06 އޮކްޓޯބަރ 2021 - 20:14

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ޓެކްނިކަލީ އެންމެ ރަނގަޅު ޓީމަކީ އިންޑިއާ ކަމަށާއި ނަމަވެސް ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
މާދަމާ ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ މިއަދު ބައްދަލުކުރަމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފައި ވަނީ، ލަންކާ ޓީމު މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ހައްގުވާވަރުގެ ކުޅުމެއް ދެއްކި ކަމަށެވެ.
އިންޑިއާ އާއި ސްރީ ލަންކާ މާދަމާ ހަވީރު ވާދަކުރާ މެޗަކީ އިންޑިއާ މިމުބާރާތުގައި ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމު ވަނީ 10 މީހުނާ އެކު ކުޅުނު ބަންގްލަދޭޝްއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ސްޓިމަކް ނޫސްވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ބުނެފައި ވަނީ، އިންޑިއާ ޓީމް އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ނަމަވެސް ނަތީޖާ ނުނެރެވުނީ ޓީމު ކުޅުންތެރިން އަތުން ހެދިގެން ނުވާނެ ގޯސްތަކެއް ހެދި، ކުޅުންތެރިންގެ ތަޖުރިބާ ވެސް ބޭނުން ނުކުރެވިގެން ކަމަށެވެ.
"މިއީ ފުޓުބޯޅަ. އަހަރެމެންނަށް އޮތީ މާދަމާގެ މެޗުން މޮޅެއް ހޯދައި، އަނެއްކާވެސް ތިންވަނަ މެޗަށް އެއަށް ވުރެން ރަނގަޅަށް ތައްޔާރުވުން،" ފުރަތަމަ މެޗުގެ ނަތީޖާއަށް އަލިއަޅުވާލަމުން ސްޓިމަކް ބުންޏެވެ.
"އިދިކޮޅު ޓީމުގެ އެޓޭކިން ކުޅުންތެރިން އެޓޭކިން ތާޑާ ހަމަޔަށް އަޔަ ނުދޭން ކުޅެވެން އޮތް ކޮންމެ ގޮތަކަށް އެމީހުނަށް ކުޅެވޭނެ. އެއީ ފުޓުބޯޅައިގެ ގަވާއިދުން ތަން ދޭ ކަމެއް. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެމީހުންގެ ތަފާތު ކަމަކީ ފިޒިކަލީ ވަރުގަދަވުން. އޭގެ ބޭނުން އެ މީހުން އެބަކުރޭ ވަރަށް ރަނގަޅަށް. އެމީހުން ހިތްވަރު ކުރޭ 90 މިނިޓާ ހަމަޔަށް ވެސް. މިހަކަލަ ޓީމަކާ ދެކޮޅަށް ވަރަށް ހަލުވި ވާން ޖެހޭނެ. އަވަސް ޕާސްތަކަކާ އެކު މޫވްމަންޓްސް ގިނަކުރަން ޖެހޭ،" ސްރީ ލަންކާގެ ފިޒިކަލް ކުޅުމާ ގުޅޭގޮތުން ސްޓިމަކް ބުންޏެވެ.
"އުނދަގޫ ވާނެ މެޗެއް މިއީ. ސްރީ ލަންކާއާ ދެކޮޅަށް ކޮންމެ ޓީމަކަށް ވެސް އުނދަގޫ ވޭ ކުޅެން. އެކަމަކު ފުރުސަތު ލިބޭނެ. ޖާގަ ވެސް ލިބޭނެ. އަހަރެމެން ސަމާލުވެ ތިބެން ޖެހޭނެ ކެތްތެރިކަމާ އެކު."
މީގެ އިތުރުން ކޮވިޑް-19 ޕެންޑަމިކާ އެކު އިންޑިއާ ފުޓުބޯޅައިގެ ބައިވަރު ޕްރޮޖެކްޓްތަކެއް ހުއްޓިފައި ހުރި ކަމަށާއި، އޭގެ ސަބަބުން ނެރެން ބޭނުންވާ ނަތީޖާ ލިބުން ދަތިވެފައިވާކަން ވެސް ސްޓިމަކް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް ކެތްތެރިކަމާއެކު މަސައްކަތްކޮށް، ޓީމުގެ ކުޅުންތެރިން ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދަމުން ދާކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
"ޔަގީންކަމާ އެކު އަހަރެންނަށް ބުނެވިދާނެ، ޓެކްނިކަލީ ބުނާނަމަ އަހަރެމެންނަކީ މިތާނގައި (ސާފް ޗެމްޕިއަންޝިޕުގައި) އެންމެ ރަނގަޅު ޓީމު. އެކަން ދަނޑުމަތީގަައި ސާބިތު ކޮށްދޭން ޖެހޭ. ފުޓުބޯޅައިގައި ކާމިޔާބު ހޯދަން ދަނޑުމަތީ ކުޅޭ ކުޅުން ދައްކަން ކުރަންޖެހޭ މަސައްކަތް ވަރަށް މުހިއްމު،" ސްޓިމަކް ބުންޏެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އިންޑިއާ ޓީމުގެ ގޯލްކީޕަރު ގުރްޕުރީތު ސިންގް ބުނީ، ހަވީރު 4 ޖަހާއިރު ފުޓުބޯޅަ ކުޅެން އުނދަގޫ ނަމަވެސް، އޮގަސްޓް މަހު މި އަހަރުގެ އޭއެފްސީ ކަޕަށް ރާއްޖެ އައިސް ގަލޮޅު ދަނޑުގައި ކުޅުމަށް ފަހު، ވަގުތާއި ތަނާއި މޫސުމަށް ވެސް ހޭނިފައިވާ ކަމަށެވެ.
އިންޑިއާ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ފާށާނީ މާދަމާ ހަވީރު 4 ޖަހާއިރެވެ.