07 އޮކްޓޯބަރ 2021 - 10:16

ސަރުކާރު އޮފީހަކަށް ސިޓީއެއް ލައިގެން ޖަވާބެއް ނުލިބެ އެވެ. މިނިސްޓްރީ އަކަށް ގުޅައިގެން ފޯނެއް ނުނަގަ އެވެ. ނެގިޔަސް އެކަށީގެންވާ ޖަވާބެއް ނުލިބި މައްސަލަތަކަށް ހައްލެއް ނާދެ އެވެ. ހިދުމަތްތައް މާ ބޮޑަށް ލަސްވެފައި، ފަސޭހައިން ކޮށްލެވިދާނެ ކަންކަން އެހާ ދިގު ދަންމާލަ އެވެ. ސިވިލް ސާވިސްއާ މެދު އާންމުންގެ މި ޝަކުވާތަކަށް ހުއްޓުމެއް ނެތެވެ!

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ސިވިލް ސާވަންޓުން ގޮތުގައި މި ވަގުތު 26،521 މީހުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ގިނައީ އުމުރުން 25-35 އަހަރުގެ ޒުވާނުންނެވެ.

ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ރާއްޖޭގައި ކޮންމެ 16 މީހަކަށް ސިވިލް ސާވިސް މުވައްޒަފަކު ތިބެ އެވެ. މާނައަކީ ކޮންމެ 100 މީހަކަށް ގާތްގަނޑަކަށް ފަސް ސިވިލް ސާވިސް މުވައްޒަފުން ތިބުމެވެ.

މިވަރުގެ ބޮޑު ވޯކް ފޯސްއަކާ އެކު ވެސް އޮންނަ ޝަކުވާއަކީ ސިވިލް ސާވިސްގެ ހިދުމަތްތަކުގެ ފެންވަރު ދަށްވުމެވެ؛ ހިދުމަތް ލަސްވުމެވެ؛ ހިދުމަތް ނުލިބުމެވެ؛ ކަމެއް ކުރަން އޮފީހަށް ހުށަހެޅުމުން ޖަވާބު ނުލިބުމެވެ. ވާނުވާ ނޭނގުމެވެ.

ޕްރައިވެޓް ސެކްޓާގެ އޮފީސްތަކުގައި ހައެއްކަ މުއައްޒަފުން ތިބެގެން 24 ގަޑިއިރު ތެރޭގައި ނިންމާލެވޭ އާދައިގެ ކަންކަން ދައުލަތުގެ އޮފީހަކުން، ނުވަތަ އާންމު ބަހުން ނަމަ ސަރުކާރުން ހަފްތާއަކަށް ދިގު ދަންމާލަ އެވެ. ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ގެންގުޅެން ދައުލަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރާއިރު ވެސް ރައްޔިތުންގެ ޝަކުވާތަކެއް މަދެއް ނުވެ އެވެ.

އެ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ދައުލަތަށް ސިވިލް ސާވިސް ހިދުމަތްތައް ރަނގަޅު ކުރުމަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ އަދަދު ގިނަވުމެވެ.

އެންމެ ކުޑަ އުޖޫރައެއް ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ކަނޑައަޅަން ބަލާއިރު ވެސް، އެތައް ހާސް މުއައްޒަފުންތަކެއްގެ މުސާރަ ވަރަށް ބޮޑު ކުރަން ޖެހޭނެ ކަމުގެ ބިރު ދައުލަތަށް އޮވެ އެވެ. މުއައްޒަފުންގެ އެލަވަންސްތައް އިތުރު ކުރުން ނުވަތަ ކޮންމެ އަހަރަކު ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުތަކުން ބޭނުންވި ނަމަވެސް 26،000 މީހުންނަށް އެކަން ކޮށްދޭނެ ބަޖެޓެއް ނުހުރެ އެވެ. ކުޑަމިނުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސިވިލް ސާވަންޓުން ތަމްރީން ކުރުމަށް ވެސް ސަރުކާރުން އަޅާލުމެއް ނުބަހައްޓަނީ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

"މުއައްޒަފުންގެ ނަމްބަރު ގިނަ ވިޔަސް ރަނގަޅު ހިދުމަތެއް ނުދެވޭ. އެއީ ރަނގަޅު ވާހަކައެއް. މިވީހާ ދުވަހަށް ވެސް ސަރުކާރުތަކަށް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް،" ސިވިލް ސާވިސްގައި 30 އަހަރު ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުން ފަދަ ސިވިލް ސާވިސްގައި އާންމުންނަށް އެންމެ ބާރު ބޮޑުވާ ގިނަ ހިދުމަތްތަކަކީ އަހަރަކު އެއްފަހަރު ނުވަތަ ފަސް އަހަރުން އެއް ފަހަރު ކޮންމެ މީހަކު ވެސް ހޯދަން ޖެހޭ ހިދުމަތެކެވެ. ނަމަވެސް އެ ހިދުމަތްތައް ވެސް ލަސްވެ، ތަރައްގީ ނުވާ މައްސަލަ އާއި ސިޓީތަކަށް ޖަވާބު ދިނުން ފަދަ ކަންކަމަށް އެތައް ދުވަހެއް ނަގާ ކަމުގެ ޝަކުވާ އިންތިހާ އަށް އޮވެ އެވެ.
ސުވާލަކީ އެކަށީގެންވާ ހިދުމަތެއް ނުދެވި ކަންކަން ލަސް ވަނީ ސިވިލް ސާވަންޓުން މަދުވުމުން ހެއްޔެވެ؟
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބެންކުގެ ތަޖުރިބާކާރުންނާ ހަވާލާ ދެއްވައި ސީއެސްސީގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމް ދެއްވި ޖަވާބަކީ ރާއްޖެ އަށް 26،000 ސިވިލް ސާވަންޓުން މާ ގިނަ އެވެ. ނަމަވެސް އެއަށް ވުރެ ބޮޑީ އިންސާނީ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ގޮތް ކަމަށް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގައި މުއައްޒަފުންގެ އަދަދު މާ ގިނަ ކަމަށް މީގެ ކުރިން ހަދާފައިވާ ހިއުމަން ރިސޯސް އޮޑިޓަކުން ދައްކަ އެވެ. ނަމަވެސް އަނެއްބައި އޮފީސްތަކުގައި ކުރާ މަސައްކަތަށް ބަލާއިރު މުއައްޒަފުންގެ އަދަދު މަދުވެ، ހިދުމަތްތަކަށް ބުރޫ އަރާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަގާމްތަކަށް ބޭނުންވާ ހުނަރު ވެސް މަދު ކަމާއި މުއައްޒަފުން ތާޒާ ކުރަން ޖެހުން ފަދަ އެތައް ކަމެއް އެ އޮޑިޓުން ދެއްކި. ނަމަވެސް ސަރުކާރުތަކަށް ހުށަހަޅައިގެން އޭގެ އެއްވެސް އަމަލީ ސިފައެއް ނައި. ކުރީ ސަރުކާރު ބަދަލުވެ މި ސަރުކާރަށް ވެސް ހިއްސާ ކުރިން. އެކަމަކު ނަތީޖާއެއް ނާދޭ،" ޝަމީމް ވިދާޅުވި އެވެ.
މުއައްޒަފުންގެ އަދަދާ ގުޅޭ ގޮތުން އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ މިހާރުގެ ޕީއެސްގެ އަޖުވަދު މުސްތަފާ ދެކިވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ ރާއްޖޭގައި ސަރުކާރު އޮފީސްތައް މާ ގިނަވުމެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ސިވިލް ސާވިސްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަޖުވަދު ވިދާޅުވި ގޮތުގައި ސަރުކާރު ކޮންމެ އޮފީހަކަށް ވެސް ހިއުމަން ރިސޯސް ޑިޕާޓްމަންޓަކާއި، އައިޓީ ޑިޕާޓްމަންޓެއް އަދި ޕްރޮކިއުމަންޓަށް ވަކި ޑިޕާޓްމަންޓެއް ހުންނަ ޖެހޭއިރު މިނިސްޓްރީތައް އިތުރުވީ ވަރަކަށް އެ ދާއިރާތަކަށް އިތުރަށް މީހުން ނަގަން ޖެހެ އެވެ. ނަމަވެސް އެއްގޮތް ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން ސިވިލް ސާވިސްގެ ހިދުމަތްތައް މާ ބޮޑަށް ހަލުވިވެ، މުއައްޒަފުންގެ އަދަދު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ދާދި ފަހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލީމަ އެޗްއާރް އާއި ޕްރޮކިއުމަންޓް އަދި އައިޓީ ފަދަ ކަންކަން މާޖް ވެފަ މިއޮތީ،" އަޖުވަދު ވިދާޅުވި އެވެ.
އިންސްޓިޓިއުޝަންތައް މަދު ކުރުމަށް ފަހު ރަނގަޅު އަދި ގާބިލް މުއައްޒަފުންތައް ގޮވައިގެން ސިވިލް ސާވިސްގެ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް ދެވިދާނެތޯ ބަލަން ޖެހޭ ކަމަށް އަޖުވަދު ވިދާޅުވި އެވެ. އަދި މަދުވާ މިނިސްޓްރީތަކަށް މުއައްޒަފުން ނަގާއިރު އެހެން މިނިސްޓްރީތަކުގައި އިތުރުވާ މުއައްޒަފުން ނަގައި، އިންސާނީ ވަސީލަތް ރަނގަޅަށް އެލޮކޭޓް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް އާ މެދު މީހުންގެ ޝަކުވާ ކިތަންމެ ގިނަ ވިޔަސް، ސީއެސްސީން ކޮންމެ އަހަރަކު ނެރޭ ސަރުކާރު އޮފީސްތަކުގެ ޕާފޯމަންސް އެޕްރައިޒަލް އިން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. ގިނަ އޮފީސްތަކުން އެވްރެޖްކޮށް ހުރިހާ މުއައްޒަފުންގެ މަސައްކަތް ހުންނަނީ 80 ޕަސެންޓުން މަތީ ދަރަޖައިގަ އެވެ. މާނައަކީ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅެވެ.
ނަމަވެސް ޕާފޯމަންސް އެޕްރައިސަލް އިން އެންމެ މަތީ މާކްސް ޖަހާ މިނިސްޓްރީތަކާ ބެހޭ ގޮތުން ސީއެސްސީ އާއި އެ މިނިސްޓްރީތަކަށް ލިބޭ ޝަކުވާތައް މަދެއް ނުވެ އެވެ. މި ދެ ކަންތައް ދިމާ ނުވާތީ މައްސަލައެއް އެބަ އުޅޭ ކަން އެނގެ އެވެ.
ސިވިލް ސާވިސްގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ޕީއެސްއަކު، ނަން ނުޖަހަން އެދިވަޑައިގެން، "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރެއްވި މިނިސްޓްރީގައި މުއައްޒަފުންގެ އަދަދު މަދު ކަމާއި އިތުރު މުއައްޒަފުން ހޯދަން ބޭނުންވާ ކަމުގެ ޝަކުވާތައް ގިނަވުމުން ހުރިހާ މުއައްޒަފުން ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކުރާ މަސައްކަތުގެ އިވެލުއޭޝަނެއް ހެދުމަށް އެންގި އެވެ.
ނަތީޖާއަކަށް ފެނުނީ 60 ޕަސެންޓް މުއައްޒަފުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމާއި ދުވާލަކަށް ހަތަރު ސިޓީ ނުލިޔެވޭ މީހުން ވެސް ތިބި ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މި އުޅެނީ މުއައްޒަފުން މަދުވެގެންތޯ ނޫނީ އެ މީހުން ޔޫޓިލައިޒް ކުރާ ގޮތަށް ބަދަލު ގެންނަން ޖެހޭތޯ ބަލައިލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަސައްކަތުގެ ފެންވަރު ދަށްވާ މުއައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ސީއެސްސީ އަށް ހުށަހެޅި ނަމަވެސް، ގިނަ ފަހަރަށް އެ ކޮމިޝަންގެ އެހީތެރިކަމެއް ނުލިބުން، ނުވަތަ ސިޔާސީ މަގާމުގައި ހުންނަ މީހާ ނުވަތަ މިނިސްޓަރު އެކަމާ އެއްބަސްނުވުމުގެ ސަބަބުން އެފަދަ ފިޔަވަޅެއް ނޭޅި، މިނިސްޓްރީތައް "ކިލަނބު" ވެފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އަނެއް މިސާލެއް ގޮތުގައި އޭނާ ވިދާޅުވީ މުއައްޒަފުން "ގާނޫނުގެ ބޭނުން ހިފައިގެން" ސަލާން ބުނުމެވެ. މިނިސްޓްރީތަކުގައި މިހާރު ވެސް ވަރަށް ގިނަ މުއައްޒަފުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު "ބަލިވާ" މައްސަލަ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މީގެ ކުރިން 2007 ވަނަ އަހަރު ސަލާމް ބުނާ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސް އިން ކަނޑަން ނިންމުމުން، މުއައްޒަފުން ސަލާމް ބުނުން 70 ޕަސެންޓަށް މަދުވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފަހުން ކޯޓަށް ގޮސްގެން އެ ނިންމުން އަނބުރާ ކުރިން އޮތް ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
"މިހާރު ބަލިވިޔަސް ނުވިޔަސް ސަލާން ބުނެގެން މުސާރައަކުން ނުކެނޑޭނެ. މުސާރައިން ކެނޑޭނީ ވަކި އެއްޗެއް ނާންގާ ހާޒިރު ނުވަންޏާ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަތައް ހައްލު ވާނެ އެންމެ ފަސޭހަ ގޮތަކީ މުސާރަ ބޮޑު ކުރުމުގެ ބަދަލުގައި ކުރާ މަސައްކަތަށް އުޖޫރަ ދީ، ޕާފޯމަންސް ބޭސް އެލަވަންސްތަކެއް ތައާރަފް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މުއައްޒަފެއްގެ ބޭސިކް ސެލަރީ ބޮޑު ކުރަން ވެއްޖެ ނަމަ ޕެންޝަނާއި އެހެނިހެން އެލަވަންސްތަކުގެ އަދަދު ދެ ގުނަވެ ދައުލަތަށް ބޮޑު ހަރަދެއް ކުރަން ޖެހުން ނަމަވެސް ކުރާ މަސައްކަތައް އުޖޫރަ ދޭން ފެށުމުން ކުރަން ޖެހޭ ހަރަދު ކުޑަވެ، މުއައްޒަފުންގެ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއައްޒަފުން ރަނގަޅަށް މަސައްކަތް ކުރާ ވަރަކަށް އަދި ކުރާ މަސައްކަތަކަށް އިތުރު އެލަވަންސްތައް ލިބި، ގެއަށް ގެންދަން ބޮޑު މުސާރަައެއް ލިބެންޏާ އެންމެން ބަލާނީ ވީހާ ވެސް ގިނައިން އަދި ރަނގަޅަށް މަސައްކަތް ކުރަން. ސިވިލް ސާވިސްގެ ކޮލިޓީ ރަނގަޅު ވާން ފަށާނެ. މިހާރު ވާގޮތަކީ މަސައްކަތް ކުރިޔަށް ނުކުރިޔަސް ދޭން ޖެހޭ މުސާރަ ދޭނެ. ފިޔަވަޅެއް ވެސް ނޭޅޭނެ،" އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގެ ސިވިލް ސާވިސް އަށް ބަލާއިރު ވެސް މިދިޔަ 50 އަހަރުގެ ތެރޭގައި ސަރުކާރު މުއައްޒަފުންގެ ބޭސިކް މުސާރަ ބޮޑެއް ނުވެ އެވެ. ނަމަވެސް އެލަވަންސްތައް ހިމަނައިގެން އެ މީހުން ގެއަށް ގެންދާ މުސާރަ ތިން ގުނަ ވަނީ އިތުރުވެފަ އެވެ. ހަވާލު ކުރާ މަސައްކަތް ނިންމުމާ ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅު ކުރާ މިންވަރަކަށް އެލަވަންސްތައް އިތުރު ކުރުމުން ދައުލަތައް ވެސް މުއައްޒަފުންނަށް ވެސް އޮތީ ފައިދާ އެވެ.
ރާއްޖެ އަށް ކޮވިޑް-19 ގެ ދަތި އުނދަގޫ ހާލަތެއް އައުމަކީ ސިވިލް ސާވިސް އަށް އެތައް ބައިވަރު ފިލާވަޅުތަކެއް ދަސްވެ މިދިޔަ 15 އަހަރުގެ ތެރޭގައި ވެސް ނުކުރެވި އޮތް ކަންކަން އަހަރެއް ތެރޭގައި ކޮށް ނިންމާލެވުނު ހާލަތެއް ކަމަށް އެ ދާއިރާގެ ތަަޖުރިބާކާރަކު ވިދާޅުވި އެވެ.
ލައިސަންސް ހެއްދުމަށް 12 ކައުންޓަރު ކައިރީގައި ދިގު ކިއޫތައް ހަދައިގެން އެތައް ގަޑިއިރަކު އިންނަން ޖެހުމުގެ ބަދަލުގައި އޮންލައިން ކޮށް ވަރަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހުނެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމާ ގުޅޭ ކަންކަން ވެސް ޕޯޓަލް މެދުވެރިކޮށް ކުރިޔަށް ވުރެ ބޮޑަށް ފަސޭހަވެ ތަރައްގީވި އެވެ. ސިވިލް ސާވަންޓުން ވަޒީފާ އަށް ނުނެރި، ސިވިލް ސާވިސް ހިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދަން މަޖުބޫރުވި އެވެ.
"މިހާރު އައިސީޓީގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަން އަޅުގަނޑުމެންނަށް މި ކޮވިޑް-19 އިން ދަސް ކޮށްދީފި. މުއައްޒަފުން މަދުކޮށް، ހިދުމަތްތައް ރަނގަޅު ކުރެވޭނެ އެއް ގޮތަކީ އައިސީޓީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން، ފަސް މުއައްޒަފުންގެ މަސައްކަތް އެކަކަށް ވެސް ކުރެވޭނެ،" ކުރީގެ ޕީއެސްއަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން އަބަދުވެސް މިސާލު ނަގާ ސިންގަޕޫރުގައި ސަރުކާރުގެ ހުރިހާ ބިޑެއް ކުރިޔަށް ދާނީ އިލެކްޓްރޯނިކް ބިޑިން ގޮތުގަ އެވެ. ދުވަހަކު ވެސް ކަރުދާހެއް ބޭނުން ނުކުރާނެ އެވެ. އެ ގައުމުގައި ސިވިލް ސާވިސް އިން 18،000 ހިދުމަތް ދެނީ އޮންލައިން ކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"99 ޕަސެންޓް ބާތު ސެންޓަރުތަކުން ވިހާތަނުން އައިޑީ ކާޑަކަށް ރަޖިސްޓްރީ ކުރާނެ. އެތަނުން ޕޭރަންޓެއްގެ ފިންގާ ޕްރިންޓު ނަގާނެ. އެންމެ ފަހަރަކު ޕާސްޕޯޓް ހަދާނެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ސިސްޓަމުން ރިކުއެސްޓް ކުރީމަ ޕާސްޕޯޓް ވަގުތުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮންލައިން ޕޯޓަލްތައް ބޭނުން ކުރަން ފެށުމުގެ އިތުރުން ދައުލަތުގެ ތެރޭގައި ގެންގުޅޭ އޮންލައިން "ޖެމްސް" ސިސްޓަމްގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކުރާ މިންވަރަށް ވުރެ 50 ޕަސެންޓު އިތުރަށް ޖެމްސް ބޭނުން ކުރަން ފެށިޔަސް ހިދުމަތްތައް ވަރަށް ބޮޑަށް އަވަސް ވާން ފަށާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
ސިވިލް ސާވިސް އަށް ބޭނުންވަނީ ބަދަލުތަކެކެވެ. މުވައްޒަފުން ގިނަ ތަންތަނުން މުވައްޒަފުން ވަކިކޮށް، ނުވަތަ އެހެން ދާއިރާތަކަށް ބަދަލު ކުރުމަކީ މުޅި ސިވިލް ސާވިސް އަށް އޮތް ހެވެކެވެ. އެކަމާ ދެބަސްވާނެ އެކަކު ވެސް ނެތެވެ!