07 ޖޫން 2016 - 07:53

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"ހައި!" ލަދުރަކިކަމާ އެކުގައި ރޯސް ބުނެލިއެވެ.
ރޯސްގެ އިސްތަށިގަނޑުގައި ހަރުލައިފައި ހުރި ފެންތިކިތަކަށް ބޮކީގެ އަލި އެޅުމުން ބަބުޅަމުންދިޔައެވެ. ލޮލުގެ ދިގު އެސްފިޔަތަކުގެ އަސްކެނިން ޙިމާޔަތް ހޯދުމަށް އަހަރެންގެ ހިތް ގޮވަމުންދިޔައެވެ. އެހެން ދިމާއަކަށް އެނބުރެން އަހަރެންގެ ހިތް އިންކާރު ކުރިއެވެ. ރޯސްއަށް އުނދަގޫވިއެވެ. ލަދުގަތެވެ. އަމިއްލަ ތުންފަތުގައި ދަތްއަޅައިލަމުން ރޯސް އިސްޖަހައިލިއެވެ. އޭނަގެ ހެދުމުގައި ބީހުމުގެ ޝަރަފު ވާރެއަށް ލިބިފައިވެއެވެ. ކަޅު ކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވައިލައިފައިވެއެވެ. ލައިގެން ހުރި ސްކާޓް ކުރެވެ. އެކަމަކު އައިބެއް ނޫނެވެ. ކަޅުކުލައިގެ ބޫޓުގެ ކޮޅު ހިމަވެފައި ފުންނާބު އުހެވެ. ރޯސްގެ ބޮލުން ފެށި ދަތުރު ފަޔަށް ހުއްޓައިލުމަށް ފަހު، ހަތަރު ކަޅި ހަމަކޮށްލީމެވެ.
"ވަންނަންތަ؟" ރޯސް އެހިއެވެ.
ރޯސްއަށް ތަން ދެއްކުމުގެ ގޮތުން އަހަރެން އެއްފަރާތަކަށް ޖެހިލީމެވެ. ރޯސް ބޫޓު ބޭލިއެވެ. އަހަރެންގެ ގައިގައި ނުޖެހި އެތެރެއަށް ވަދެވުނުކަމަކަށް ރޯސް ނުހެދިއެވެ. އެއީ، މާނައެއް އެކުލެވިގެންވާ އިޝާރާތެއް ހެއްޔެވެ؟ ކުށްހީއެއް ފޮރުވިފައިވާ ސަމާސާއެއް ހެއްޔެވެ؟
"އެއީ ދޯ ޓޮއިލެޓް؟" ފާޚާނާއަށް އިޝާރާތް ކޮށްލައިފައި ރޯސް ބުނެލިއެވެ.
އަހަރެން ޖަވާބެއް ދިނުމުގެ ކުރިން ރޯސް ހިނގައިގަތެވެ. ފާޚާނާއަށް ވަނެވެ. ރޯސްގެ ބޫޓު އަހަރެން އެތެރެއަށް ލީމެވެ. ދޮރު ލައްޕައި ތަންޑުއެޅުވީމެވެ. އިރުކޮޅެއް ވިއެވެ. ފާޚާނާއަކުން ރޯސްއެއް ނުނިކުތެވެ. އެ ފާޚާނާއަށް ވަންނަ މީހަކު ނުކުންނަ ހިތެއް ނުވާނެއެވެ. ބޮޑުވެފައި ރީތިކަމުންނެވެ. ފާޚާނާގެ ތެރެއިން ނުކުމެވޭ ގޮތަށް ހުންނަ ކޮޓަރިއެއް ހުންނާނެއެވެ. ޙަޤީޤަތުގައި އެއީ އަލަމާރިއެކެވެ. ފަތްޖަހައިފައި ހުންނަ ތުވާއްޔާއި، ފެންވަރައިގެން ނުކުންނައިރު ލާ ހެދުން ފަދަ އަންނައުނު ވެސް އޭގައި ހުންނާނެއެވެ. މަޝްހޫރު އެކި މަރުކާތަކުގެ ސެންޓާއި ޑިއޯ ވެސް ހުންނާނެއެވެ.
"ރޯސް!" މާ ބޮޑަށް ލަސްވުމުން އަހަރެން ގޮވައިލީމެވެ.
ގޮވައިލުމާއެކު ރޯސް ނުކުތެވެ. އޭނަ ލައިގެން ހުރީ ވިކްޓޯރިއާ ސީކްރެޓްގެ ބާތުރޯބެކެވެ.
"އޯކޭވާނެތަ؟" ރޯސް އަހައިލިއެވެ. "ޑްރެސް ނުހިކޭތީ!"
"ރީތި ހެދުމަކީ ރީތި ކުދިން ލާން ހުންނަ އެއްޗެއް،" ހިނިތުންވެލައިފައި އަހަރެން ބުނީމެވެ. "ކޮފީ؟"
"ވަރަށް ހޫނުކޮށް،" ސޯފާގައި އިށީނދެފައި އެއްފައި މައްޗަށް އަނެއް ފައި އެއްލަމުން ރޯސް ބުންޏެވެ. "ލަވާޒާ ހުރޭތަ؟"
ރޯސްއަކީ މޮޑެލް ކުރާ ކުއްޖެއްބާއޭ އަހަރެން ހިތަށްއެރިއެވެ. އެ ފަދަ ކުދިން ހުއްޓި ހުންނަ ގޮތާއި، ހިނގާ ގޮތާއި، އިށީންނަ ގޮތް ވެސް ރޯސްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ފާޑު ހުރެއެވެ.
"ނުކެރޭނެ ނެތް ވައްތަރެއް ބުނާކަށް،" ކޮފީ ހަދަން ފަށަމުން އަހަރެން ބުނީމެވެ. "ކަމުދޭތަ މި ތަން؟ ރޯސް ބުނީމެއްނު މި ކަހަލަ ތަނެއްގަ ވަރަށް އުޅެލާހިތް ވެއޭ."
"މީ ހާދަ ސަޅި ތަނެކޭ،" ވަށައިގެން ނަޒަރުހިންގާލަމުން ރޯސް ބުންޏެވެ. "ދުވަހަކު ވެސް މަ ނުވަންނަހާ ރީތި، އަރާމުތަނެއް މީ. ތީ ވަރަށް ރިޗް މީހެއްތަ؟ ކިތައް ކުދިން މި ތަނަށް އިންވައިޓް ކޮށްފިން؟"
އަހަރެން ހީނގަތީމެވެ. ކޮފީ ހަދައިގެން ގެނެސް ރޯސްއަށް ކޮފީތަށި ދިނީމެވެ. އަހަރެން ވެސް ސޯފާގައި އިށީނީމެވެ. ތަންކޮޅެއް ދުރުގައެވެ. ރޯސް ތެދުވެގެން އައިސް، ދެމެދުގައި އިތުރު ޖާގައެއް ނެތްހާ ގާތުގައި އިށީނެވެ. ކޮފީފޮދެއް ބޯލިއެވެ. ހޫނު ކޮފީތަށްޓަކުން އެތިފޮދެއް ބޯލާ ގޮތަށެވެ.
"މަ މި ތަނަށް ގެނައި ހަމައެކަނި ކުއްޖަކީ ތީ!" އަހަރެން ބުނީމެވެ.
"ސޯ ސްވީޓް!" ވަރަށް އުފާވެފައި ރޯސް ބުންޏެވެ. "ބޭނުންތަ ސަޕްރައިޒެއް؟"
ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން އިންދައި ރޯސް ތެދުވިއެވެ. ކައިރީގައި ހުރި މޭޒުމަތީގައި ކޮފީތަށި ބެހެއްޓިއެވެ. އަހަރެންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފައި އަހަރެން ތެދުވީމެވެ. އަހަރެން ގޮވައިގެން ރޯސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އަހަރެން ބޭންދިއެވެ.
"އެނދުގަ ރީއްޗަށް އޮށޯވެލަބަލަ!" ރޯސް ބުންޏެވެ.
އަހަރެން އެނދުގައި އޮށޯތީމެވެ. ކުޑަ ކޮށްޓަކަށް ލައިފައި އިން ވަގު ދޫންޏެކޭ އަހަރެންގެ ހިތެކޭ ތަފާތެއް ނެތެވެ.
"ދެން ލޯ މަރާ!" އޯގާތެރިކަމާ އެކުގައި ރޯސް ބުންޏެވެ.
"ކީއްކުރަން ތި އުޅެނީ؟" އަހަރެން ސުވާލުކުރީމެވެ.
"ޓްރަސްޓް މީ! މަށަށް އިތުބާރުކޮށްފަ، ލޯމަރާލާ! ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަހަލަ ސަޕްރައިޒެއް މި ދެނީ،" ލައިގެން ހުރި ހެދުމުގެ ޖީބުން ފޮތިކޮޅެއް ނަގަމުން ރޯސް ބުންޏެވެ. "އަން! ލޯމަތީގަ އައްސާލާ!"
"ވަރަށް ރެޑީވެގެންދޯ ތި އައީ؟" ފޮތިކޮޅު އައްސާލަމުން އަހަރެން ބުނީމެވެ.
"ދެން މޫނުމަތީގަ ބާލީހެއް ބާއްވާ!" ވަރަށް ލޯތްބާއެކު ރޯސް ބުންޏެވެ. "ޗީޓް ނުކުރާތި!"
"ހާދަހާ ވަރުގަދަ ސަޕްރައިޒެކޭ،" މޫނުމަތީގައި ބާލީސް ބާއްވަމުން އަހަރެން ބުނީމެވެ. "ބާލީސް ވެސް ބޭއްވިއްޖެ! ދެނޯ؟"
"ދެން ރިލެކްސް!" ރޯސް އެދުނެވެ. "ކުޑަކުޑަ އިރުކޮޅެއް."
ވާންއުޅޭ ގޮތަކާ މެދު ވިސްނަން އަހަރެން އޮތީމެވެ. ކުއްލިއަކަށް ގަޔަށް ކަށްޓެއް ހެރުނުކަމުގެ އިހުސާސް ކުރެވުނެވެ. ދެން ވެސް އަހަރެން އޮތީމެވެ. ގައި އައްސިވާހެން ހީވިއެވެ. އަހަރެން މޫނުމަތިން ބާލީސް ނެގީމެވެ. ލޯމަތީގައި އެއްސި ފޮތިކޮޅު ވެސް މޮހައިލީމެވެ. ރޯސް ވަރަށް ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. އަތުގައި އިންޖެކުޝަނެއް އޮތެވެ.
"ކީއްތިކުރީ؟" އިހުސާސްކުރެވެމުންދިޔަ ލޮޑުކަމާ ހަނގުރާމަކުރަމުން އަހަރެން ބުނީމެވެ. "ކޮން އިންޖެކްޝަނެއް..."
ފުން ނިންޖެއްގެ ތެރެއަށް ގެނބެމުންދިޔައިރު، ލާނެތް ގޮތަކަށް ރޯސް ހިނިއައިސްފައި ހުރި ތަން ދުށީމެވެ.
"ރިލެކްސް..." ރޯސް ތަކުރާރުކޮށް ބުނަމުންދިޔައެވެ. "ނިދާލާ!"
ކުއްލިއަކަށް އަހަންނަށް ހޭލެވުނެވެ. ސިކުންތެއްވިހެން ވެސް އަހަންނަކަށް ހިއެއްނުވެއެވެ. ނިދީގެ އަސަރު އޭރު ވެސް ހުއްޓެވެ. އަހަރެން އޮތީ އައްސައިފައެވެ. އަތެއްފަޔެއް ގުޑުވައި ނުލެވޭ ވަރަށެވެ. ރޯސް ލައިގެން ހުރީ، އެޕާޓުމަންޓަށް އައިއިރު އޭނަ ލައިގެން ހުރި ހެދުމެވެ. އޭނަ ހުރީ އަހަންނަށް ފުރަގަސްދީގެން ފޯނުން މީހަކާ ވާހަކަދައްކާށެވެ. ކޮންމެވެސް ނުބައެއް އުޅޭހެން އަހަންނަށް ހީވީ އެ ވަގުތުއެވެ.
"މީ ކޮންކަމެއް؟" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.
ރޯސް އެނބުރިލައިފައި އަހަންނަށް ބަލައިލިއެވެ. އޭނަގެ މޫނުމަތިން އޭރު ވެސް ފެންނަން ހުރީ އޯގާތެރިކަމެވެ.
"މި ބުނަނީނު އިރުކޮޅަކުން ގުޅާނަމޭ!" ފޯނަށް ރޯސް ޖަވާބުދިނީ ރުންކުރު ގޮތަކަށެވެ. "ދޭނަމޭ! މި ރޭ! މި ފޯނު ބާއްވައިގެން ދޯ މަށަށް އެހެން ކަމެއް ކުރެވޭނީ."
ފޯނު ބާއްވާފައި ރޯސްގެ މޫޑު ބަދަލުކޮށްލިއެވެ. ހިނިތުންވެލިއެވެ.
"ހެލޯ!" އަހަންނަށް ހަނާއަޅައިލަމުން ރޯސް ބުންޏެވެ. "ރަނގަޅަށް ނިދާލެވިއްޖެތަ؟"
"މި މޮހާލާ!" ދެ އަތް ތަޅުވައިގެންފައި އަހަރެން އަމުރުކުރީމެވެ. "ހަމަ މިހާރު މޮހާލާ!"
"އެޔޯ؟" ރޯސް ހައިރާންވެފައި އެހިއެވެ. "ސަޕްރައިޒް ބޭނުމެއް ނޫން؟"
އަހަރެން ބުނާ އެއްޗެއްގެ ސީރިޔަސްކަން ރޯސްއަކަށް ނުވިސްނެއެވެ. ނުވަތަ ވިސްނާކަށް އޭނަ ބޭނުމެއް ވެސް ނުވެއެވެ. ރޯސް ދައްކަނީ އޭނަ ދައްކަން ބޭނުން ވާހަކައެކެވެ.
"ރައްޓެހި ނަރުސްކުއްޖެއް ގާތުގަ މަ ބުނިން ޑޯސް ތަންކޮޅެއް ދަށްކުރައްޗޭ!" ރޯސް ގަޑިއަށް ބަލައިލަމުން ބުންޏެވެ. "ގަޑިއެއްގެއިރު ފަހުން ތި ހޭއެރީ. މީ ރައްޓެއްސެއް ގާތުގަ ކަމަކު ބުނީމަ ވާ ވަރު. ކިހާ ޓައިމެއް މި ދިޔައީ؟ ރަނގަޅަށް ލޯ ހުޅުވައިގެން އޮންނާތި!"
ރޯސް ފޮޓޯ ނަގަން ފެށިއެވެ. ކުރެވޭނެކަމެއް ނެތުމުން އަހަރެން އޮތީއެވެ. ހިރިލެވޭކަށް ވެސް އަހަންނަކަށް ނެތެވެ. މީހުން ބުނަނީ ތެދެކޭ ހިތަށްއެރިއެވެ. ބެދޭ މަޅިއެއް ނުފެންނާނެއެވެ. ފައިސާގެ ބޭނުމުގައި އަންހެނުންގެ މުށުތެރޭގައި ފިރިހެނުން ހައްޔަރު ކުރުމަކީ މާލޭގައި ހިނގާކަމެކެވެ. ނޫސްތަކުން އެ ޚަބަރުތައް ކިއީމެވެ. އަހަންނަށް އެ ކަހަލަ ކަމެއް ކުރިމަތިވެދާނެ ކަމަކަށް، ދުވަހަކު ވެސް ހިއެއްނުކުރަމެވެ. އަހަރެން ހީކުރީ އަހަންނަކީ އެ އަށް ވުރެ މާ ހުސިޔާރު މީހެއް ކަމަށެވެ.
"ދެން ޖެހޭނީ އެފްބީގަ ޕޯސްޓުކޮށްލަން،" ފޯނާ ކުޅެމުން ރޯސް ބުންޏެވެ. "ޓެގް ކޮށްލާނަން އިނގޭ."
"ކިހާ ލާރިއެއް ބޭނުމީ؟" އެހެން ގޮތެއް ނެތުމުން އަހަރެން ބުނީމެވެ. "ތި އެފްބީއަށް ނުލާ! ކިހާ ވަރެއް ދޭންވީ؟"
"ސްމާޓް ބޯއި!" ފޯނު ބާއްވަމުން ރޯސް ބުންޏެވެ. "އެކަމަކު އެހާ ސްމާޓެއް ނޫން ދޯ؟ ސްމާޓް ނަމަ، ދަރިއެއް އޭޖްގެ ކުއްޖަކަށް އިންވައިޓް ކޮށްގެން މި ކަހަލަ ސަކަރާތެއް ނުޖަހާނެ ދޯ؟ ކިހާ ހަޑިކަމެއް މީ! މީހުން ކިހާ މަލާމާތެއް ކުރާނެ. އުމުރު ކިހާ ވަރެއް؟
އެ ސުވާލަށް ޖަވާބުދިނުމަކީ އަހަންނަށް މުހިންމުކަމަކަށް ނުވިއެވެ.
"ހަލޯ!" ތަންކޮޅެއް ބާރަށް ރޯސް ބުންޏެވެ. "އޯލްޑް މޭން! އުމުރު ކިހާ ވަރެއްހޭ؟ ފޮޓޯ އެފްބީއަށް ލާންވީތަ؟
"ތިރީސް އަށެއް." އެހެން ދިމާއަކަށް ބަލަހައްޓައިގެން އޮވެ އަހަރެން ބުނީމެވެ
"ދޮގު!" އަހަރެންގެ އައިޑީކާޑު ދައްކައިލަމުން ރޯސް ބުންޏެވެ. "ފޯޓީ އެއިޓް. ސާޅީސް އަށެއް. ލަދުގަންނަނީތަ އޭޖު ބުނަން؟ މަ ހީކުރީ އަހަރުމެން އެކަނި ކަމަށް އޭޖު ބުނަން ލަދުގަންނަނީ. ކިހާ ހެއްވާ؟ ތި އޭޖްގެ މީހަކު މި އޭޖްގެ ކުއްޖަކާ ގުޅައިގެން ބޮލަށް އެރޭކަށް ލަދެއް ނުގަނޭ."
ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުއްޓެވެ. ކުރިން އަހަރެން ނިންމީ އެ ފަދަ އެއްވެސް އެއްޗެއް ނުބުނާށެވެ. އެހެން ހެދުމުން ރޯސްއަށް ހީވަނީ އަހަރެންގެ އަނގަ ބަންދުކޮށްލެވެނީ ހެންނެވެ. ވުމާއެކު، އަހަރެންގެ ވިސްނުން ބަދަލުކުރީމެވެ. ބިރުކުޑަކަން ވެސް އަންގައިލީމެވެ.
"ކާކު ފުރަތަމަ ވާހަކަދެއްކީ؟" އަހަރެން ސުވާލުކުރީމެވެ. "ކާކު ފުރަތަމަ ބުނީ ހިނގާށޭ ކޮންމެވެސް ކަމެއް ކޮށްލަން؟ އޭރުން ފޫހިފިލާނޭ؟ މަ ހަނދާނެއް ނުވޭ މަ އެހެން ބުނި ހަނދާނެއް."
ރޯސް ފޯނު ނެގިއެވެ. އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. ވީޑިޔޯނަގަން ފެށިއެވެ. މަޑުމަޑުން އަހަންނާ ގާތަށް އައެވެ. އަހަރެންގެ މޫނު އެރިޔަނުދޭން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އައްސައިފައި ހުރީ ވަރަށް ވަރުގަދަ، ނައިލޯނު ރޯނަކުންނެވެ. އަތް މިނިވަން ކުރެވޭތޯ ބެލީމެވެ. ރޯސް އެނދުގައި އިށީނެވެ. ދެ މީހުން އެކުގައި އަރާ ވަރަށް ފޯނު ދުރުކޮށްލިއެވެ. އަހަރުމެން ދެ މީހުން އެކުގައި ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ރޯސް ބޭނުންވީ ދެ މީހުން ފެނުން އެކަންޏެއް ނޫނެވެ.
"ރެޑީ؟" ރޯސް ބުނެލިއެވެ. (ނުނިމޭ)