އެއާޕޯޓް އެކްސިޑެންޓުގައި,  ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުން ވެއްޖެ
އެއާޕޯޓް އެކްސިޑެންޓުގައި, ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހިނގި ކާރު އެކްސިޑެންޓުގައި، ރާއްޖެ އަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާ އަށް ފަހު ހުޅުލޭގައި ބެހެއްޓި ކަނޑުގެ ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުން ވެއްޖެ އެވެ.

އެއާޕޯޓް އެކްސިޑެންޓުގައި,  ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުން ވެއްޖެ
އެއާޕޯޓް އެކްސިޑެންޓުގައި, ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުން ވެއްޖެ

މެންދުރު ފަހު އެއާޕޯޓުގައި ދުއްވާފައި ދިޔަ ދިރާގުގެ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މި އެކްސިޑެންޓުގައި ގެއްލުންވި ދިޔަވަރު ބަލާ ސްޓޭޝަންގެ ކަންކަން ބަލަހައްޓަނީ ރާއްޖޭގެ މޫސުމީ އިދާރާ، މެޓް އޮފީހުންނެވެ. މި ސްޓޭޝަން ހުންނަނީ އެކްސިޑެންޓު ހިނގި، އިންޓަނޭޝަނަލް ޓާމިނަލުގެ ކުރިމަތީގައި މޫދާވީ ފަޅީގަ އެވެ.

މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް އަލީ ޝަރީފް މިރޭ "މިހާރު" އަށް ވިދާޅުވީ އެކްސިޑެންޓުގައި އެ ސްޓޭޝަނަށް ގެއްލުންވެފައިވާ ކަމަށާއި ލިބުނު ގެއްލުންތަކުގެ ތަފުސީލު މިހާރު ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ފެންނަން ހުރި ގެއްލުންތަކުގެ ތެރޭގައި އެ ސްޓޭޝަން ބަހައްޓާފައި ހުރި ކޮންކްރީޓު ގަނޑު އެއްފަޅިން ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އެތަނުގައި ހަރުކޮށްފައި ހުރި އެންޓަނާގެ ބޮކްސް އެނބުރިފައިވާ ކަމަށެވެ.

"މިތަނުން އަޅުގަނޑުމެން އެއްކުރާ ޑޭޓާ އަށް މައްސަލަ ދިމާވިތޯ ޔަގީންކުރުމަށް އެނަލިސިސްއެއް ހަދާނެ. ބޮޑު ގެއްލުމެއް ވިކަން ޔަގީންކުރެވޭނީ އޭރުން،" ޝަރީފް ވިދާޅުވި އެވެ.

ދިޔަވަރު ބަލާ އެ ސްޓޭޝަނަކީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ދިމާވެދާނެ ސުނާމީއާ ބެހޭ އިންޒާރުދިނުމުގެ ނިޒާމުގެ ބައެކެވެ. އެ ސްޓޭޝަންނަށް އާލަތްތައް ހަދިޔާކޮށްފައި ވަނީ ފިންލެންޑާއި ޖަރުމަނާއި ޖަޕާނާއި ނެދަލެންޑްސް އާއި ނޯވޭ އާއި ސުވިޑަން ސަރުކާރާ އަދި ޔޫރަޕިއަން ކޮމިޝަންގެ މާލީ އެހީތެރިކަމާ އެކު ޔުނެސްކޯގެ ފަރާތުންނެވެ.

ދިގު މުއްދަތަށް ކަނޑުގެ ލޮނުގަނޑުގެ އުސްމިނަށް އަންނަ ބަދަލު ބެލުމަށް މި ސްޓޭޝަނުން އެއްކުރާ ޑޭޓާ ބޭނުންކޮށްގެން ދިރާސާތައް ވެސް ހަދަ އެވެ.

ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓުގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އަނިޔާވެފައި ވަނީ ތިން ފިރިހެނުންނަށް ކަމަށެވެ. އަދި އެ ތިން މީހުންނަށް ވެސް އެއާޕޯޓްގެ މެޑިކަލް ޕޮއިންޓުގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެކްސިޑެންޓުވި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެކްސިޑެންޓުވި މީހުން މަގުމައްޗަށް ވެއްޓިފައި ތިއްބަ އެވެ.

މި އެކްސިޑެންޓު ހިންގުމާ ގުޅިގެން ދިރާގުން ވަނީ މާފަށް އެދި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފަ އެވެ. އަނިޔާވި މީހުންނަށް އެހީވާނެ ކަމަށާއި މި އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރާ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.