ލަންކާގައި ފުޓްބޯޅަ ކުޅޭނެ ވަކި ސްޓައިލެއް ފުރަތަމަ ފަހަރަށް ކަނޑައެޅިއްޖެ: ކޯޗު
ލަންކާގައި ފުޓްބޯޅަ ކުޅޭނެ ވަކި ސްޓައިލެއް ފުރަތަމަ ފަހަރަށް ކަނޑައެޅިއްޖެ: ކޯޗު

ސްރީ ލަންކާގެ ގައުމީ ޓީމުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކުޅޭނެ ވަކި ސްޓައިލެއް ކަނޑައެޅިއްޖެ ކަމަށް ލަންކާގެ ކޯޗު އާމިރު އަލަގިޗް ބުނެފި އެވެ.

ލަންކާގައި ފުޓްބޯޅަ ކުޅޭނެ ވަކި ސްޓައިލެއް ފުރަތަމަ ފަހަރަށް ކަނޑައެޅިއްޖެ: ކޯޗު
ލަންކާގައި ފުޓްބޯޅަ ކުޅޭނެ ވަކި ސްޓައިލެއް ފުރަތަމަ ފަހަރަށް ކަނޑައެޅިއްޖެ: ކޯޗު

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ ކޯޗު ބުނީ، ޑެވެލޮޕްމެންޓް މަސައްކަތްތަކަށް އެކަނި ހާއްސަވާން އޭނާ ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި ގައުމީ ޓީމު މެނޭޖު ކުރަން އެހެން ކޯޗަކު ހަމަޖެއްސުމަށް ވެސް އޭނާ ލާފާ ދީފައި ވާނެ ކަމަށް ބޮސްނިއާ އަށް ނިސްބަތްވާ އަލަގިޗް ބުންޏެވެ.

އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ލަންކާއިން ކުޅުނީ އޯޕަން ގޭމެކެވެ. އޭގެ ސަބަބުން އެޓޭކިން ފުޓްބޯޅައެއް ކުޅުމަށް ލަންކާ އަށް މަގުފަހިވި އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އެ ގޮތަށް ކުޅެން ފެށިއިރު ދެން އަންނަ ކޯޗެއްގެ ވިސްނުމާ އެއްގޮތަށް އެހެން ސްޓައިލަކަށް ގޭމް ބަދަލުވުމުގެ ފުރުސަތު އޮވެދާނެ ނޫންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ލަންކާގެ ގައުމީ ޓީމަށް ގެންނަ ކޯޗު ވާނީ އޭނާ ކަނޑައަޅާފައިވާ އޮނިގަނޑުގެ ތެރޭގައި މަސައްކަތް ކުރާނެ ކޯޗަކަށް ކަމަށެވެ.

އޭނާ ބުނީ މިހާރު ލަންކާ އަކީ ސެކަންޑް ގްރޭޑްގެ ފުޓްބޯޅަ ކުޅޭ ޓީމެއް ނޫން ކަމަށެވެ. އަދި ގޭމް އޯޕަންކޮށް ކުޅޭކަށް ލަންކާގެ ކުޅުންތެރިން މިހާރު ޖެހިލުމެއް ނުވާ ކަމަށް ވެސް އަަލަގިޗް ބުންޏެވެ.

"ގައުމީ ޓީމަށް ދެން އަންނަ ކޯޗުގެ ފަރާތުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ޓެކްނިކަލް އޮނިގަނޑެއް އަހަރެމެން އަތުގައި އެބައޮތް. އެ ކޯޗަކަށް އެ އޮނިގަނޑުން ބޭރަކަށް ނުދެވޭނެ،" އަލަގިޗް ބުންޏެވެ.

ލަންކާގެ ފެޑެރޭޝަންގައި އަލަގިޗް މަސައްކަތް ފެށިއިރު އެއްވެސް ގޭމް މޮޑެލެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ފެށީ ސުމަކުން. އަހަރެން އައި އިރު ފުޓްބޯޅަ ކުޅޭނެ ވަކި އައިޑެންޓިޓީއެއް ނެތް. މިހާރު އަހަރެމެންގެ ވަކި އައިޑެންޓިޓީއެއް ވެސް އެބައޮތް. އެހެންވީމަ ގައުމީ ޓީމަށް ހަމަޖައްސާ ކޯޗު އިހްތިޔާރު ކުރާނީ އެ ސްޓައިލަށް ކުޅޭނެ ކޯޗުން،" އަލަގިޗް ބުންޏެވެ.

"ނޮވެމްބަރު، ޑިސެމްބަރުގައި އަހަރެން ދާނަން ޔޫރަޕަށް. މި އުސޫލަށް ފެތޭ ބައެއް ކޯޗުންނާ އަހަރެން ވާހަކަ ދައްކާނަން. އަދި އެ ކޯޗް އައްޔަން ކުރެވިގެންދާނެ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން. ހަމަގައިމު ވެސް އެ އަންނަ ކޯޗަކު ސުމަކުން ފަށާކަށް ނުޖެހޭނެ."

އެކަމަކު ލަންކާގެ ލީގަކީ ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން ފޯރުކޮށްދެވޭނެ ވަރުގަދަ ލީގަކަށް ވާން ޖެހޭ ކަމަށް އަލަގިޗް ބުންޏެވެ. އަލަގިޗްގެ ލަންކާ މިއަދު ހަވީރު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އޭނާ ބުނީ އިންޑިއާގެ ސުޕަ ލީގުގެ ވާދަވެރިކަން އެ ގައުމުގެ ގައުމީ ޓީމަށް ވުރެ ބޮޑު ކަމަށެވެ.

"އެއީ އިންޑިއާގެ ލީގުގައި އޮތް ވަރުގަދަކަން ހާމަކޮށްދޭ ކަމެއް. އަހަރެމެންގެ ލީގު ވެސް އެ ކޮލިޓީ އޮންނަން ޖެހޭ."

ގައުމުން ބޭރުގައި ދިރިއުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިން ގައުމީ ޓީމަށް ގެންނާނެ ކަމަށް އަލަގިޗް ބުންޏެވެ. ލަންކާގެ ގައުމީ ޓީމަށް ކުޅެން ޝަރުތު ހަމަވާ ފަސް ކުުޅުންތެރިން މިހާރު ވެސް ގައުމުން ބޭރުގައި ކުޅެމުންދާކަން އޭނާ ފާހަގަ ކުރި އެވެ.