މުސާރައިގެ އޮނިގަނޑު ބަހާލާނީ 200 ބަޔަށް!
މުސާރައިގެ އޮނިގަނޑު ބަހާލާނީ 200 ބަޔަށް!

ދައުލަތުގެ މުސާރަތަކުގައި މިހާރު އޮތް ފަރަގުން، ބައެއް މުވައްޒަފުންނަށް ހައްގު މުސާރަ ލިބެމުން ނުދާ ކަމަށާއި އެކަން އަންނަ އަހަރުން ފެށިގެން ހައްލުކުރަން ފަށާނެ ކަމަށް ނެޝެނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މުސާރައިގެ އޮނިގަނޑު ބަހާލާނީ 200 ބަޔަށް!
މުސާރައިގެ އޮނިގަނޑު ބަހާލާނީ 200 ބަޔަށް!

ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މުސާރައިގެ މިންގަނޑަކަށް މިހާރު އަމަލުކުރަމުން އަންނަނީ 80ގެ އަހަރުތަކުގައި ގެންގުޅެމުން އައި އުސޫލު ކަމަށާއި ޕޭ ކޮމިޝަނެއް އުފެއްދީ އެކަން ހައްލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ 2016 އިން ފެށިގެން ޕޭ ކޮމިޝަނުން އެ މަސައްކަތް ކުރަމުން އައި ކަމަށެވެ.

"މަގާމުތަކުގެ މުސާރައިގެ ފަރަގު ނައްތާލުމުގެ މަސައްކަތް މިވަނީ ނިނުމަކާ ހަމައަށް އައިސްފައި،" އޭނާ ވިދާޅުވި އެވެ.

ޕޭ ކޮމިޝަނުގެ މަސައްކަތުގެ 95 ޕަސެންޓް އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕޭ ކޮމިޝަނުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކޮމިޝަނުގެ ހުރިހާ މަސައްކަތް ނިންމާލުމެވެ. އަދި އަންނަ އަހަރުން ފެށިގެން މުސާރައިގެ އޮނިގަނޑަށް އެ ބަދަލުތައް ގެނައުމެވެ.

އަމީރު ވިދާޅުވީ، މުސާރައިގެ ފަރަގުތައް ނައްތާލުމަށް ކުރާ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ހާލަތު ކަމަށެވެ. މި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2020 ގައި ޕޭ ކޮމިޝަނުގެ މަސައްކަތްތައް ނިންމާލުމަށެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތް ދިގުލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"2019 ވަނަ އަހަރު އަޅުގަނޑުމެން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2020 ވަނަ އަހަރު ހާމަނައިޒް ސްޓްރަކްޗާ އަކަށް ދިއުން. އެކަމަކު އިގްތިސާދަށް ލޮޅުން އަރައި ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާ އެކު އަޅުގަނޑުމެންނަށް ޖެހުނީ އެ މަސައްކަތް ލަސްކޮށްލަން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މުސާރަ ބޮޑު ކުރާ ނަމަ ނުވަތަ ބަދަލުތައް ގެނައުމަށް ބަޖެޓުން އެ ޖާގަ ބޭނުންވާ ކަމަށެވެ.

ދައުލަތުގެ އެކި އެކި މުއައްސަސާތަކުގައި ފަރަގު ކުޑަ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމަށް ވަރަށް ގިނަ މަރުހަލާތަކެއްގެ ހުރަސްކުރަން ޖެހުނެވެ. ޕޭ ކޮމިޝަނުގެ މަސައްކަތުން މިހާރު ވަނީ 200 ފަންނަކަށް ސަރުކާރުގެ މުއައްސަސާތަކުގެ ވަޒީފާތައް ބަހާލައި، އެ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލައިފަ އެވެ.

"ދެން ހުންނާނީ ޖީއެސް 3 ނުވަތަ އެމްއެސް 2 ގެ މަގާމުތަކެއް ނޫން. ދެން ހުންނާނީ އެކި ފަންނުތަކަށް ބަހާލައިގެން ވަކިވަކި މަގާމުތައް. މިސާލަކަށް އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ބަދަލުގައި އިކޮނޮމިސްޓުންނާއި ޒޫލޮޖިސްޓުން ފަދަ މަގާމުތައް ފެންނާނެ،" ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

ޕޭ ކޮމިޝަނުން މި މަސައްކަތް ކުރީ ވަކިވަކި މުއައްސަސާތަކާ މަޝްވަރާކޮށް، ގިނަ ދިރާސާތަކެއް ކޮށްގެންނެވެ. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ލަފާ އާއި މަޝްވަރާ ހޯދާފައިވެ އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން އެއްކުރާ މައުލޫމާތުތައް ބެލުމަށް ފަހު އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަމީރު ވިދާޅުވީ، ޕޭ ކޮމިޝަނުން މުސާރަތަކުގެ ފަރަގުތައް ކުޑަ ކުރުމުގެ އިތުރުން އެ މީހަކު އަދާކުރާ ވަޒީފާއަކީ އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާއެއްތޯ ވެސް ޔަގީންކުރި ކަމަށެވެ. މުސާރަ އެކުލަވައިލުމުގައި އެ މީހެއްގެ ފަންނުވެރިކަން ބޭނުންވާ ވަރާއި ގާބިލްކަން ބޭނުންވާ ވަރާއި ވަޒީފާ އަދާކުރުމުގައި ނަގާ ރިސްކަށް ވެސް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ޓީޗަރުންނަށް ބެލިޔަސް، ޑޮކްޓަރުންނަށް ބެލިޔަސް، އަދި އެހެނިހެން ސެކްޓާތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް ވެސް ނުދެވޭ ހައްގު މުސާރައެއް. ހައްގު މުސާރަ ދޭން ޖެހޭ. މިސާލަކަށް އެއް އޮފީހެއްގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މުސާރަ އާއި އެހެން މުއައްސަސާއެއްގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މުސާރައިގެ ވަރަށް ބޮޑު ފަރަގުތައް އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.

ޕޭ ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަން ސަރުކާރުން ބޭނުންވަނީ ވަކިވަކި މަރުހަލާތަކަށް ބަހާލައިގެން ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށެވެ. އަންނަ އަހަރު ޓީޗަރުންގެ މުސާރަ އަށް ބަދަލު ގެންނާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ ވެސް ޕޭ ކޮމިޝަނުން އެކުލަވާލި މުސާރައިގެ އޮނިގަނޑަށް އަމަލުކުރުމަށެވެ. އަންނަ އަހަރުގެ ބަޖެޓުން ވެސް ޕޭ ކޮމިޝަނުގެ ނިންމުންތައް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.