ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ "މާޓީވީ" ން ދައްކާނެ
ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ "މާޓީވީ" ން ދައްކާނެ

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތައް ސްޓެލްކޯގެ "މާޓީވީ" ން ދައްކަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ރާއްޖެ ކުޅޭ މެޗުތައް މާޓީވީން ދައްކަން ނިންމީ ގައުމީ ރޫހު އާލާކޮށް ވީހާ ވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މިފަދަ ގައުމީ ކޮންމެ ކަމެއްގައި ދިވެހިންނަށް ފަސޭހަ ކޮށްދިނުމަށް ސްޓެލްކޯ އޮންނާނީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މާޓީވީ" ފެންނާނީ ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ސަރަހައްދު ކުރިމަތިންނެވެ. މިއީ ސަރުކާރުގެ އެކި ކުންފުނިތަކުން އާންމުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ބެހެއްޓި ޓީވީ އެކެވެ. މި ޓީވީ މެދުވެރިކޮށް އެކި ހަފުލާތަކާއި މުބާރާތްތައް މީގެ ކުރިން ވެސް ދެއްކި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިރޭ 9:00 ގައި ރާއްޖެ އާއި ބަންގްލަދޭޝާ ބައްދަލު ކުރާނެ އެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގައި ކުޅޭނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އިންޑިއާއާ ބައްދަލު ކުރާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ 9:00ގަ އެވެ.

ރާއްޖެ ކުޅޭ މެޗުތަކުގެ ޑިމާންޑު ބޮޑުވެ، މިރޭ އޮތް މެޗުގެ ޓިކެޓުތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ވިކި ހުސްވެފަ އެވެ.