްރަގް ގެންދިޔައީ ވެސް ދަބަހަށް ލީ ވެސް އޭނާ ކަމަށެވެ. އޭނާ ވަނީ އިބްރާހިމަކީ އެ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.
މިހާރު ނަމާދުކޮށް ރޯދަ ހިފާ ކަމަށާއި ކުށެއް ނެތް މީހެއްގެ މައްޗަށް ހައްގު ނޫން އަދަބެއް ލިބޭތީ ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް މުރުތަޟާ ކޯޓުގައި ބުނެފައިވެ އެވެ.
"އަހަރެން ވަރަށް އާދޭހާ އެކު އެދެން އަހަރެންގެ ސަބަބުން އެހެން މީހަކަށް އަނިޔާތަކެއް ނުދިނުމަށް. މިހާރު ވެސް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އަހަރެންގެ ސަބަބުން މީހަކު ބަންދުގައި ހޭދަކުރާތާ. އޭނާއާ ބެހޭ ވެސް އެއްޗެއް ނޫން،" މުރުތަޟާ ކޯޓުގައި ބުންޏެވެ.
އޭނާ ބުނެފައި ވަނީ އޭނާ އަކީ ޑްރަގް ބޭނުންކުރާ މީހެއް ކަމަށާއި އޭނާ ކުރިން ޑްރަގްގެ ވިޔަފާރި ނުކުރާ ކަމަށެވެ. އެކަމަކު، އޭނާ އަތުން ފެނުނު ޑްރަގް އަޅާފައި ހުރި ޖޫސް ޕެޓީ ފަސް ކޮތަޅަކީ، އެ ޕެކެޓުތައް ވިއްކުމުން ބަދަލުގައި 50 ގްރާމްގެ ޑްރަގް ދޭނެ ކަމަށް އެއްބަސްވެ ރައްޓެއްސަކު ދިން އެއްޗެހި ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަހަރެންގެ އަތްމަތި ދަތިކަމުން ވައްކަން ކުރަމުންދާތީ ވައްކަން ނުކޮށް އުޅޭށޭ ކިޔާފައި އަހަރެންނާ ހަވާލުކުރި އެއްޗެއް. އޭތި ހިފައިގެން އޭގެ އަނެއް ދުވަހު ރަށަށް ދާން އޮއްވައި ފުލުހުން އައިސް ހައްޔަރުކުރަނީ. އެއީ އަހަރެންގެ އަމިއްލަ އެއްޗެއް އިއްޒަތްތެރި ގާޒީ،" އޭނާ ބުންޏެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު 100،000ރ. އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އިއުތިރާފުވިޔަސް، އަދަބަށް ލުޔެއް ނުލިބެ އެވެ.
އެކަމަކު މުރުތަޟާ ހައްޔަރުކޮށްގެން ބަންދުގައި އެއް އަހަރާއި ހަ މަހާއި 16 ދުވަސްވެފައިވާތީ މި މަހުގެ ތިން ވަނަ ދުވަހު ގާޒީ ދީބަނާޒު ފަހުމީ ހުކުމް ކުރެއްވީ އޭނާ 23 އަހަރާއި ފަސް މަހާއި 14 ދުވަހަށް ޖަލަށް ލައި 100،000ރ. އިން ޖޫރިމަނާ ކުރާށެވެ.
ޝަރީއަތުގައި އިއުތިރާފުވުމުން ފަސް ދުވަސް ތެރޭގައި މައްސަލަ އަވަސް ނިޔާއިން ނިންމަން ޖެހޭނެ އެވެ. މުރުތަޟާ އިއުތިރާފުވީ މި އަހަރުގެ އޭޕްރިލް މަހު އެވެ. އެކަމަކު ކޮވިޑްގެ ހާލަތާ ހެދި އޭނާގެ އަވަސް ނިޔާގެ ޝަރީއަތް ނުބޭއްވި ގިނަ ދުވަސްވީ ކަމަށް ހުކުމުގައިވެ އެވެ.