06 އޮކްޓޯބަރ 2021 - 16:56

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިރާގުގެ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓުގައި ހިނގާފައި ވަނީ މިއަދު މެންދުރު ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގެ ކުރިމަތީގަ އެވެ.
ފުލުހުން ބުނީ އެއާޕޯޓުގެ މައި މަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ވޯކްވޭ ފެންސުގައި ޖެހި، ފެންސު ފަޅައިގެން ގޮސް ވޯކްވޭ މައްޗަށް އަރައި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އަނިޔާވެފައި ވަނީ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަށް ވެސް އެއާޕޯޓްގެ މެޑިކަލް ޕޮއިންޓުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓުވި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު، އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެކްސިޑެންޓުވި މީހުން މަގުމައްޗަށް ވެއްޓިފައި ތިއްބަ އެވެ.
މި އެކްސިޑެންޓު ހިންގުމާ ގުޅިގެން ދިރާގުން ވަނީ މާފަށް އެދި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފަ އެވެ.
އަނިޔާވި މީހުންނަށް އެހީވާނެ ކަމަށާއި މި އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރާ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.