04 ޑިސެމްބަރ 2016 - 17:14

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 4) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގާ ޖަރީމާތަކާއި މުސްލިމުން މެރުން އަން ސަން ސޫކީ ހުއްޓުވަން ޖެހޭނެ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ވެރިރަށް ކުއާލަ ލަމްޕޫރުގައި ގާތްގަނޑަކަށް 5،000 މީހުންނާ މުޚާތަބް ކުރައްވާ ނަޖީބު މިއަދު ވިދާޅުވީ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން ރަކިނީ ސްޓޭޓް ދޫކޮށްދާ މުސްލިމުންގެ މައްސަލަ ވެސް މިއަންމާ ސަރުކާރުން ހައްލު ކުރަން ޖެހޭ ކަމަށެވެ.

"އަން ސަން ސޫކީ އަށް ނޯބެލް ސުލްހައިގެ އިނާމު ދިނުމުގެ ބޭނުމަކީ ކޮބައި؟" ނަޖީބު ސުވާލު ކުރެއްވި އެވެ. "އަޅުގަނޑުމެން އަން ސަން ސޫކީ އަށް ދަންނަވަން ބޭނުން ވަނީ މިހާރު ފުދިއްޖޭ. މުސްލިމުންނާއި އިސްލާމް ދީން އަޅުގަނޑުމެން ހިމާޔަތް ކުރާނަމޭ."
ނަޖީބު ވިދާޅުވީ މިއަންމާގެ މުސްލިމުންނަށް ޖައްސަމުންދާ ދަތި ހާލުން ސަލާމަތް ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް ދައުރެއް އަދާކުރުމަށް ބޭނުންވާ ކަމަށެވެ.
"އޯއައިސީ އާއި އދ. އިން ވެސް މިކަން ހުއްޓުވައިދީ. މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލްއާއްމެއް ހިންގަމުންދާ އިރު އިށީނދެލައިގެން މަންޒަރު ބަލާކަށް ނުތިބެވޭނެ،" ނަޖީބު ވިދާޅުވި އެވެ.
މިއަންމާ ސިފައިންގެ އަނިޔާތަކުން ސަލާމަތްވުމަށް ރޮހިންޔާ ދަރިކޮޅުގެ 10،000 އަށް ވުރެ ގިނަ މުސްލިމުން ވޭތުވެދިޔަ ދުވަސްތަކުގައި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ބަންގްލަދޭޝް އަށް އެތެރެވާ މިއަންމާގެ މިސްލިމުން ވަނީ އެ މީހުންނަށް ދޭ އަނިޔާތަކުގެ ވާހަކަތައް ކިޔައިދީފަ އެވެ. އެކަމަކު މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށެވެ.
މިއަންމާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް މެލޭޝިއާގައި މިދިޔަ މަހު ވަނީ މުޒާހަރާކޮށްފަ އެވެ. އަދި މިއަންމާ ސަފީރު ވެސް ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.