ޔޫއޭއީން ބުނަނީ އެ ގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް
ޔޫއޭއީން ބުނަނީ އެ ގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް

ދުބާއީ (އޮކްޓޯބަރު 7) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އެ ގައުމުގައި މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ޔޫއޭއީން ބުދަ ދުވަހު އިއުލާންކޮށްފި އެވެ.

"ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ޔަގީންކަން އަރުވަން ބޭނުން ވަނީ ދިރިއުޅުން ދެން އާއްމު ހާލަތަކަށް އަންނާނެކަން،" އަބޫ ދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު، ރަސްމީ ނޫސް އެޖެންސީ އަށް ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަށް ވެސް ދެން ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ ކިޔެވުމާއި އާއިލީ ކަންކަމާއި އަމިއްލަ ދިރިއުޅުމަށް ވެސް އެ ބަދަލުތައް އަންނާނެ."

ބޮޑު ބަލިމަޑުކަމުން އަރައިގަނެވުނީތީ ކްރައުން ޕްރިންސް ވަނީ މާތްﷲ އަށް ޝުކުރު އަދާކޮށްފަ އެވެ.

ޔޫއޭއީން މި މަހުގެ މިހާތަނަށް ދުވާލަކު ރިޕޯޓްކުރާ ކޮރޯނާވައިރަހުގެ ކޭހުގެ އަދަދު 200 އަށް ވުރެ ދަށެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން ޔޫއޭއީގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް އެންމެ ދަށަށް ދިޔަ ފަހަރެވެ.

ޔޫއޭއީގެ ދިރިއުޅުން އާއްމު ހާލަތަކަށް ރުޖޫއަވަމުން ދިޔަ ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ކަމަށްވާ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތައް ހަރުކަށިކަމާ އެކު އަދިވެސް ތަންފީޒް ކުރެ އެވެ. ކޮވިޑުގެ ދުވަސްވަރު ވެސް ޔޫއޭއީން ވަނީ ބައިނަލްއަގުވާމީ ދަތުރުވެރިންނަށް މިދިޔަ އަހަރުގެ ޖުލައިން ފެށިގެން އެ ގައުމު ހުޅުވާލައިފަ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020 ވަނީ މި މަހު 1 ވަނަ ދުވަހު އެ ގައުމުގައި ފަށައިފަ އެވެ. އެކްސްޕޯ ހުޅުވާފައި މި ވަނީ އަހަރު ދުވަހުގެ ފަސްވުމަކަށް ފަހު އެވެ.

ދުބާއީ ހުޅުވާލި ނަމަވެސް އަބޫ ދާބީ ހުޅުވާލަން ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހު އެވެ.

ޔޫއޭއީން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 737،000 މީހުންނެވެ. އެ ބަލީގައި އެ ގައުމުން ވަނީ 2،104 މީހުން މަރުވެފަ އެވެ.